އުންމީދީ މިޑްފިލްޑާ އޮސްމާން ޑެމްބެލޭ ގައުމީ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑާއެކު އިންގްލޭންޑާއި ފްރާންސް ބައްދަލުކުރި އެކުވެރިކަމުގެ މެޗު ފްރާންސް އިން ކާމިޔާބުކޮށްފިއެވެ.
އަންގާރަ ދުވަހުގެ ރޭ މި ދެ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗް ފްރާންސް އިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައި ވަނީ އިންގްލޭންޑުންނެވެ. އެޓީމުން ވަނީ މެޗް ފެށިގެން 9 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގައި އިންގްލޭންޑްގެ ކެޕްޓަންކަން އަދާކުރި ހެރީ ކޭން އެވެ.
ފްރާންސް އިން ވަނީ ކުޅުން ވަރުގަދަކޮށް 22 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބާސެލޯނާއަށް ކުޅޭ އެޓީމުގެ ޑިފެންޑަރު ސެމިއުލް އުމްޓިޓީއެވެ. އެޓީމުން ރަނގަޅަށް ކުޅެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިބްރިއަލް ސިޑިބޭ އެވެ. ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.
އިންގްލޭންޑުން ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅުގައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ދެވަނަ ހާފު ފެށިތާ ދެ މިނެޓުގެ ތެރޭގައި މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. މި ޕެނަލްޓީއަކީ ފްރާންސްގެ އޭރިއާގެ ތެރެއިން އިންގްލޭންޑްގެ ޑެލެ އަލީއަށް ފްރާންސްގެ ވަރާން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ފްރާންސް މެޗުން މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗު ނިމެން 12 މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ މިޑްފިލްޑާ އޮސްމާން ޑޭމްބެލޭ އެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުކަން ފާހަގަކޮށްލެވެއެވެ.