ކ. މާލެ
|
27 ޖުލައި 2022 | ބުދަ 13:08
ފީފާ ވޯލްޑް ކަޕް 2022
ފީފާ ވޯލްޑް ކަޕް 2022
ޓްވިޓަރ
ވޯލްޑް ކަޕް 2022
މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މަޝްހޫރު ބައެއް މޮޅެތި ކުޅުންތެރިން
ކުޅުންތެރިން ނިސްބަތްވާ ޤައުމުތަކަށް ވޯލްޑް ކަޕުން ޖާގަ ނުލިބުމުގެ ސަބަބުން މަޝްހޫރު ބައެއް ކުޅުންތެރިން މިއަހަރުގެ ވޯލްޑް ކަޕުން ނުފެންނާނެ

މިއަހަރުގެ ފަހު ކޮޅު ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ބައެއް މޮޅެތި ކުޅުންތެރިން ނުފެންނާނެއެވެ.

ވޯލްޑް ކަޕް ފެށެން މަދު ދުވަސްކޮޅަކަށްވެފައި ވާއިރު، ޤައުމުތަކަށް ސަޕޯޓުކުރާ ސަޕޯޓަރުން މިހާރު އަންނަނީ މުބާރާތަށް ތައްޔާރުވަމުންނެވެ. އެތައް ބައެއްގެ ކުރިމަތީގައި ދުނިޔޭގެ އެއްވަނަ ހޯދޭނީ 32 ޤައުމުގެ ތެރެއިން އެެއް ޤައުމަކަށެވެ. އެ ޤައުމަކީ ދުނިޔޭގެ ޗެމްޕިއަނުންނެވެ. ވޯލްޑް ކަޕުން ޖާގަ ހޯދުމަކީ ކޮންމެ ޤައުމެއްގެ ވެސް އަމާޒަށްވާނެއެވެ. ކުލަބު ފެންވަރުގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ބައެއް ކުޅުންތެރިންނަށް ޤައުމާއެކު ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު ނުލިބެދެއެވެ. މީގެ ތެރޭގައި ދުނިޔޭގައި ތިބި މޮޅެތި ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިން ހިމެނެއެވެ. މިއަހަރު އޮންނަ ވޯލްޑް ކަޕްގައި އޭގެ ބައެއް ކުޅުންތެރިން ނުފެންނާނެއެވެ. އެ ކުޅުންތެރިންނަކީ ނަން މަޝްހޫރު ކުޅުންތެރިންނެވެ.

މިއަހަރު ޤަތަރުގައި އޮންނަ ވޯލްޑް ކަޕްގައި ނުފެންނާނެ އެއް ކުޅުންތެރިޔަކީ، ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އޮސްޓްރިއާގެ ޑިފެންޑަރު ޑޭވިޑް އަލަބާއެވެ. ރެއާލާއެކު ކާމިޔާބު ސީޒަނެއް އަލަބާ ނިންމާލިއިރު، އޭނާ އަކީ ރެއާލަށް ނިމުނު ސީޒަނުގައި ކާމިޔާބު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރި ކުޅުންތެރިޔެކެވެ. 2021 ވަނަ އަހަރު ރެއާލަށް ގުޅުނު އަލަބާ ވަނީ އެ ޓީމާއެކު ނިމުނު ސީޒަންގެ ލަލީގާ އާއި ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އޮސްޓްރިއާގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ އަލަބާއަށް ވޯލްޑް ކަޕް ގެއްލުނީ އެ ޓީމު މުބާރާތަށް ކޮލިފައި ނުވުމުންނެވެ. ޕްލޭ އޮފް ސެމީ ފައިނަލްގައި އޮސްޓްރިއާ ވަނީ 2-1 ން ވޭލްސް އަތުން ބަލިވެފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ގަދަ ބާރު މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ ރިޔާދް މާރޭޒް ވެސް މިއަހަރުގެ ވޯލްޑް ކަޕުން ނުފެންނާނެއެވެ. އަލްޖީރިއާގެ ކެޕްޓަން ކަން ވެސް ކުރަމުން އަންނަ މާރޭޒް ވަނީ އަލްޖީރިއާއެކު ވޯލްޑް ކަޕްގެ ޕްލޭ އޮފަށް ނިކުމެ، 2-1 ން ކެމަރޫން އަތުން ބަލިވެ، މުބާރާތުގެ ޖާގަ ގެއްލިފައެވެ. މާރޭޒްއަކީ ޕްރިމިއަރ ލީގުގެ އެންމެ މޮޅެތި ފޯވާޑުންގެ ތެރޭގައި ހިމެނޭނެ ކުޅުންތެރިޔެކެވެ.

މިއަހަރުގެ މުބާރާތުން ދެން ނުފެންނާނެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ މާކޯ ވެރާޓީއެވެ. އިޓަލީގެ ސެންޓަރ މިޑްފީލްޑަށް ކުޅެމުން އަންނަ ވެރާޓީއަކީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ މުހިންމު ކުޅުންތެރިޔެކެވެ. ޕީއެސްޖީގައި ވެރާޓީ އަންނަނީ މިޑްފީލްޑުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް އިޓަލީއާއެކު ވެރާޓީ މިއަހަރުގެ ވޯލްޑް ކަޕަކުން ނުފެންނާނެއެވެ. އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގަ ގެއްލުނީ، ކޮލިފައިން ޕްލޭ އޮފްގައި ނޯތު މެސަޑޯނިއާ އަތުން ބަލިވުމުންނެވެ. އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތް ވެސް ކާމިޔާބުކުރި އިޓަލީ ވޯލްޑް ކަޕުން ކެޓުމަކީ ގިނަ ބަޔަކަށް ހައިރާން ކަމެއް ލިބުނު ކަމެކެވެ.

ދެން މި ލިސްޓުގައި ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮންނަރުންމާއެވެ. އޭސީ މިލާނަށް ކުޅެމުން އައިސް އޭނާ ވިދާލީ އެންމެ ފަހުން ބޭއްވި ޔޫރޯ މުބާރާތުގައެވެ. އިޓަލީގެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި، އެއަހަރުގެ ތަށި އިޓަލީއަށް ހޯދައިދިނުމަށް އިސް ދައުރެއް އަދާކުރިއެވެ. އޭނާ ވަނީ ޔޫރޯ މުބާރާތުގެ އެންމެ މޮޅު ކީޕަރުގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެސް ހޯދިއެވެ. އެއާއެކު ބޮޑެތި ކުލަބުތަކުން އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކުރިއެވެ. ޕީއެސްޖީއަށް ބަދަލުވެ 24 މެޗުގައި އެ ޓީމުގެ ގޯލު އޭނާ ބެލެހެއްޓިއެވެ. ޕީއެސްޖީގައި ވެސް އޭނާއަކީ މުހިންމު ކުޅުންތެރިޔެކެވެ. ނަމަވެސް، އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވުމުގެ ސަބަބުން ޑޮންނަރުންމާ މިއަހަރުގެ ވޯލްޑް ކަޕަކުން ނުފެންނާނެއެވެ.

ކުލަބް ލެވެލްގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ޤައުމީ ޓީމާއެކު އެދެވޭ ކާމިޔާބެއް ހޯދިފައިނުވާ ކުޅުންތެރިޔަކީ މިސްރުގެ މުޙައްމަދު ޞަލާހެވެ. ލިވަޕޫލާއެކު ޞަލާހު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ނިމުނު ސީޒަނުގައި ވެސް ޞަލާޙު ވަނީ ލިވަޕޫލަށް 31 ގޯލު ޖަހައިދީ، 16 ގޯލު ޖެހުމަށް އެހީތެރިވެދީފައެވެ. މީގެ އިތުރުން ޞަލާޙު ވަނީ ނިމުނު ސީޒަންގެ ޕްރިމިއަރ ލީގުގެ ރަން ބޫޓު ވެސް ހޯދާފައެވެ. މިއަހަރުގެ ވޯލްޑް ކަޕުގެ ޖާގަ މިސްރަށް ގެއްލުމާއެކު، މިވަގުތު ދުނިޔޭގައި ތިބި މޮޅު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ޞަލާޙު މުބާރާތަކުން ނުފެންނާނެއެވެ. އެފްރިކަން ކޮލިފިކޭޝަންގައި ސެނެގޯލް އަތުން ޕެނަލްޓީގައި 3-1 ން މިސްރު ވަނީ ބަލިވެފައެވެ.

މިއަހަރުގެ ވޯލްޑް ކަޕްގައި ދެން ނުފެންނާނެ މަޝްހޫރު ކުޅުންތެރިޔަކީ ނޯވޭގެ އާލިން ހާލަންޑުއެވެ. އުމުރުން 22 އަހަރުގެ ޒުވާން ފޯވާޑް ވަނީ ނިމުނު ސީޒަންގައި ވެސް މޮޅު ކުޅުމެއް ދައްކާފައެވެ. ބްރޫޝިއާ ޑޯޓްމަންޑުގައި ހާލަންޑު އައީ މޮޅަށް ކުޅެމުންނެވެ. އޭނާއަކީ ޖަރުމަނު ލީގުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ. އޭގެ ސަބަބުން ގޯލާ ރައްޓެހި ފޯވާޑް ހޯދުމަށް ޔޫރަޕުގެ ގިނަ ކުލަބުތަކުން މަސައްކަތް ވެސް ކުރިއެވެ. ސީޒަން ނިމުމާއެކު އޭނާ ވަނީ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައެވެ. ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ހާލަންޑު ފަސް ލަނޑު ޖެހި ނަމަވެސް، ނޯވޭ ނިންމާލަން ޖެހުނީ ޕްލޭ އޮފްގެ ޖާގަ ނުލިބި، ތިން ވަނައިގައެވެ. އެ ގްރޫޕުން ޕްލޭ އޮފްގެ ޖާގަ ހޯދީ ނެދަލޭންޑްސް އާއި ތުރުކީއެވެ.

މިއީ މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މޮޅެތި ބައެއް ކުޅުންތެރިންނެވެ. މި ކުޅުންތެރިންގެ އިތުރުން ވެސް މިއަހަރުގެ ވޯލްޑް ކަޕްގައި ނުފެންނާނެ މޮޅެތި ކުޅުންތެރިން ތިބޭނެއެވެ.

- ކޮމެންޓް
27 ޖުލައި 2022 | ބުދަ 16:06
ނޫން
ހުރިހާ އިޓަލީ ކުޅުންތެރިން ލާބަލަ ތި ލިސްޓައް، ޙަބަރު ލިޔާއިރު ކުޅުންތެރިންގެ ފޮޓޯއާއި އެކު ޙަބަރު ލިޔުނުނަމަ ވަރަށް ފުރިހަމަވީސް.