ރާއްޖޭގައި އަލަށް ހުޅުވާ ގިނަ ރިސޯޓްތަކަކީ އަޕްމަރކެޓް ރިސޯޓުތައް ކަަމަށާއި އެ ރިސޯޓުތަކުގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހިން ގިނަވުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
"ރާއްޖެ ޓީވީ" ގެ ފަލަ ސުރުޚީ ގައި ވާހަކަދައްކަވަމުން މިނިސްޓަރ މައުސޫމް ވިދާޅުވީ ރާއްޖޭގައި މިއަހަރު އެކަނިވެސް 12 ރިސޯޓު ހުޅުވި، 3500 އެނދު އަންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި އުފެދެނީ ގިނަ އަދަދެއްގެ ވަޒީފާގެ ފުރުސަތުތައް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް އެކަށީގެންވާވަރަށް ދިވެހި މުވައްޒަފުން ނެތް ކަމަށެވެ. އަދި އަލަށް ހުޅުވާ ބޮޑެތި ރިސޯޓުތަކުގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހިން ތިބުމާއި ގުޅިގެން މެދުފަންތީގެ ރިސޯޓުތަކާއި ފަތުރުވެރިކަމުގެ ދާއިރާގެ އެހެން ތަންތަނުން ބޮޑެތި ރިސޯޓުތަކަށް ބަދަލުވާ ދިވެހި މުވައްޒަފުން ގިނަ ކަމަށާއި އޭގެ ސަބަބުން އެތަންތަނަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް ވިދާޅުވިއެވެ.
މައުސޫމް ވިދާޅުވީ މިކަން ހައްލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ހިޔުމަން ރިސޯސް މެނޭޖްމަންޓް ޕްރޮގްރާމެއް ކުރިއަށްގެންދާ ކަމަށެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ދިވެހިން ފަތުރުވެރިކަމުގެ ދާއިރާއިން ބިނާކޮށް އެ ވަޒީފާތަކަށް ދިވެހިން ތައްޔާރުކުރުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި އުފެދޭ ފަތުރުވެރިކަމުގެ ހުރިހާ ދާއިރާއަކަށް ދިވެހިން ނުލިބޭނެކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ ދެން އޮންނާނެ ގޮތަކީ ބޭރުން އެ ވަޒީފާތަކަށް މީހުން ގެނައުން ކަމަށެވެ. ނަމަވެސް ދިވެއްސަކު ފަތުރުވެރިކަމުގެ ދާއިރާއިން ވަޒީފާއެއް ބޭނުންވާނަމަ އޭނާއަށް އެ ވަޒީފާ ކަށަވަރުކުރެވެން ޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަޕްމަރކެޓުގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހިން ވަރަށް ގިނަ. ކޮލިފައިޑް ރަނގަޅު ދިވެހިން އެބަތިބި. އެ މީހުން އެ ދިމާލަށް އެބަގެންދޭ ހަމަ ރާސްލާފައި. އެހެންވެ، ވާގޮތަކީ މެދުފަންތީގެ ރިސޯޓުތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް މިދިމާވަނީ. އެއީ ދިވެހިން ނުލިބޭ. އެއީ އެތަނުގައި ތިބެ ޓްރެއިންވެ ރަނގަޅަށް ކަންތައްތައް ކޮށްލަން އެނގޭއިރަށް ހާއްސަކޮށް މަތީފަންތީގެ ތަންތަން ހުޅުވުމުން އެތަންތަނަށް ދާނެތާ.ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ އާބާދީއަށް ބަލާއިރު ވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ވަރަށް ދިވެހިން ނުލިބޭނެ ކަމަށެވެ. އެހެންވެ، ބޭރުން މީހުން ގެނައުން ނޫން ގޮތެއް ނޯންނާނެ ކަމަށާއި އެމީހުން އަންނަނީ ދިވެހިންގެ ވަޒީފާ އަތުލައިގަންނަން ނޫންކަމަށް ދެކެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ކުރިއަރާފައިވާ ބޮޑެތި ޤައުމުތަކުގައި ވެސް އެހެން ޤައުމުތަކުގެ މީހުންނަށް ވަޒީފާތައް ދޭކަން ފާހަގަ ކުރައްވައި މައުސޫމް ވިދާޅުވީ ރާއްޖޭގައި ވެސް ދާއިރާ ކުރިއަރުވަން އެގޮތަށް ކަންކަން ކުރަން ޖެހޭ ކަމަށެވެ.
ޓޫރިޒަމް އިންޑަސްޓްރީގެ ޖޮބްތަކަށް ބޭނުންވާވަރަށްވުރެ އަޅުގަނޑުމެންގެ އާމާދީ މަދު. އެހެންވީމަ ބޭރުން އަޅުގަނޑުމެން މީހުން ގެންނަން ޖެހެނީ. އަޅުގަނޑު ތަކުރާރުކޮށް ބުނަން. ދިވެއްސަކު ވަޒީފާއެއް ބޭނުންވާނަމަ އޭނައަށް އެ ވަޒީފާ ޖެހޭނެ ކަށަވަރުވާން. އެއާއެކު އެހެން ފަތުރުވެރިކަމާ ގުޅުންހުރި ޚިދުމަތްތައް ދޭ ފަރާތްތަކަށް ބާރު ސްޕީޑުގައި ރިސޯޓެއް ބިނާކުރުމަށާއި އެ ބޭނުންވާ ޚިދުމަތްތަކަށް ބޭނުންވާ މީހުން ގެނައުމުގެ އޯޕަންނެސް އޮންނަން ވާނެ. އަޅުގަނޑުމެންގެ ވިސްނުންވެސް އެވަރަށް އޯޕަންވާންވީ.ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިިއަރުވައި އެ ދާއިރާއިން ތައުލީމީ އަދި ތަޖުރިބާ ހުރި ދިވެހިން ތަމްރީން ކުރުމަށް ހާއްސަ ޔުނިވަރސިޓީއެއް ހަދަން ނިންމާފައިވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ވައުދުފުޅެއް ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
ރާއްޖޭގެ ރިސޯޓުތަކުގައި ބައެއް ވަޒީފާތަކަށް ދިވެހިން ނުލިބޭ ކަމަށް މީގެ ކުރިން ވެސް ރިސޯޓުތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ހާއްސަކޮށް މަތީ ފަންތީގެ ބައެއް ވަޒީފާތަކަށް ކޮލިފައިޑް މީހުން ނުލިބޭކަން އެތަންތަނުން ވަނީ ފާހަގަކޮށްފައެވެ.