ކ. މާލެ
|
1 އޯގަސްޓް 2022 | ހޯމަ 18:25
އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ
އޭއެފްސީ ވިމެންސް އޭޝިއަން ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޗައިނާ
ރޮއިޓާސް
އޭޝިއަން ކަޕް 2026
ވިމެންސް އޭޝިއަން ކަޕް 2026 ހޯސްޓުކުރުމަށް ސައުދީން ބިޑްކޮށްފި
މުބާރާތް ހޯސްޓު ކުރުމަށް މިހާތަނަށް ހަތަރު ޤައުމަކުން ބިޑް ކޮށްފައިވޭ
ސައުދީގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމު އެންމެ ފުރަތަމަ އިންޓަރނޭޝަނަލް މެޗެއް ކުޅުނީ މިއަހަރުގެ ފެބްރުއަރީ މަހު

ވިމެންސް އޭޝިއަން ކަޕް 2026 ހޯސްޓުކުރުމަށް ސައުދީ އަރަބިއްޔާއިން ބިޑްކޮށްފިއެވެ.

މި މުބާރާތް ހޯސްޓު ކުރުމަށް މިހާތަނަށް ހަތަރު ޤައުމަކުން ބިޑް ކޮށްފައިވެއެވެ. ސައުދީގެ އިތުރުން މުބާރާތް ހޯސްޓު ކުރުމަށް ބިޑް ހުށަހަޅާފައިވަނީ އޮސްޓްރޭލިއާ، ޖޯޑަން އަދި އުޒްބަކިސްތާނުންނެވެ.

ސައުދީގެ ޤައުމީ އަންހެން ފުޓްބޯޅަ ޓީމު އެންމެ ފުރަތަމަ އިންޓަރނޭޝަނަލް މެޗެއް ކުޅުނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެހެންކަމުން 2026 ވަނަ އަހަރު އޮންނަ މި މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ސައުދީއަށް ލިބިއްޖެ ނަމަ، އެ މުބާރާތް ވެގެންދާނީ އެޤައުމުގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ އަންހެނުންގެ ފުޓްބޯޅަ މުބާރާތަށެވެ. 2017 ވަނަ އަހަރުގެ ނިޔަލަށް ސައުދީގެ އަންހެނުންނަށް މެޗު ބަލަން ސްޓޭޑިއަމްއަށް ވަނުންވެސް އޮތީ މަނާކޮށްފައެވެ.

އޮސްޓްރޭލިއާއިން އެންމެ ފަހުން މި މުބާރާތް ބޭއްވީ 2006 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރުގެ މުބާރާތް ބޭއްވީ ޖޯޑަންގައެވެ. އުޒްބަކިސްތާނުގައި މިހާތަނަށް މި މުބާރާތް ބާއްވާފައެއް ނުވެއެވެ. މިފަހަރުގެ މުބާރާތް ބޭއްވީ އިންޑިއާގައެވެ. ސައުތު ކޮރެއާ ބަލިކޮށް މުބާރާތް ކާމިޔާބުކުރީ ޗައިނާއިންނެވެ. ޗައިނާއިން ވަނީ މި މުބާރާތް ނުވަ ފަހަރު ކާމިޔާބުކޮށް އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކުރި ޤައުމުގެ ރެކޯޑު ހަދާފައެވެ.

އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަން (އޭއެފްސީ) އިން ބުނީ ހަތަރު ޤައުމުގެ ބިޑުތައް ދިރާސާ ކުރުމަށްފަހު 2026ގެ މުބާރާތް ބާއްވާނެ ޤައުމެއް އިއުލާނުކުރާނީ 2023 ވަނަ އަހަރު ކަމަށެވެ.

- ކޮމެންޓް