ސްރީލަންކާއިން ޗައިނާއާއެކު ދަރަނި ރީސްޓަރަކްޗަރ ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަންޖެހޭކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ން ބުނެފިއެވެ.
ލަންކާއިން ވަނީ އައިއެމްފް އިން ލޯނު ނެގުމަށް އެއިދާރާގައި އެދިފައެވެ. އައިއެމްއެފްގެ އޭޝިއާ އެންޑް ޕެސިފިކް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ކްރިޝްނާ ސްރިނިވާސަން ރޮއިޓަރސް އާ ވާހަކަދައްކަވަމުން ވިދާޅުވީ ލަންކާއަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ ޗައިނާއިން ކަމަށާއި އެހެންކަމުން ދަރަނި ރީސްޓަރަކްޗަރ ކުރުމާއި ގުޅޭގޮތުން ލަންކާއިން ޗައިނާ އާއެކު ވާހަކަދައްކަންޖެހޭކަމަށެވެ.
22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލަންކާ ވަނީ އިގްތިޞާދީ ބޮޑު އަނދަވަޅެއްގެ ތެރޭގައެވެ. އަނެއްކޮޅުން މިފަހުން ލަންކާގެ ސިޔާސީ މަސްރަހުވެސް ވަނީ މީގެކުރިން ހޫނުނުވާ މިންވަރަށް ހޫނުވެފައެވެ.
މީގެކުރިން ލަންކާގެ ބޮޑުވަޒީރުކަން ހަފަހަރެއްގެ މަތިން ކުރައްވާފައިވާ ރަނިލް ވިކްރަމަސިންހަވަނީ ލަންކާގެ ރައީސްކަމަށް އެންމެ ފަހުން އައްޔަނުކުރައްވާފައެވެ.
ލޯނުގެ ގޮތުގަޔާއި ކަރަންސީ ސްވެޕްގެ ގޮތުގައި ލަންކާއިން ޗައިނާއަށް ދައްކަންޖެހޭ ލޯނުގެ އަދަދު 6.5 ބިލިއަން ޑޮލަރަށް އަރާކަމަށް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ފައިނޭންސް (އައިއެފްއެފް)ން ބުނެއެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގްތިޞާދުކަމުގައި ބެލެވޭ ޗައިނާއިން ލަންކާގެ ހައިވޭތަކާއި، ޕޯޓާއި އެއަރޕޯޓް އަދި ބޯޓުދެލި ޕަވަރ ޕްލާންޓް ތަރައްގީކުުރުމަށް ވަނީ ލޯނުދީފައެވެ. މީގެއިތުރުން ލަންކާއަށް ލޯނު ދޫކޮށްފައިވާ އެހެން ގައުމުތަކުގެ ތެރޭގައި ޖަޕާނާއި އިންޑިޔާ ހިމެނެއެވެ.
އައިއެމްއެފުން ލަންކާއަށް އެކުލަވާލާފައިވާ އައު ޕްރޮގްރާމްގެ ކަންކަން ލަންކާގެ ފިނޭންސް މިނިސްޓްރީ އާއި ސެންޓްރަލް ބޭންކާއެކު ކުރިޔަށްދާކަމަށް ސްރިނިވާސަން ވިދާޅުވިއެވެ. މިކަމާއި ގުޅޭގޮތުން ލަންކާގެ ފޮރިން މިނިސްޓްރީ އާއި ސެންޓްރަލް ބޭންކުން އަދި ވަކި އެއްޗެއް ނުބުނެއެވެ. އަދި ލަންކާގައި ހުންނަ ޗައިނާގެ އެމްބަސީންވެސް ވަކި އެއްޗެއް ނުބުނެއެވެ.
1948 ވަނަ އަހަރު ލަންކާއަށް މިނިވަންކަން ލިބުނު ފަހުން އެގައުމަށް ކުރިމަތިވި އެންމެ ބޮޑު އިގްތިޞާދީ ކާރިސާގައި ލަންކާއަށް ވަނީ އެންމެ އަސާސީ އެތެރެކުރުމުގައިވެސް ދަތިތަކާ ކުރިމަތިވެފައެވެ.