ކ. މާލެ
|
31 ޖުލައި 2022 | އާދީއްތަ 07:53
ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކުރުމުގެ ތެރެއިން
ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކުރުމުގެ ތެރެއިން
ޓްވީޓަރ
ޖަރުމަނު ސުޕަ ކަޕް
ލެއިޕްޒިގު ބަލިކޮށް ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި
ބަޔާނުން ލެއިޕްޒިގްގެ މައްޗަށް ކުރި ހޯދީ 5-3 ން

އާރްބީ ލެއިޕްޒިގް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

މިއީ ބަޔާނުން ޖަރުމަނު ސުޕަ ކާމިޔާބުކުރި 10 ވަނަ ފަހަރެވެ. ބަޔާނުން ލެއިޕްޒިގްގެ މައްޗަށް ކުރި ހޯދީ 5-3 ންނެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބަޔާނުން ވަނީ ތިން ލަނޑު ޖަހައި ލީޑު ނަގާފައެވެ. ބަޔާންގެ ފުރަތަމަ ލަނޑު 14 ވަނަ މިނެޓުގައި ޖެހީ ޖަމާލް މުސިއާލާއެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު 31 ވަނަ މިނެޓުގައި ސަޑިއޯ މާނޭ ޖެހިއިރު، ތިން ވަނަ ލަނޑު ބެންޖަމީން ޕަވާޑް ޖެހީ 45 ވަނަ މިނެޓުގައެވެ.

ދެ ވަނަ ހާފު ފަށައިގެން 59 ވަނަ މިނެޓުގައި ލެއިޕްޒިގްގެ މާސެލް ހަލްސްޓެންބާގް ވަނީ އެ ޓީމަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ސާޖް ގްނަބްރީ ވަނީ ބަޔާނަށް ހަތަރު ވަނަ ލަނޑު ޖަހައިދީފައެވެ. ތިން ގޯލުގެ ލީޑެއްގައި ބަޔާނުން ލީޑެއްގައި އޮތް ނަމަވެސް، ލެއިޕްޒިގުން ވަނީ ދެ ލަނޑު ޖަހައި ގޯލަކަަށް ފަރަގު ކުޑަކޮށްފައެވެ. އެއީ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއެއްގައި ކްރިސްޓޮފް އެންކުންކޫ ޖެހި ލަނޑާއި، 89 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ޖެހި ލަނޑެވެ. އިތުރު ވަގުތުގެ ތެރޭގައި ބަޔާންގެ ލެރޯއި ސާނޭ ވަނީ އެ ޓީމުގެ ފަސް ވަނަ ލަނޑު ޖަހާފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު އެހެން ޤައުމުތަކުގެ ސުޕަ ކަޕް ފައިނަލަށް ބަލާއިރު، ޕޯޓޯ އިން ވަނީ 3-0 ން ޓޮންޑޭލާ ބަލިކޮށް ޕޯޗުގަލްގެ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. ނެދަލެންޑްސްގެ ސުޕަ ކަޕްގައި ޕީއެސްވީ ވަނީ 5-3 ން އަޔެކްސް ބަލިކޮށް ތަށި އުފުލާލާފައެވެ.

- ކޮމެންޓް