ކ. މާލެ
|
25 ޖުލައި 2022 | ހޯމަ 22:37
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ) އާއި ރައީސް ސޯލިހު (މ) އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (ކ)
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ (ވ) އާއި ރައީސް ސޯލިހު (މ) އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު (ކ)
ރައީސް އޮފީސް
މިނިވަން ދުވަސް
ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ދިވެހި ދިދަ ވިހުރެމުންދަނީ އަވައްޓެރި ގައުމުތަކާއެކު އޮތް ބަދަހި ރަހުމަތްތެރި ގުޅުންތަކުގެވެސް ސަބަބުން - އިމްރާން
ރާއްޖޭގެ މިނިވަންކަން ދެމި އޮތީ، އަދި ދެމި އޮންނާނީވެސް ދިވެހިން މިނިވަން ބައެއްގެ ގޮތުގައި ދެމިއޮންނަން ކުރާ މަސައްކަތްތަކެއްގެ މައްޗަށް
އެއްބައިވަންތަކަމަށް ބުރޫއަރާ، ނުތަނަވަސްކަމާއި ހަލަބޮލިކަން އުފެދިގެންދާ ކޮންމެ ވަގުތަކީ މިނިވަންކަމުގެ އިހުސާސް ކުޑަކޮށްދޭ ވަގުތެއް
ދޭދޭ ގައުމުތަކާއި، އަވައްޓެރި ގައުމުތަކާމެދު ނަފްރަތު އުފެއްދުމަކީ އޭގެ ސަބަބުން ދިވެހިންނަށް ހެވެއް އޮތްކަމެއްނޫން

ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ދިވެހި ދިދަ ވިހުރެމުންދަނީ އަވައްޓެރި ގައުމުތަކާއެކު އޮތް ބަދަހި ރަހުމަތްތެރި ގުޅުންތަކުގެވެސް ސަބަބުންކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިހެން ވިދާޅުވީ ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ.އެމްވީއަށް ދެއްވި ޚާއްސަ ޚިތާބުގައެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ދެމި އޮތީ، އަދި ދެމި އޮންނާނީވެސް ދިވެހިން މިނިވަން ބައެއްގެ ގޮތުގައި ދެމިއޮންނަން ކުރާ މަސައްކަތްތަކެއްގެ މައްޗަށްކަމަށެވެ.

ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ދިވެހިންގެ މިނިވަންކަމުގެ އެންމެ ބޮޑު އަސްލަކީ އިސްލާމް ދީން ކަމަށެވެ. ހަމައެހެންމެ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، ދިވެހި ގައުމުގެ މިނިވަންކަން ދެމިއޮތީ އެއްބައިވަންތަ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދެމިތިބީތީ ކަމަށެވެ. އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށް ބުރޫއަރާ، ނުތަނަވަސްކަމާއި ހަލަބޮލިކަން އުފެދިގެންދާ ކޮންމެ ވަގުތަކީ މިނިވަންކަމުގެ އިހުސާސް ކުޑަކޮށްދޭ ވަގުތެއް ކަމަށާއި، މިނިވަން ގައުމެއްގެ ވިސްނުން އަޅުގަނޑުމެންގެ ހިތްތަކާއި ސިކުނޑިތަކުން އެއްފަރާތްކުރުމަށް ބައެއް ފަރާތްތަކުން ކުރާ މަސައްކަތުގެ ހަމަލާ އަމާޒުކުރަމުންދާތަން ފެންނަނީވެސް ދިވެހިންގެ އެއްބައިވަންތަކަމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބައިބައިވުމާއި، ދެކޮޅުވެރިކަން ސިކުނޑިތަކަށް ވައްދައިދީގެން، އަޅުގަނޑުމެންނަކީ އަޅުވެތި ގައުމެއްކަމުގެ ވިސްނުން ކުރިއަށްނެރެ، ބައިބައިވުން އުފެއްދުމަށް ކުރެވޭ މަސައްކަތްތަކާމެދު މިއަދު ވިސްނާލަންޖެހޭކަމަށެވެ.

ބަވަނަވެފައިވާ ދުނިޔޭގަ، ގައުމުތައް މަސައްކަތްކުރަނީ ގުޅި ލާމެހިގެން. އެހީތެރިކަމުގެ އަތްތައް ދިއްކޮށްލައިގެން. ފުދުންތެރިކަމާ މިނިވަންކަން ދެމިއޮންނަނީވެސް ގައުމުތަކާމެދު އުފެދޭ ޚާރިޖީ އަދި ސިޔާސީ ގުޅުންތަކުގެ މައްޗަށްވެސް ބިނާވެގެން. މާޒީން އަޅުގަނޑުމެންނަށް ފެންނާން އޮތް ހަގީގަތަކީވެސް އެއީ. ދިވެހިންގެ މިނިވަންކަން ދިފާއުކޮށް ދިވެހި ދިދަ ވިހުރެމުންދަނީ އަވައްޓެރި ގައުމުތަކާއެކު އޮތް ބަދަހި ރަހުމަތްތެރި ގުޅުންތަކުގެވެސް ސަބަބުން. ދޭދޭ ގައުމުތަކާ އަވައްޓެރި ގައުމުތަކާމެދު ނަފްރަތު އުފެއްދުމަކީ އޭގެ ސަބަބުން ދިވެހިންނަށް ހެވެއް އޮތްކަމެއް ނޫން. އޭގެސަބަބުން އުފެދޭ ބައިބައިވުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ މިނިވަންކަމަށް ލޮޅުމެއް އައުމުގެ ފުރުސަތު ދީގެން ނުވާނެ. އެފަދަ ބައިބައިވުންތަކާ ދެކޮޅުވެރިކަމަށް ސަރުކާރުން ޖާގައެއް ނުދޭނެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ، ގައުމުތަކާމެދު އޮތް އިތުބާރު އަޅުގަނޑުމެން ދަމަހައްޓަންޖެހޭކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ސަރުކާރަށްވެސް އޮންނަންޖެހޭ ކަމަށާއި، އެ އިތުބާރު ސަރުކާރުން ދަމަހައްޓާނެކަމަށެވެ.

މީގެ އިތުރުން ގާނޫނީ ނިޒާމް ތަންފީޒުކުރާނެ ކަމަށާއި، ގާނޫނު ތަންފީޒު ކުރުމުގައި ސަރުކާރު އޮންނާނީ ސާބިތުކަމާއެކުގައި ކަމަށެވެ. އަދި ގާނޫނު ތަންފީޒުކުރުމުގައި ހަމަ އެންމެ މުއައްސަސާއަކުން ފަސްޖެހުނު ނަމަވެސް ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާކަމަށެވެ.

ގާނޫނު ފުރިހަމައަށް ތަންފީޒުކުރެވޭކަން އެކަން މަތިކޮށްފައިވާ ހަމަ ކޮންމެ މުއައްސަސާއަކުން ކަށަވަރުކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. ވަކި މީހަކަށްވީތީ، ވަކި ނަސަބަކަށްވީތީ ގާނޫނީ ނިޒާމުގެ ތެރެއިން ދޫވުމުގެ ފުރުސަތެއް ނެތް. އެފުރުސަތު ދެވިގެންވެސް ނުވާނެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ ދިވެހި ގައުމުގެ މިނިވަންކަން ހަގީގަތުގައިވެސް ދެމި އޮންނާނީ އަޅުގަނޑުމެން އެމިނިވަންކަން ދަމަހައްޓަން ބޭނުންވި މިންވަރެއްގެ މައްޗަށް ކަމަށާއި، އަދި އަޅުގަނޑުމެންގެ މެދުގައި ބަދަހިކަމާއި އެއްބައިވަންތަކަން އޮތް މިންވަރެއްގެ މައްޗަށް ކަމަށެވެ. ދިވެހި ގައުމަށް ހާސިލްވި ކޮންމެ ކަމެއް ހާސިލްވީވެސް ދިވެހިންގެ އެއްބައިވަންތަކަމުގެ ސަބަބުންކަމަށެވެ.

ރާއްޖޭގެ 57 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނަށް އެމަނިކުފާނު ވަނީ ތަހުނިޔާ ދަންނަވާފައެވެ. އަދ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށްވެސް މި މުނާސަބަތުގައި އެމަނިކުފާނު ވަނީ ތަހުނިޔާވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް