ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 08:42
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުން
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުން
ރާއްޖެއެމްވީ
ދިވެހިރާއްޖޭގެ މިނިވަން ދުވަސް
މިނިވަންކަމާއި ޤައުމީ ސަލާމަތުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫން: މިނިސްޓަރު މާރިޔާ
ޑިފެންސް ޕޮލިސީގެ އެންމެ މުހިއްމު އެއް ކަމަކީވެސް ބައިނަލްއަޤުވާމީ ގުޅުންތައް
މިނިސްޓަރު ވިދާޅުވީ، ދިފާއީ ބާރު އޮތީ ނުހަނު ބަދަހިކޮށް ކަމަށް
ބައެއް ފަރާތްތަކުން ޤައުމީ ސަލާމަތާއި ސިޔާސީ ކަންކަން އެއްކޮށްލައިގެން ވާހަކަ ދައްކަވާ

މިނިވަންކަމާއި ޤައުމީ ސަލާމަތުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިނިވަންކަމާއި ޤައުމީ ސަލާމަތުގެ ވާހަކައަކީ ސިޔާސީ ވާހަކައެއް ނޫންކަމަށާއި، އެއީ ޤައުމީ ވާހަކައެއް ކަމަށެވެ.

ރާއްޖޭގެ ޑިފެންސް ޕޮލިސީގެ އެންމެ މުހިއްމު އެއް ކަމަކީވެސް ބައިނަލްއަޤުވާމީ ގުޅުންތައްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަންޖެހެނީ އެ ސަބަބުތަކާއިހެދި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދިފާއީ ބާރު އޮތީ ނުހަނު ބަދަހިކޮށް ކަމަށާއި، އެކަމަށްޓަކައި ބޭރު ޤައުމުތަކުން އެކަށީގެންވާ ތަމްރީނުތައްވެސް ދެމުންދާ ކަމަށެވެ.

މިނިސްޓަރު ވަނީ ދާދި ފަހުން ރުވެންޑާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ އިސްތިއުމާރީ ބާރު އޮތް ޒަމާނުގެ ކަންކަމުގެ ތާރީޚާއި ގުޅޭގޮތުން ފެނިވަޑައިގެންނެވި މަންޒަރުތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

އެކަންކަމަށް އަލިއަޅުވާލައްވައި މިނިސްޓަރު ވަނީ މިނިވަންކަމުގެ ވާހަކަ ދައްކަމުން ގޮސް، އެކަކު އަނެކަކު ކަތިލާ ހިސާބަށް ދިއުމުން އެއީ ކަމުދާ ގޮތެއް ނޫންކަަމަށް ވިދާޅުވެފައެވެ. ރުވެންޑާ ފަދަ ޤައުމުތަކުގައި ހިނގާ ދިޔަގޮތަށް، ސިޔާސީ ސަބަބުތަކަށްޓަކައި ޤައުމު ބައިބައިކުރާ ހިސާބަށް މި ޤައުމުގެ ކަންކަންވެސް ނުގެންދިއުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން، ފޮރުވާފައިވާ އެޖެންޑާއެއްގެ ދަށުން ޤައުމު އަޅުވެތި ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ދެކެވޭ ވާހަކައަށްވެސް މިނިސްޓަރު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ޤައުމީ ސަލާމަތާއި ސިޔާސީ ކަންކަން އެއްކޮށްލައިގެން ވާހަކަ ދައްކަވާއިރު، އެ ފަރާތްތަކަށް ރައްދު ނުވާގޮތަކަށް އެއްވެސް ވާހަކައެއް އަމާޒުވެގެން ނުދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކިތަންމެ ބައިވަރު އެތެރޭގެ ގޯސްތަކެއް ހިނގާފައި ހުރީ، އެ ވާހަކަ ނޫން ވާހަކައަކަށް މީހުންގެ ވިސްނުން ދުއްވާލުމަށް މިނިވަންކަމޭ ކިޔައިގެން ހިންގާ ސިޔާސީ ކުޅިގަނޑެއް އެއީ
ޑިފެންސް މިނިސްޓަރު މާރިޔާ

ކުރިއާ ޚިލާފަށް މިއަދު މަސައްކަތް ކުރަމުންދަނީ ހުރިހާ ފަރާތަކަށްވެސް ފޯރުކޮށްދޭންޖެހޭ ސަލަމާތާއި ރައްކާތެރިކަން ކަށަވަރު ކޮށްދީގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެކަމުގައި ސިޔާސީ ތަފާތު ކުރުމެއް މިއަދު ނޯންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، އެއްބަސްވުންތަކުގެ ވާހަކަވެސް ވަރަށް ހާމަކަން ބޮޑު ގޮތެއްގައި މަޖިލީހުގައި ތަފްސީލު ކޮށްދެއްވާފައި ވާނެ ކަމަށާއި، އެހެންނަމަވެސް ޤައުމުގެ އިސްތިޤުލާލާއި އެއްބަސްވުންތަކާއި ގުޅުވައި ޒިންމާދާރުކަން ކުޑަ ވާހަކަތައް ދައްކަވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުން - ރާއްޖެއެމްވީ

މިނިސްޓަރު ވަނީ އެތެރޭގެ މިނިވަންކަމާއި، ބޭރުން އައިސްދާނެ ކަމަކަށް މި މިންވަރަށް ތައްޔާރުވެ އޮތް ޒަމާނެއް އަދި ނާންނަ ކަމަށް ވިދާޅުވެފައެވެ. މުޅި ޑިފެންސް ސެކްޓަރުގެ މަސައްކަތްތައްވެސް ބަލަހައްޓަވަމުން ގެންދަވަނީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުވެސް ހޯއްދަވައިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

- ކޮމެންޓް