ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 07:17
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންއާ ބައްދަލުކުރައްވަނީ
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންއާ ބައްދަލުކުރައްވަނީ
އަލްޖަޒީރާ
ފްރާންސް ސައުދީ ގުޅުން
ސައުދީ ވަލީއަހުދު ފްރާންސަށް ވަޑައިގެން ރައީސް މެކްރޮންއާ ބައްދަލުކުރައްވައިފި
ދެ ގައުމުގެ މެދުގައި މަޝްވަރާކުރާ ކަންކަމުގެ ތެރޭގައި ތެލާއި އިރާނުގެ ނިޔުކްލިއަރ ޕްރޮގްރާމްގެ އިތުރުން އިތުރު ކަންކަން ހިމެނޭ
މެކްރޮން ވަނީ ވަލީ އަހުދާއި ވަލީ އަހުދުގެ އަރިހުގައި ފްރާންސަށް ވަޑައިގެންނެވި ވަފުދަށް ރޭގަނޑުގެ ފަރިއްކޮޅެއް އަރުވާފައި
ފްރާންސަށް ވަޑައިގެންނެވުމުގެ ކުރިން މުހައްމަދު ބިން ސަލްމާން ވަނީ ގްރީސަށް ވަޑައިގެންނަވާފައި

ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން ފްރާންސަށް ވަޑައިގެން ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންއާ ބައްދަލުކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭގަނޑު ދެ ގައުމުގެ ލީޑަރުން ބައްދަލުކުރައްވާ ފުޅާ ދާއިރާއެއްގައި ކަންކަމާމެދު ވަނީ މަޝްވަރާކުރައްވާފައެވެ. ފްރާންސް ސަރުކާރުގެ އޮފިޝަލަކު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވެފައިވަނީ ދެ ގައުމުގެ މެދުގައި މަޝްވަރާކުރާ ކަންކަމުގެ ތެރޭގައި ތެލާއި އިރާނުގެ ނިޔުކްލިއަރ ޕްރޮގްރާމްގެ އިތުރުން އިތުރު ކަންކަން ހިމެނޭކަމަށެވެ.

ފްރާންސްގެ ރިޔާސީ ގަނޑުވަރަށް ވަލީއަހުދު ވަޑައިގެންނެވުމުން މަރުޚަބާ ވިދާޅުވީ ރައީސް މެކްރޮންއެވެ. މެކްރޮން ވަނީ ވަލީ އަހުދާއި ވަލީ އަހުދުގެ އަރިހުގައި ފްރާންސަށް ވަޑައިގެންނެވި ވަފުދަށް ރޭގަނޑުގެ ފަރިއްކޮޅެއްވެސް އަރުވާފައެވެ. ރަތްދޫލައިގެ މަރުޚަބާއެއް ވަލީއަހުދާއި ވަލީއަހުދުގެ ވަފުދަށް އަރުވާފައިވާއިރު ސައުދީ ވަފުދުގައި ގިނަ އަދަދެއްގެ މިނިސްޓަރ ލެވެލްގެ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފްރާންސަށް މިވަޑައިގެންނެވީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ މީގެ ދެ ހަފްތާކުރިން ސައުދީ އަރަބިއްޔާގައި ބައްދަލުކުރެއްވުމަށް ފަހުއެވެ. ފްރާންސަށް ވަޑައިގެންނެވުމުގެ ކުރިން މުހައްމަދު ބިން ސަލްމާން ވަނީ ގްރީސަށްވެސް ވަޑައިގެންނަވާފައެވެ.

ރަޝިޔާ އިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފައެވެ. އެއާއެކު ހުޅަނގުގެ ގައުމުތަކުން އަންނަނީ ގަލްފު ގައުމުތަކާއެކު ގުޅުން ރަނގަޅުކުރުމުގެ މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން އެސަރަހައްދުގައި އިރާނާއި ރަޝިޔާ އަދި ޗައިނާގެ ބާރު ކުޑަކުރުމުގެ މަސައްކަތްވެސް ހުޅަނގުން އަންނަނީ ކުރަމުންނެވެ.

2018 ވަނަ އަހަރު ސައުދީގެ ނޫސްވެރިޔާ ޖަމާލް ޚާޝޮގީ މަރާލާފައިވަނީ މުހައްމަދު ބިން ސަލްމާންގެ އަމުރަށްކަމަށް އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓުން ހާމަވެފައިވާއިރު މުހައްމަދު ބިން ސަލްމާނަށް މެކްރޮން މަރުޚަބާ ވިދާޅުވުމުން ފްރާންސްގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން މެކްރޮން އާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެކަން ދިފާއުކޮށް މެކްރޮންގެ ގާތް ފަރާތަކުން ބުނެފައިވަނީ އިންސާނީ ހައްގުތަކާއި ގުޅޭގޮތުންވެސް ސައުދީގެ ވަލީއަހުދާއެކު މަޝްވަރާކުރައްވާނެކަމަށެވެ.

ވަލީއަހުދު ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގައި ހިމެނޭ ގައުމުތަކަށް ކުރައްވާ މި ދަތުރުފުޅަކީ 2018 ވަނަ އަހަރުގެ ފަހުން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

- ކޮމެންޓް