މަނީ ލޯންޑްރިން އަދި ބްލެކްމެއިލްގެ ތުހުމަތުތަކެއްގައި ގުއާޓެމާލާގެ ނަން މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ހޯސޭ ރޫބެން ޒަމޯރާ މަރޮކީން ހައްޔަރުކޮށްފިއެވެ.
ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. ފުލުހުން ވަނީ އޭނާ ދިރިއުޅޭ ގެއާއި، މަސައްކަތްކުރާ އޮފީސް ބަލާ ފާސްކޮށްފައެވެ.
ހޮނިހިރު ދުވަހު އެގައުމުގެ އެހެން ނޫސްވެރިއަކު ވަނީ ޒަމޯރާ ޖަލު ގޮޅިއެއްގައި ހުރެ ވާހަކަދައްކާ މަންޒަަރު ފެންނަ ވީޑިއޯއެއް ޓްވިޓަރގައި އާންމުކޮށްފައެވެ. އެ ވީޑިއޯގައި އޭނާ ވަނީ މިހުރިހާ ކަމަކާހުރެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން ފަށާފައިވާކަން އިއުލާނުކޮށްފައެވެ.
އުމުރުން 65 އަހަރުގެ ޒަމޯރާ އަކީ އެލްޕެރިއޯޑިކޯ ނޫހުގެ ފައުންޑަރެވެ. އެއީ ގުއާޓެމާލާގެ ސަރުކާރުގެ ކޮރަޕްޝަން ހާމަކުރުމުގައި ނަން މަޝްހޫރު ނޫހެކެވެ.
އެގައުމުގެ ސްޕެޝަލް ޕްރޮސެކިއުޓަރސް އޮފީސް އެގެއިންޓްސް އިމްޕިއުނިޓީގެ ހެޑް ރަފައެލް ވިދާޅުވީ މަރޮކީން ހައްޔަރުކުރީ އޭނާގެ ނޫސްވެރިކަމާ ގުޅޭ މައްސަލައެއްގައި ނޫންކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ ވިޔަފާރީގެ ތެރެއިން މަނީ ލޯންޑަރ ކޮށްފައިވާކަމުގެ ތުހުމަތުތަކަކާއެކުކަމަށް ވިދާޅުވިއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
