ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 18:30
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގެއި ލެވްރޮވް
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގެއި ލެވްރޮވް
ރާއްޖެ އެމްވީ
ރަޝިއާ-އެމެރިކާ
ރަޝިއާއިން ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ދެ މީހުން ދޫކޮށްލުމާގުޅޭގޮތުން މަޝްވަރާކުރައްވައިފި
ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މަޝްވަރާގެ ފޯން ކޯލް ދެމިގެންގޮސްފައި ވަނީ 25 މިނެޓަށް
މި މަޝްވަރާތަކުގެ ތެރޭގައި ބްލިންކެން ވަނީ އެމެރިކާއިން ހުށަހަޅާފައިވާ 'ރަނގަޅު ޕްރްޕޯސަލް' ގަބޫލުކުރެއްވުމަށް ލެވްރޮވްގެ އަރިހުގައި ދަންނަވާފައި
ރަޝިއާއިން ވަނީ ވީހާވެސް ޑިޕްލޮމެޓިކްކޮށް މިކަންތައް ކުރުމަށް ހުށަހަޅާފައިކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނޭ

ރަޝިއާއިން ހައްޔަރުކޮށްފައި ތިބި އެމެރިކާގެ ދެ މީހުުން ދޫކޮށްލުމާ ގުޅޭގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާއި ރަޝިއާގެ ފޮރިން މިނިސްޓަރު ސެރްގެއި ލެވްރޮވް މަޝްވަރާކުރައްވައިފިއެވެ.

ހުކުރު ދުވަހު ބްލިންކެންއާއި ލެވްރޮވް ވަނީ ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރިއަށްގެންދަވާފައެވެ. މި މަޝްވަރާތަކުގެ ތެރޭގައި ބްލިންކެން ވަނީ، އެމެރިކާއިން ހުށަހަޅާފައިވާ "ރަނގަޅު ޕްރޮޕޯސަލް" ގަބޫލުފުޅުކުރެއްވުމަށް ލެވްރޮވްގެ އަރިހުގައި ދަންނަވާފައެވެ.

މިއީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ފެށުނުފަހުން މި ދެގައުމުގެ ފޮރިން މިނިސްޓަރުންގެ ދެމެދު މިގޮތަށް މަޝްވަރާތައް ކުރިއަށް ގެންދެވުނު ފުރަތަމަފަހަރެވެ. އެހެންކަމުން ދެބޭފުޅުންވެސް އެ ދެބޭފުޅުންގެ ގައުމު މިވަގުތު ޚިޔާރުކޮށްގެން ތިބި ސްޓޭންޑްގައި ތިއްބެވިކަން ދައްކަވާފައިވާކަން ދެގައުމުންވެސް ފާހަގަކުރެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާރޓްމެންޓްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބްލިންކެން ވަނީ، މަޝްވަރާތައް ކުރެއްވިއިރު، ވީހާވެސް ސީދާކޮށް މަޝްވަރާތައް ކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާފައި ވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމެރިކާގެ ދެ ރައްޔިތުންކަމަށްވާ ޕައުލް ވެލަންއާއި ބްރިޓަނީ ގްރިނަރ ދޫކޮށްލުމާގުޅޭގޮތުން އެމެރިކާއިން ހުށަހަޅާފައިވާ ޕްރޮޕޯސަލް ގަބޫލުކުރުމަށް ރަޝިއާއަށް ބާރުއަޅުއްވާފައިވާނެ ކަމަށްވެސް ބްލިންކެން ވިދާޅުވިއެވެ.

މި ދެ ބޭފުޅުންގެ މަޝްވަރާތަކުގައި؛ ޖަރުމަނުން ހައްޔަރުކޮށް ހުކުމްކޮށްފައިވާ ރަޝިއާގެ ރައްޔިތެއްކަމަށްވާ ވަޑިމް ކްރަސިކޮވް އަނބުރާ ރަޝިއާއަށް ފޮނުވުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ރަޝިއާގެ ފޮރިން މިނިސްޓަރު މަސައްކަތްޕުޅުކުރައްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް މިކަމަށް އެމެރިކާގެ ފަރާތުން މާބޮޑު ތަރުހީބެއް ލިބިފައި ނުވާކަމަށްވެސް ރިޕޯޓުތަކުން ފާހަގަކުރެއެވެ.

މިކަމާގުޅިގެން އެމެރިކާގެ ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ؛ ރަޝިއާއިން ނަހަމަގޮތުގައި އެމެރިކާގެ ދެ ރައްޔިތުން ހައްޔަރުކޮށްފައިވުމުން އެ ދެ ރައްޔިތުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތުގައި، އެހެން ގައުމަކުން ހުކުމްކޮށް ހައްޔަރުކޮށްފައި ހުރި މީހަކު ދޫކޮށްލުމަށް މަސައްކަތްކުރުމަކީ މާ ސީރިއަސްކަމެއްގެ ގޮތުގައި ނުބެލެވޭކަމަށް ބުނެފައެވެ. އަދި އެމީހާއަކީ ފައިސާއަށް މީހުން މަރާ މީހެއްކަން ސާބިތުވެގެން ހައްޔަރުކޮށްފައިހުރި މީހެއް ކަމުން، އޭނާ މިނިވަންކުރުމަށް ރަޝިއާއިން ހުށަހެޅުމަކީ އެމެރިކާއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަށް ރަޝިއާއިން މާބޮޑު ސަމާލުކަމެއް ނުދޭކަމުގެ ހެތްކެއްކަމަށްވެސް ނެޝަނަލް ސެކިއުރިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ދެގައުމުން ހައްޔަރުކޮށްފައި ތިބި މީހުން ބަދަލުކުރުމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުގައި ރަޝިއާއިން ވަނީ، ވީހާވެސް ޑިޕްލޮމެޓިކްކޮށް މިކަންތައްކުރުމަށް ހުށަހަޅާފައިކަމަށް ރަޝިއާގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

އެމެރިކާގެ އޮފިޝަލަކު ވަނީ ދެ ގައުމުގެ ފޮރިން މިނިސްޓަރުންގެ މަޝްވަރާގެ ފޯން ކޯލް ދެމިގެންގޮސްފައިވަނީ 25 މިނެޓަށް ކަމަށާއި، މި ފޯން ކޯލް ކުރިއަށްގޮސްފައިވަނީ އޮމާންކޮށްކަމަށް ވިދާޅުވެފައެވެ.

މިހަފުތާގައި އެމެރިކާއިންވަނީ، ރަޝިއާއިން ހައްޔަރުކޮށްފައި ތިބި އެގައުމުގެ ދެ މީހުން އަނބުރާ ގައުމަށް ގެނައުމަށް ރަޝިއާއަށް ހުށަހެޅުމެއް ހުށަހަޅާފައިވާކަން އިއުލާނުކޮށްފައެވެ. ނަމަވެސް އެ ހުށަހެޅުމުގައި ވަނީ ކޮން ކޮން ކަންތައްތަކެއް ކަމެއް އެމެރިކާއިން ހިއްސާކޮށްފައެއް ނުވެއެވެ.

ބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން އެމެރިކާއިން ވަނީ އެ ދެ މީހުންގެ ބަދަލުގައި އެމެރިކާއިން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ރަޝިއާގެ އާރމް ޓްރެފިކަރ، ވިކްޓޯރ ބޮއުޓް ރަޝިއާއަށް ފޮނުވުމަށް ހުށަހަޅާފައެވެ.

މީގެކުރިން އުޒްބަކިސްތާންގައި ހުންނަވާ ލެވްރޮވް ވަނީ ދެގައުމުން ހައްޔަރުކޮށްފައި ތިބި މީހުން ބަދަލުކުރުމުގެ މަޝްވަރާތައް މިދިޔަ އަހަރުގެ ޖެނީވާގެ ސަމިޓެއްގައި ރައީސް ލެޑްމިއަރ ޕުޓިންއާއި ރައީސް ޖޯ ބައިޑެންއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު, ކުރިއަށް ދާކަމަށް ވިދާޅުވެފައެވެ.

- ކޮމެންޓް