ކ. މާލެ
|
27 ޖުލައި 2022 | ބުދަ 07:38
އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ
އެތުލެޓިކޯގެ ރައީސް އެންރީކޭ ސެރޭޒޯ
ޓްވީޓަރ
ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ނިންމުން
ރޮނާލްޑޯ ގެންނަން ބޭނުންނުވާކަން އެތުލެޓިކޯއިން ހާމަކޮށްފި
ރޮނާލްޑޯ ގެނައުމާ ގުޅޭ ގޮތުން ދޮގު ވާހަކަތައް ފަތުރަނީ ކާކުކަމެއް ނޭންގޭ

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ނުކުރާ ކަމަށް އެތުލެޓިކޯ މެޑްރިޑުގެ ރައީސް އެންރީކޭ ސެރޭޒޯ ބުނެފިއެވެ.

ސެރޭޒޯ މި ވާހަކަ ދެއްކީ އެތުލެޓިކޯއަށް ރޮނާލްޑޯ ގެނައުމާ ގުޅޭގޮތުން އޭނާ އާއި އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީއާ މަޝްވަރާކުރެވުނު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފައިވަނިކޮށެވެ. އެ މަޝްވަރާގައި ރޮނާލްޑޯ ހޯދުމަށް އެތުލެޓިކޯއިން ބިޑު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ކަމަށް ވެސް ބޭރުގެ ރިޕޯޓުތަކުގައިވެއެވެ. އެވާހަކަތައް ދެކެވެމުން ދިޔަ ދަނޑިވަޅެއްގައި އެތުލެޓިކޯގެ ބައެއް ސަޕޯޓަރުން ވަނީ ރޮނާލްޑޯ އެ ޓީމަށް ގެނައުމާ ދެކޮޅު ކެމްޕެއިނެއް ފަށާފައެވެ. ނަމަވެސް، އެ ޓީމުގެ ބައެއް ސަޕޯޓަރުން މި ކެމްޕެއިނާ ދެކޮޅެވެ.

މިވާހަކަތަކާ ގުޅިގެން ސެރޭޒޯ ބުނީ، އެތުލެޓިކޯއިން ރޮނާލްޑޯ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ދައުރުކުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ރޮނާލްޑޯ ގެނައުމާ ގުޅޭ ގޮތުން އެ ދޮގު ވާހަކަތައް ފަތުރަނީ ކާކުކަމެއް އޭނާއަށް ނޭންގޭ ކަމަށެވެ. މީގެ އިތުރުން ސެރޭޒޯ ބުނީ ޕްރެކްޓިކަލީ ބަލާ ނަމަވެސް، އެތުލެޓިކޯއަށް ރޮނާލްޑޯ ގެނައުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

ރޮނާލްޑޯ ގެނައުމުގެ ޝައުގުވެރިކަން ނެތް ކަމަށް އެތުލެޓިކޯއިން ބުނި އިރު، ޔޫރަޕުގެ ބޮޑެތި ގިނަ ކުލަބުތަކުން ވެސް ވަނީ ރޮނާލްޑޯ ގެންދަން ބޭނުންނުވާ ކަމަށް ބުނެފައެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ބަޔާން މިއުނިކް ހިމެނެއެވެ. އެކަމާ ގުޅޭ ގޮތުން އެ ޓީމުގެ ޑިރެކްޓަރު އޮލިވާ ހާން ވެސް ވަނީ ވާހަަކަ ދައްކާފައެވެ. އޭނާ ބުނީ، ބަޔާންގެ އެތެރޭގައި ރޮނާލްޑޯއާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އަދި އޭނާގެ ނަޒަރުގައި ރޮނާލްޑޯއަކީ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އެހެން ނަމަވެސް، ވާހަކަތަކަށްފަހު ނިންމުނީ ބަޔާންގެ ފިލޯސަފީއަށް މިވަގުތު ރޮނާލްޑޯ ނުފެތޭނެ ކަމަށެވެ. އެހެންކަމުން ރޮނާލްޑޯ ހޯދުމަށް ބަޔާނުން ބޭނުންނުވާ ކަމަށެވެ.

މީގެ އިތުރުން ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއި އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެލްސީން ވެސް ވަނީ ރޮނާލްޑޯ ގެންނަން ބޭނުންނުވާކަން ހާމަކޮށްފައެވެ.

ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން އެންގި ނަމަވެސް، ބަދަލުވާނެ ކުލަބެއް ހޯދުމަށް ދަތިތަކާ ކުރިމަތިވެ، އެންމެ ފަހުން ރޮނާލްޑޯ ވަނީ ޔުނައިޓެޑުގެ ޓްރެއިނިންއަށް ހާޒިރުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޔުނައިޓެޑުގެ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވާނެއެވެ.

- ކޮމެންޓް