ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ، އަންނަ އޮގަސްޓް މަހުގެ 1ން 4ށް އިންޑިއާއަަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ހޯމަދުވަހު އެމަނިކުފާނު ފުރާވަޑައިގަންނަވާނެކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ރާއްޖޭގެ ތަރައްގީގައި، ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެގައުމުގެ މަތީ ފަންތީގެ އިސްވެރިން ބައްދަލުކުރައްވައި މަޝްވަރާތައް ކުރައްވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުން މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް ސޯލިހު އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި 8 ޖޫން 2019ގައި ދިވެހިރާއްޖެއަށް ވަޑައިގެންނެވިއެވެ. އެކިދާއިރާތަކުން، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ބަދަލުކުރެވުނު އެއްބަސްވުންތަކާއި އިފުތިތާހުކުރެވުނު މަޝްރޫއުތަކުގެ ތެރޭގައި ދެ ގައުމުގެ މިގުޅުން ރަމްޒުކޮށްދޭ ދެ މަޝްރޫއުކަމުގައިވާ އެމް.އެންޑީ.އެފްގެ "ކޮމްޕޮސިޓް ޓްރޭނިންގ ފެސިލިޓީ"އާއި "ކޯސްޓަލް ސަރވެއިލެންސް ރާޑަރ ސިސްޓަމް" އިފްތިތާހުކުރެއްވުން ހިމެނެއެވެ.
ދެސަރުކަރުގެ ދެމެދުގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު މަތިކޮށް ތަމްރީނުދިނުމާބެހޭގޮތުން އެކުލަވާލެވިފައިވާ، "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން މޯލްޑިވްސް ސިވިލް ސަރވިސް އެންޑް ނެޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް، ޑިޕާޓްމަންޓް އޮފް ޕަބްލިކް ރިފޯމްސް އެންޑް ގްރިވެންސަސް، އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ"ގެ ނަމުގައި ވެވުނު އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ދިވެހި ސިވިލް ސަރވިސްގެ 1000 މުވައްޒަފުންނަށް (ހުރިހާ ޚަރަދަކާއެކު) ތަފާތު ދާއިރާތަކުން ތަމްރީނުގެ ފުރުސަތު ދެމުންގެންދެއެވެ.
ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް ޒަމާނީ ފެންވަރަށް ގެންދިއުމާގުޅޭ އެއްބަސްވުމެއްވެސް ހިމެނެއެވެ. "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ފޮރ ކޯރޕަރޭޝަން އިން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގ ބިޓްވީން ދަ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އެންޑް ދަ ސެންޓްރަލް ބޯޑަރ އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސް، އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ"ގެ ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން، ކުރިއަށްވުރެ ހަރުދަނާ ނިޒާމެއްގެ ދަށުން ވިޔަފާރީގެ ނަފާ ލިބޭނެ މަގުފަހިވެގެން ދިމުގެ އިތުރުން، އެންމެ ހަރުދަނާ، ބައިނަލްއަގުވާމީ ފެންވަރުގެ ކަސްޓަމްސްގެ މަސައްކަތްތަކާބެހޭ މައުލޫމާތު ބަދަލުކުރެވޭނެ މަގު ފަހިވެގެންގޮސްފައިވެއެވެ.
މީގެއިތުރުން ކަސްޓަމްސްގެ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށްވެސް މި އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދިޔައެވެ. މީގެއިތުރުން އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުއްޓަށް (ނުވަތަ އެއްބަސްވެވޭ ރާއްޖޭގެ ބަނދަރަކަށް) ފަސިންޖަރުންނާއި މުދާ ހިފައިގެން ދަތުރުކުރާ ފެރީ ދަތުރުތައް ބޭއްވުމާބެހޭ އެއްބަސްވުމެއްވެސް ބަދަލު ކުރެވުނެވެ. އެއްބަސްވުންތަކުގެ ތެރޭގައި ހިމެނެއެވެ. "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އޮން ފެރީ ސަރވިސް ބިޓްވީން އިންޑިއަން އެންޑް މޯލްޑިވްސް ގަވަރމަންޓްސް" ނަމުގައި ބަދަލު ކުރެވުނު މި އެއްބަސްވުމުގެ ދަށުން ރާއްޖެއާ އިންޑިއާއާ ދެމެދު އަގުހެޔޮކޮށް ފަސިންޖަރުންނަށް ދަތުރުކުރެވޭނެ މަގު ފަހިވެގެން ދިއުމާއި، އިންޑިއާއިން ކަނޑުމަގުން މުދާ އެތުރުކުރެވޭނެ އިތުރު މަގުތައް ތަނަވަސްވުމުގެ އިތުރުން، އިންޑިއާގެ ބާޒާރުތަކަށް ފަސޭހައިން ދިވެހީންނަށް ވާސިލުވެވޭނެ ފުރުސަތު ފަހިވެގެން ދިއުމާއި، ދިވެހި އުފެއްދުންތައް އިންޑިއާގެ ބާޒާރަށް ވިއްކޭނެ މަގުވެސް ފަހިވެގެންގޮސްފައިވެއެވެ.
ދެގައުމުގެ ދެމެދުގައި ބަދަލު ކުރެވުނު އިތުރު އެއްބަސްވުންތަކުގެ ތެރޭގައި؛ ރާއްޖެއާއި އިންޑިއާގެ ސިއްހީ ދާއިރާއާއި ދެމެދު ވެވުނު އެއްބަސްވުން ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެއެވެ. މީގެއިތުރުން ސިއްހީ ދާއިރާގެ ދިރާސާތައްކުރުމާއި، އެ ދާއިރާއަށް ބޭނުންވާ އާލާތްތައް ފޯރުކޮށްދިނުންވެސް ހިމެނެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން, ކެންސަރު ބައްޔަށް ފަރުވާދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުންވެސް ހިމެނިފައިވެއެވެ. ބަދަލު ކުރެވުނު އަނެއް އެއްބަސްވުމަކީ ދެގައުމުގެ ކަނޑުގެ ސަރަހައްދުގައި ހިނގާފާނެ ކަންކަމަށް ހޭލުންތެރިކަން އިތުރުކޮށް، އެއްބާރުލުން އިތުރުކުރުމާބެހޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ ބިޓްވީން އިންޑިއަން ނޭވީ އެންޑް ދަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް އޮން ވައިޓް ޝިޕިންގ"ގެ ނަމުގައި ބަދަލުކުރެވުނު އެއްބަސްވުމެވެ.