ސައުދީ އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން ގްރީސްއަށް ވަޑައިގެން، އެ ޤައުމުގެ ބޮޑުވަޒީރު ކިރިއަކޯސް މިޓްސޮޓާކިސްއާ ބައްދަލުކުރައްވައިފިއެވެ.
މުޙައްމަދު ބިން ސަލްމާން ގްރީސްގެ ބޮޑުވަޒީރާ ބައްދަލުކުރެއްވީ އަންގާރަ ދުވަހު އެމަނިކުފާނު ގްރީސްއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. އެމަނިކުފާނު އެ ޤައުމުގެ އެތެންސްއަށް ވަޑައިގަތީ ދެ ދުވަހުގެ ދަތުރުފުޅެއްގައެވެ.
މި ބައްދަލު ކުރެއްވުމާ ގުޅޭގޮތުން ގްރީސްގެ ބޮޑުވަޒީރު ވިދާޅުވީ މިއީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ލިބިވަޑައިގެންނެވި ފުރުސަތެއް ކަމަށެވެ. އެގޮތުން، ސައުދީގެ ވަލީއަހުދުގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މުޙައްމަދު ބިން ސަލްމާން ވިދާޅުވީ ގްރީސް އާއި ސައުދީގެ ގުޅުމަކީ ތާރީހީ ގުޅުމެއް ކަމަށެވެ. އަދި އެ ދެ ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކާއެކު ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މުޙައްމަދު ބިން ސަލްމާން ގްރީސްއަށް ކުރެއްވި މި ދަތުރުފުޅަކީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލިފަހުން ޔޫރަޕިއަން ޔޫނިއަންގެ ޤައުމަކަށް އެމަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ޚަޝޯގީގެ މަރުގައި އެމަނިކުފާނުގެ އަތެއްވާ ކަމަށް ޤައުމުތަކުން ތުުހުމަތު ކުރިނަމަވެސް އެ ހުރިހާ ތުހުމަތުތަކަށް އެމަނިކުފާނު ވަނީ އިންކާރު ކުރައްވާފައެވެ.
ގްރީސްގެ އިތުރުން ފްރާންސަށް ވެސް ސައުދީގެ ވަލީއަހުދު ވަޑައިގަންނަވަން ވަނީ ނިންމަވާފައެވެ.