އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް މަނޯޖް ޕާންޑޭގެ ރަސްމީ ދައުވަތަކަށް، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، އިންޑިއާއަށް ވަޑައިގެންފިއެވެ.
ޖުލައި 27ން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ޗީފް އޮފް ޑިފެންސް ފޯރސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ވަނީ މިއަދު އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޒިޔާރަތްކުރައްވައި، ޝަހީދުންނަށް އިހްތިރާމް އަދާކުރެއްވުމުގެގޮތުން އެ މެމޯރިއަލްގައި މާބޮނޑިއެއް ބާއްވަވާފައެވެ. އިންޑިއާގެ ނޭޝަނަލް ވޯރ މެމޯރިއަލްއަށް ޗީފް އޮފް ޑިފެންސް ފޯރސް ޒިޔާރަތްކުރެއްވުމުން، އެމަނިކުފާނުގެ ޝަރަފުގައި އިންޑިއާ ސިފައިން ގާރޑް އޮފް އޮނަރއެއް އެރުވިއެވެ.
މި ދަތުރުފުޅުގައި، ޗީފް އޮފް ޑިފެންސް ފޯސް ވަނީ، އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ޖެނެރަލް މަނޯޖް ޕާންޑޭގެ އިތުރުން އިންޑިއާގެ ޑިފެންސް ސެކްރެޓަރީ އަޖޭ ކުމާރާއި، ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ އަޖިތު ޑޮވާލްއާއި، ޗީފް އޮފް ނޭވީ ސްޓާފް އެޑްމިރަލް އާރް. ހަރީ ކުމާރު އަދި ޗީފް އޮފް އެއަރ ސްޓާފް، އެއަރ ޗީފް މާޝަލް ވީއާރް ޗައުދަރީގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތް ކުރައްވައި، އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި، ދިވެހި ސިފައިންނަށް ތަމްރީނާއި ވަސީލަތްތައް ފޯރުކޮށްދިނުމާއި އެމްއެންޑީއެފްގެ ކެޕޭސިޓީ ވަރުގަދަކުރުމުގައި އިންޑިއާގެ އަސްކަރިއްޔާއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯރސް އެ ބޭފުޅުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ކުރިމަގުގައިވެސް، ދިވެހި އަސްކަރިއްޔާގެ ކުރިއެރުމަށް ކުރެވޭ މަސައްކަތްތަކުގައި އިންޑިއާގެ އަސްކަރިއްޔާއިން އިތުރަށް އެއްބާރުލުން ހޯދުމާމެދު އެބޭފުޅުންނާ މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން، ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަމާ ބެހޭގޮތުންވެސް އެބޭފުޅުންނާ މަޝްވަރާކުރައްވާފައިވެއެވެ.
މި ދަތުރުފުޅުގެ ތެރެއިން، ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އިންޑިއާގެ އިންސްޓިޓިއުޓް އޮފް މިލިޓަރީ ލޯއަށްވެސް މިއަދު ޒިޔާރަތް ކުރެއްވިއެވެ.