ކ. މާލެ
|
29 ޖުލައި 2022 | ހުކުރު 07:13
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވާހަކަފުޅުދައްކަވަނީ
އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވާހަކަފުޅުދައްކަވަނީ
ރޮއިޓާރސް
އެމެރިކާ ޗައިނާ ގުޅުން
ޓައިވާން މައްސަލައިގައި ބައިޑަން އާއި ޝީ ދެގަޑިއިރަށްވުރެ ގިނައިރު ވާހަކަފުޅުދައްކަވައިފި
މިއީ ދެ ލީޑަރުން ވާހަކަފުޅު ދެއްކެވި ފަސް ވަނަ ފަހަރު
ޝީ ވަނީ ބައިޑަން އަރިހުގައި އެމެރިކާއިން ޗައިނާގެ ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރަންޖެހޭނެކަމަށް ވިދާޅުވެފައި

ޓައިވާން މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގ ދެ ގަޑިއިރަށްވުރެ ގިނައިރު ވާހަކަފުޅު ދައްކަވައިފިއެވެ.

އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ބޭފުޅުންގެ ވާހަކަފުޅު ދެ ގަޑިއިރާއި ވިހިމިނެޓަށް ކުރިޔަށްދިޔައެވެ.

ޓައިވާން މައްސަލައާއި އިގްތިޞާދީ ސިޔާސަތުތަކާއި އިންސާނީ ހައްގުގެ މައްސަލަތަކާއި ހެދި އެމެރިކާ އާއި ޗައިނާގެ ގުޅުމަށް ބުރުއަރާފައިވާއިރު މިއީ ދެ ލީޑަރުން ވާހަކަފުޅު ދެއްކެވި ފަސް ވަނަ ފަހަރެވެ. މިފަހަރުގެ ވާހަކަތައް ބުރާސްފަތި ދުވަހު ކުރިޔަށްގެންދިޔައިރު ޗައިނާގެ ރައީސް ޝީ ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް އަލިފާނާ ނުކުޅުމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އެއީ ޓައިވާންގެ މައްސަލައިގައެވެ.

ޗައިނާގެ ސްޓޭޓް މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޝީ ވަނީ ބައިޑަން އަރިހުގައި އެމެރިކާއިން ޗައިނާގެ ވަން ޗައިނާ ޕޮލިސީއަށް އިހުތިރާމް ކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ޓައިވާންގެ މިނިވަންކަމަށް ޗައިނާއިން ދެކޮޅު ހަދާކަމަށާއި އެކަމުގައި ބޭރުގެ އެއްވެސް ނުފޫޒެއް އޮތުމަށް ޗައިނާ ދެކޮޅުކަން ޝީ ވަނީ ހާމަކުރައްވާފައެވެ.

"އަލިފާނާ ކުޅޭނަމަ އަނދައިގެންދާނީ. އަހަރުމެން އުންމީދުކުރަން އެމެރިކާއަށް މިކަން ސާފުކަމަށް." ޝީ ބައިޑަން އަރިހު ވިދާޅުވިކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ދެ ރައީސުންގެ ވާހަކަފުޅާ ގުޅޭގޮތުން ވައިޓް ހައުސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓައިވާން މައްސަލައިގައި އެމެރިކާއިން ގެންގުޅޭ ސިޔާސަތު ބަދަލުނުވާކަމަށް ޝީ އަރިހު ބައިޑަން ވިދާޅުވިކަމަށެވެ. އެގޮތުން ޓައިވާން އަކީ ޗައިނާގެ ބައެއްގެ ގޮތުގައި ޗައިނާއިން ދެކޭދެކުމާއި އެމެރިކާ ދެކޮޅުކަމަށާއި ޓައިވާނުގެ ސަލާމަތާއި އަމާންކަމަށް ހުރަސްއެޅޭ ކަމެއް ކުރުމަށް ދެކޮޅުކަން ބައިޑަން ހާމަކުރައްވާފައިވާކަމަށެވެ.

އަނެއްކޮޅުން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ސްޕީކަރ ނޭންސީ ޕެލޮސީ ޓައިވާނަށް ދަތުރުކުރެއްވާނެ ވާހަކަތަކެއް ފެންމަތިވެފައިވާއިރު އެއީ ޗައިނާ ރުޅި އެރުވުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. ޕެލޮސީގެ ދަތުރުފުޅާއި ގުޅިގެން އެމެރިކާއިން ސަލާމަތީ ކަންކަން ޓައިވާންގައި ބަލަހައްޓާނެއެވެ. އެއީ ޗައިނާގެ ސަރަހައްދުގައި އެމެރިކާގެ އަސްކަރިއްޔާ ހަރަކާތްތެރިވުންކަމަށް ޗައިނާއިން ސިފަކުރެއެވެ.

1997 ވަނަ އަހަރު އޭރުގެ ހައުސްގެ ސްޕީކަރ ޓައިވާނަށް ވަޑައިގެންނެވި ފަހުން ޕެލޮސީ އަކި ޓައިވާނަށް ވަޑައިގެންނަވާނެ އިންތިޚާބުވެފައިވާ އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. ބައިޑަން ވަނީ މިދިޔަ ހަފްތާގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ އަސްކަރިއްޔާއިން ގަބޫލުކުރާ ގޮތުގައި މިދަނޑިވަޅު ޕެލޮސީ ޓައިވާނަށް ދަތުރުކުރެއްވުމަކީ އެންމެ ރަނގަޅުކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.

ދެ ލީޑަރުން އެންމެ ފަހުން ވާހަކަފުޅު ދައްކަވާފައިވަނީ މިއަހަރުގެ މަރޗް މަހުއެވެ. އެއީ ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިތަނާއެވެ.

- ކޮމެންޓް