ކ. މާލެ
|
27 ޖުލައި 2022 | ބުދަ 00:37
ވެލެންސިޔާއަށް ދެ ލަނޑު ޖަހައިދިން އީސަ ބޯޅައާއެކު ކުރިއަށްދަނީ
ވެލެންސިޔާއަށް ދެ ލަނޑު ޖަހައިދިން އީސަ ބޯޅައާއެކު ކުރިއަށްދަނީ
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
ފަހަތުން އަރާ އީގަލްސް ބަލިކޮށް ވެލެންސިޔާއަށް މުހިއްމު މޮޅެއް!
ވެލެންސިޔާ މިވަގުތު އޮތީ ތާވަލްގެ ތިންވަނާގައި

ފުރަތަމަ ހާފްގައި އީގަލްސްއިން ކުރި ހޯދާފައިވަނިކޮށް, ދެވަނަ ހާފްގައި ތިން ލަނޑު ޖަހައިގެން މޮޅުވެ ކްލަބް ވެލެންސިޔާއިން މުހިއްމު މޮޅެއް ހޯދައިފިއެވެ.

ލީގު ތާވަލްގެ ދެވަނަ ޔަޤީންކޮށްފައިވާ އީގަލްސްގެ މައްޗަށް ވެލެންސިޔާއިން ކުރިހޯދީ 3-1 ނެވެ. މިމޮޅާއެކު ވެލެންސިޔާ ވަނީ 29 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ޖެހިލާ, ގަދަ ހަތަރެއްގެ ޖާގައެއް ޔަޤީންކުރުމާ ގާތުގައެވެ. މެޗުގެ ފުރަތަމަ ހާފްގައި އީގަލްސްއަށް ކުރި ހޯދައިދިނީ އަހުމަދު ރިޒުވާންއެވެ. ވެލެންސިޔާއިން ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓްގައި އިސްމާއީލް އީސާ ޖެހި ލަނޑުންނެވެ. ކުރި ހޯދައިިދިނީ މުޙައްމަދު އުމެއިރުއެވެ. ލީޑް ފުޅާކޮށްދިނީ ވެލެންސިޔާގެ ފުރަތަމަ ލަނޑުވެސް ޖެހި އީސައެވެ. މިއީ އީގަލްސްގެ ކޯޗުކަމާ މުޙައްމަދު އާތިފް ހަވާލުވިފަހުން އެޓީމްވީ ދެވަނަ ބައްޔެވެ. އެސިސްޓެންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެ ދަށުން އީގަލްސްގެ ނަތީޖާތައް ފެނުނީ މާ ރަނގަޅަށެވެ.

ގަދަ ހަތަރެއްގެ ޖާގައަށް ވާދަކުރަމުންދަނީ ވެލެންސިޔާގެ އިތުރުން ޔުނައިޓެޑް ވިކްޓްރީއާއި ޓީސީއާއި ގްރީން ސްޓްރީޓްސްއެވެ. ލީގުގައި ބުދަ ދުވަހު ހަވީރު ވާދަކުރާނީ ޓީސީއާއި ސުޕަރ ޔުނައިޓެޑް ސްޕޯރޓްސް (ސަސް) އެވެ. އެމެޗުން މޮޅުވެގެން ޓީސީއަށް އަލުން ތިންވަނަ ހޯދޭނެއެވެ.

- ކޮމެންޓް