ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 12:42
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މުހައްމަދު ޝަރުހާން
ދައުލަތުގެ އާމްދަނީ
ދައުލަތުގެ އާމްދަނީ 13.7 ބިލިއަންއަށް އަރައިފި
ޓެކްސްއިން ލިބުނު އާމްދަނީ 10 ބިލިއަނަށް އަރާ
ޓެކްސް ނޫން ގޮތްގޮތުން 3.5 ބިލިއަން ރުފިޔާގެ އަމްދަނީއެއް ލިބުނު

ދައުލަތުގެ އާމްދަނީ 13.7 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

ޖުލައި 14 ގެ ނިޔަލަށް މިއަހަރު ރާއްޖޭގެ މާލީ ހާލަތު ހާމަކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު 13.7 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ އިތުރު އާމްދަނީއެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނީ 10.6 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މުއްދަތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކްސްއިން ކަމަށެވެ. ޓެކްސްއިން 10.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. މީގެ އިތުރުން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސްގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ ޖީއެސްޓީން ލިބުނު 1.5 ބިލިއަން ރުފިޔާއާއި، ޓީޖީއެސްޓީގެ ގޮތުގައި ލިބުނު 3.9 ބިލިއަން ރުފިޔާއެވެ.

ވިޔަފާރިއާއި ޕްރޮޕަރޓީ ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. 1.3 ބިލިއަން ރުފިޔާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވެއެވެ. އަދި އެއަރޕޯޓް ސަރވިސް ޝާޖުގެ ގޮތުގައި 417 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. ފިނޭންސްގެ ތަފާސްހިސާބު ދައްކާގޮތުން މި މުއްދަތުގައި ގްރީން ޓެކްސްގެ ގޮތުގައި 549.5 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން 3.5 ބިލިއަން ރުފިޔާގެ އަމްދަނީއެއް ދައުލަތަށް ލިބިފައިވެއެވެ. މީގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެކި ތަންތަނުން ނަގާފައިވާ ކުއްޔާއި ފީންނެވެ. މިގޮތަށް ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ ރިސޯޓު ކުލީގެ ގޮތުގައި ލިބުނު 1.1 ބިލިއަން ރުފިޔާއާއި، ލޭންޑް އެކުއިޒިޝަންގެ ގޮތުގައި 158 މިލިއަން ރުފިޔާ އަދި ބިމު ކުލީގެ ގޮތުގައި އެހެނިހެން ގޮތްގޮތުން ލިބުނު އާމްދަނީ 77.1 މިލިއަން ރުފިޔާއަށް އަރައެވެ.

ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 10.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ. އަދި ގްރާންޓްސްގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

- ކޮމެންޓް