ކ. މާލެ
|
30 ޖުލައި 2022 | ހޮނިހިރު 08:46
ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި މެސީ
ބާސެލޯނާގެ ރައީސް ލަޕޯޓާ އަދި މެސީ
ޓްވިޓަރ
މެސީ ބާސެލޯނާ ދޫކޮށްލުން
މެސީ އަލުން އަނބުރާ ބާސެލޯނާއަށް ގެންނަން ބޭނުންވާކަން އެ ކުލަބުން ހާމަކޮށްފި
ލަޕޯޓާ ބުނީ ބާސެލޯނާ ދޫކޮށް މެސީ ދާންޖެހުނީ އެންމެ ފުރިހަމަ ގޮތުގައި ނޫން ކަމަށް
ބާސެލޯނާގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ، މެސީގެ ކެރިއަރު އެންމެ ފުރިހަމަ ގޮތުގައި ނިންމާލަން އެދެނީ ބާސެލޯނާގައި
މެސީ އަލުން ބާސެލޯނާއަށް ގެނައުމުގެ ސްޓްރެޓެޖީއެއް އޮތް

ސްޕެނިޝް ލީގުގެ މާލީ ގަވާއިދުތަކުގެ އުސޫލުތަކުގެ ތެރެއިން އެއްބަސްވުން އައު ނުކުރެވުމުން ދޫކޮށްލަން ޖެހުނު ލިއޮނަލް މެސީ އަލުން އަނބުރާ އެ ޓީމަށް ގެންނަން ބޭނުންވާކަން ބާސެލޯނާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރީ އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާއެވެ. އެއީ ސީބީއެސް ސްޕޯޓްސް އިން އޭނާއާއި ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. ލަޕޯޓާ ބުނީ، އޭނާއަށް ޖެހުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މައްޗަށް އިސްޓިޓިއުޓް އިޚްތިޔާރުކުރަން ކަމަށެވެ. ލަޕޯޓާ ބުނީ މެސީ އެންމެ ކުޑަ ދުވަސްވަރުން ފެށިގެން އޭނާއަށް މެސީ އިނގޭ ކަމަށާއި، މެސީ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. މީގެ އިތުރުން ލަޕޯޓާ ބުނީ ބާސެލޯނާގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށާއި، މެސީގެ ކެރިއަރު އެންމެ ފުރިހަމަ ގޮތުގައި ނިންމާލަން އެދެނީ ބާސެލޯނާގެ ޖާޒީގައިކަމަށެވެ.

ލަޕޯޓާ ބުނީ މެސީ އަލުން އަނބުރާ ބާސެލޯނާއަށް ގެންނަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން އެއީ އެހާ ފަސޭހަކަމަކަށް ނުވެދާނެ ކަން ފާހަގަކޮށް ލަޕޯޓާ ބުނީ، އެންމެ ރަނގަޅު ސްޓްރެޓެޖީގައި އެކަން ކުރެވިދާނެކަމަށް ގަބޫލުކުރެވޭކަމަށެވެ. އޭނާ ބުނީ މެސީ އަކީ ދިގު މުއްދަތަކަށް ބާސެލޯނާ ލީޑު ކުރި ކުޅުންތެރިއެއް ކަމަށާއި، މެސީގެ ސަބަބުން އެ ޓީމުގެ ސަޕޯޓަރުންނަށް އުފާވެރިކަން ލިބުނުކަމަށެވެ. އޭނާ ބުނީ ބާސެލޯނާ ދޫކޮށް މެސީ ދާންޖެހުނީ އެންމެ ފުރިހަމަ ގޮތުގައި ނޫން ކަމަށެވެ. އެއީ އުނދަގޫ ވަގުތެއްގައި ދިމާވި އުނދަގޫ ހާލަތެއްކަން ފާހަގަކޮށް އޭނާ ބުނީ، އެންމެ މޮޅު ކުޅުންތެރިޔާގެ މައްޗަށް މުޅި ކުލަބް އިސްކުރަން ޖެހުނު ކަމަށެވެ. ލަޕޯޓާ ބުނީ މެސީއަށް އެއަށްވުރެ ފުރިހަމަ ނިމުމެއް ހައްގުކަމަށާއި، އެކަން ހޯދައި ދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އަލުން އަނބުރާ ބާސެލޯނާއަށް އައުމާ ގުޅޭ ގޮތުން މެސީއާއި ވާހަކަ ދެއްކިންތޯ ސުވާލުކުރުމުން ލަޕޯޓާ ބުނީ، އެކަމަކީ އެ ބާސެލޯނާގެ ޚިޔާލްގައިއޮތް، އަދި މޮޓޯއެއް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ހަމައެކަނި ބުނެވޭނެ ވާހަކައަކީ އެކަމުގައި އޭނާ އެންމެ ފުރިހަމަ މަސައްކަތެއް ކުރާނެ ކަމަށެވެ. އިތުރު ސުވާލެއްގެ ގޮތުގައި ސީބީއެސް ސްޕޯޓްސް އިން ކުރި ސުވާލަކީ، މެސީ ގެނައުމުގެ މަސައްކަތް މިވަގުތު ކުރޭތޯއެވެ. ނުވަތަ އެ މަސައްކަތް ކުރާނީ މިއަހަރުގެ ވޯލްޑް ކަޕަށް ފަހުގައިތޯއެވެ. ޖަވާބު ދެމުން ލަޕޯޓާ ބުނީ، އަދިވެސް އޭނާއަށް ބުނެވޭނީ އެއީ ބާސެލޯނާގެ އުންމީދެއް ކަމަށާއި އެކަން ހަގީގަތަކަށްވާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ. އަދި މެސީ އަލުން ބާސެލޯނާއަށް ގެނައުމުގެ ސްޓްރެޓެޖީއެއް އޮތް ކަމަށެވެ. ލަޕޯޓާ ބުނީ ބާސެލޯނާއާއި، ޓީމުގެ ސަޕޯޓަރުން އަދި އޭނާ މެސީ ދެކެ ލޯބިވާ ކަމަށާއި، އޭނާގެ ފުރިހަމަ މަސައްކަތް އެކަމުގައި ދައްކާނެކަމަށެވެ.

ބާސެލޯނާގައި މަޑުކުރެވޭ ހާލަތެއް ނެތުމުން މެސީ ވަނީ އެ ޓީމު ދޫކޮށް، ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވެފައެވެ. ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއަށް ބަދަލުވީއިރު، އެ ޓީމާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުއެވެ. ބާސެލޯނާއިން މެސީ ގެންނަން ބޭނުންވާކަން ހާމަކޮށްފައިވާއިރު، ޕީއެސްޖީން ބޭނުންވަނީ މެސީ އެ ޓީމުގައި މަޑުކުރާށެވެ. މިކަމާ ގުޅިގެން މިހާތަނަށް މެސީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

- ކޮމެންޓް