ރާއްޖޭގެ ބޮޑުބަޔަކަށް ކުރިއަށް އޮތް 3 ދުވަހުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށް ސަމާލުވެތިބުމަށް އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.
މި ވިއްސާރައިގައި ހާއްސަކޮށް މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގައި ވައިގަދަވެ، ކަނޑުތައް ވަރަށް ބޮޑަށް ގަދަވުމާއެކު ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.
މި މުއްދަތުގައި މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެންމެންވެސް ސަމާލުވެ ތިބުމަށް ވަނި އިލްތިމާސްކޮށްފައެވެ. އެގޮތުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ގަދަ ވަޔާއިއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމާވެ ތިބުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ހުޅަނގުމޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުން އަންނަ ވިއްސާރައިގައި ބައެއް ރަށްތަކަށް އުދައަރައި ވަނީ ގިނަ ގެއްލުންތަކެއް ވެސް ލިބިފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ވެސް ބައެއް ރަށްތަކަށް ވަނީ އަސަރުކޮށްފައެވެ.