ކ. މާލެ
|
15 ޖޫން 2017 | ބުރާސްފަތި 10:37
އެފް- 15 ގެ ފައިޓާ ޖެޓެއް
އެފް- 15 ގެ ފައިޓާ ޖެޓެއް
ރޮއިޓަރސް
އެމެރިކާ-ގަަތަރު
މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި
ގަތަރާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ގަލްފުގެ ބައެއް ގައުމުތަކުން ކަނޑާލުމުގެ ސަބަބުން ގަތަރު ވަނީ ވަރަށް ބޮޑަށް އެކަހެރިވެފައި

 ސައުދީ އަރަބިއްޔާ އާއި އެ ގައުމުގެ އެކުވެރި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލާފައި ވަނިކޮށް އެމެރިކާ އިން ގަތަރަށް ހަނގުރާމަމަތީ މަތިންދާބޯޓުގެ ވައްތަރެއް ކަމަށްވާ އެފް-15 ގެ މަތިންދާބޯޓުތަކެއް ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ބާރަ ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގައި، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ސޮއި ކުރެއްވީ ގަތަރުގެ ޑިފެންސް މިނިސްޓަރު ހާލިދް އަލީ އަތިއްޔާ އާއި އެމެރިކާގެ ޑިފެންސް މިނިސްޓަރު ޖިމް މެޓިސްއެވެ.

ބުދަ ދުވަހު ސޮއި ކުރެއްވި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން ގަތަރުގެ ޑިފެންސް މިނިސްޓަރު އަލީ އަތިއްޔާ ވިދާޅުވީ އެގްރިމަންޓުން ދައްކައިދެނީ ގަަތަރުން ރަހްމަތްތެރި ގައުމުތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ކަމަށެވެ. އަދި ގައުމުތަކާއި ގުޅިގެން ސަރަހައްދާއި އަދި މުޅި ދުނިޔޭގެ ހަމަޖެހުމަށްވެސް ގަތަރު އޮތީ މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ބުދަ ދުވަހު ސޮއިކުރި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމުގެ ސަބަބުން އިތުރު ހަރުފަތަކަށް އެމެރިކާ އާއި ގަތަރުގެ އަސްކަރީ ގުޅުން ގެންދިއުމަށް ބާރަކަށް ވާނެ ކަމަށެވެ.

އެމެރިކާ އިން ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު ދާދިފަހުން އެެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ސައުދީއާ އެކީ 110 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ގަތަރުން ހަތިޔާރު ގަތުމުގެ އެއްބަސްވުމެއްގައި ސޮއިކުރިއިރު ގަތަރު ޓެރަރިޒަމަށް ހިއްވަރުދޭ ކަމަށް ބުނެ ގަލްފުގެ ބައެއް ގައުމަކުން އެގައުމާ އެކު އޮންނަ ޑިޕްލޮމެޓިކް ގުޅުން ވަނީ ކަނޑާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. މި ގައުމުތަކުން ގަތަރާ މެދު ކުރާ ތުހުމަތުތައް ގަތަރުން ދޮގު ކުރެއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް