ކ. މާލެ
|
26 ޖުލައި 2022 | އަންގާރަ 08:52
ކޮވިޑް ސާމްޕަލް ނެގުން
ކޮވިޑް ސާމްޕަލް ނެގުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކޮވިޑް-19 ތަފާސްހިސާބު
ފާއިތުވި ހަފްތާގައި ރާއްޖެއިން ފެނުނު ކޮވިޑް ކޭސްތައް މަދު
ފާއިތުވި ހަފްތާގައި ޕޮޒިޓިވްވީ 394 މީހުން
އެޗްޕީއޭއިން މިހާރު ވަނީ 4 ވަނަ ޑޯޒް ޖެހުމަށް ހުޅުވާލާފައި

ފާއިތުވި ހަފްތާގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓީވްވި މީހުންގެ އަދަދު 394 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި ރާއްޖެއިން ޕޮޒިޓިވްވި 394 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 69 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި 236 މީހުންގެ އިިތުރުން އެހެނިހެން ސަރަހައްދުތަކުން ޕޮޒިޓިވްވި 89 މީހުންނެވެ.

މިއީ އޭގެ ކުރީ ހަފްތާއާ އަޅާ ބަލާއިރު ދަށް އަދަދުތަކެކެވެ. އޭގެ ކުރީ ހަފްތާގައި ރާއްޖޭން ޕޮޒިޓިވްވީ 771 މީހުންނެވެ. އަދި އޭގެ ކުރީ ހަފުތާގައި މި އަދަދު ހުރީ 1000 އިން މަތީގައެވެ.

އެޗްޕީއޭއިން ބުނީ ބަލީގައި ބޮޑުވަރުވެގެން މިދިޔަ ހަފްތާގައި ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވަނީ 28 މީހުން ކަމަށެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ވަނީ 184،302 އަށް އަރާފައެވެ. އަދި ބަލީގައި ނިޔާވެފައިވަނީ 307 މީހުންނެވެ.

މީގެ އެއް މަސް ކުރިން ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތައް އިތުރުވާތީ އެޗްޕީއޭއިން ވަނީ އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. ބަލިން ރައްކާތެރިވެތިބުމަށް އެޅޭނެ ބައެއް ފިޔަވަޅުތައް އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ. އެހެންނަަމަވެސް ބޭރަށް ނުކުމެ އުޅޭއިރު މާސްކު އެޅުން ފަދަ ފިޔަވަޅުތައް އަޅާކަށް މަޖުބޫރެއް ނޫނެވެ.

މި ބަލީގައި ބޮޑުވަރުވުން ކުޑަކުރުމަށް ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުންނާއި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވެސް ދަނީ ބާރުއަޅަމުންނެވެ. މިގޮތުން ކޮވިޑު ޖެހުމުގެ ސަބަބުން ނުރައްކާ ބޮޑު ފަރާތްތަކަށް ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒް ޖަހަން އެޗްޕީއޭއިން ވަނީ ހުޅުވާލާފައެވެ.

4 ވަނަ ޑޯޒު ދޭ މީހުންގެ ތެރޭގައި 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދިފާއީ ނިޒާމް ބަލިކަށި މީހުން ހިމެނެއެވެ. އޭގެ ތެރޭގައި ހަށިގަނޑުން ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭހެއް ކާ މީހުންނާއި ޑަޔަލަސިސް ހަދާ މިހުންނާއި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ނުވަތަ ފަރުވާ ހޯދައި ނިމުނުތާ އަހަރެއް ނުވާ މީހުން ހިމެނެއެވެ. މީގެ އިތުރުން އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުންނާއި އޮކްސިޖަން ތެރަޕީ ދޭން ޖެހޭ މީހުންނާއި ފުއްޕާމޭގެ ބައްޔަކަށް ފަރުވާ ކުރަމުންދާ މީހުންނާއި ފުރަމޭގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނާއި ހަކުރު ބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުން ވެފައިވާ މީހުންނާއި ބައްޔެއްގެ ސަބަބުން އެދުމަތިވެފައިވާ މީހުންނަށް ވެސް 4 ވަނަ ޑޯޒެ ދޭނެވެ.

އެޗްޕީއޭއިން މިހާރު ވަނީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިންގެ 3 ވަނަ ޑޯޒެއް ދޭން ފަށާފައެވެ. އެ ޑޯޒު ޖަހާނީ ދެވަނަ ޑޯޒު ޖެހިތާ 6 މަސް ދުވަސްވެފައިވާ ކުދިންނަށެވެ.

ކުޑަކުދިންނަށް 3 ވަނަ ޑޯޒު ޖެހުމުގެ އިތުރުން 65 އަހަރުން މަތީގެ މީހުންނާއި ކޮވިޑު ޖެހުމުން ނުރައްކާތެރިކަން ބޮޑު ފަރާތްތަކަށް 2 ވަނަ ބޫސްޓަރ ޑޯޒެއް ޖަހަން ވަނީ ނިންމާފައެވެ. އެގޮތުން، ދެވަނަ ބޫސްޓަރ ޑޯޒު ޖަހާނީ ފުރަތަމަ ބޫސްޓަރ ޑޯޒް ނުވަތަ 3 ވަނަ ޑޯޒު ޖެހިތާ 4 މަސް ވެފައިވާ ފަރާތްތަކަށެވެ.

- ކޮމެންޓް