ކ. މާލެ
|
24 ޖުލައި 2022 | އާދީއްތަ 21:15
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް
މަންކީޕޮކްސް ޖެހިފައިވާ މީހެއްގެ އަތް
ރޮއިޓާރސް
ރާއްޖެއަށް މަންކީޕޮކްސް އައުމުގެ ފުރުސަތު އެބައޮތް
ރާއްޖެއަށް ވެސް މަންކީޕޮކްސް އައުމުގެ ފުރުސަތު އެބައޮތް، އަލާމާތެއް ފެނިއްޖެނަމަ އަވަހަށް އެހީ ހޯދާ: އެޗްޕީއޭ
ބަލީގެ އަލާމާތެއް ފެންނަނަމަ ވަގުތުން ފަރުވާ ހޯދުމަށް ވަނީ އިލްތިމާސްކޮށްފައި
މުޖުތަމައުގައި މަންކީޕޮކްސް ފެތުރުމުގެ ފުރުސަތު ކުޑަކަމަށް ބުނޭ
ރާއްޖޭން ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ބުނޭ

ދުނިޔޭގައި މަންކީޕޮކްސް ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލައި ރާއްޖެއަށް ވެސް އެ ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެ އިދާރާއިން މިހެން ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން މަންކީޕޮކްސް އަކީ ދުނިޔޭގެ ހެލްތު އިމަޖެންސީއެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބަލި ފެނިދާނެތީ ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ ދުނިޔޭގައި މަންކީޕޮކްސް ފެތުރެން ފެށުމާއެކު އެ އިދާރާއިން ބަލި ފެތުރެމުންދާގޮތް މޮނިޓަރ ކޮށް، ރާއްޖޭން ވާންޖެހޭ ތައްޔާރީތަކާއި ދޭން ޖެހޭ އިޖާބަ ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރި ކުރުވުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަން އެ އިދާރާއިން ފާހަގަ ކުރިއެވެ. އަދި ސަރވެލަންސް ހަރުދަނާ ކުރުމާއި ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުންފަދަ މަސައްކަތްތަކާއި ވެކްސިނާއި ބޭސް ލިބޭ ގޮތްތައް ބަލަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން މި ބަލި ފެނުނު ނަމަވެސް ކޮވިޑް-19 ފަދަ ބައްޔަކާ އަޅާބަލާއިރު މުޖުތަމައުގައި ބަލި ފެތުރުމުގެ ފުރުސަތު ކުޑަކަމަށެވެ. އެއީ އެބަލި ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން ކަމަށް ވަނީ ބުނެފައެވެ.

މަންކީޕޮކްސްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްޙީ ޚިދުމަތްތެރިއަކަށް ދައްކައި ބަލި ކަށަވަރުވަންދެން އަމިއްލައަށް އެކަހެރިވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މަންކީޕޮކްސްގެ އަލާމާތަތްކުގެ ތެރޭގައި ހުންއައުމާއި ގައިގައި ރިއްސުމާއި ވަރުބަލިވުމާއި ގޮށްލުމާއި ހަމުގައި ބިހި ނެގުން ހިމެނެއެވެ. ގިނަ ކޭސްތަކުގައި ބިހި ނަގަނީ ކުރިމަތިފަރާތާއި ފުރަގަސް ފަރާތާއި އަނގައިގެ ވަށައިގެން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މުޖުތަމައުގައި މި ބަލި ފެތުރުމުގެ ފުރުސަތު ކުޑަނަމަވެސް އެންމެވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން އުޅުމަށް އެޗްޕީއޭއިން އެދެއެވެ. އެގޮތުން، ގިނައިން އަތް ދޮވުމާއި މީހުންގެ ތެރޭގައި އުޅޭއިރު މާސްކު އެޅުމާއި ގިނަމީހުން އެއްވާ ތަންތަނަށް ނުދިއުން ފަދަ ކަންކަން ހިމެނެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން މިހާތަނަށް މަންކީޕޮކްސްގެ 14000 އަށްވުރެ ގިނަ ކޭސް ފެނިފައިވާއިރު ބަލި ގިނައިން ޖެހިފައިވަނީ އެއްޖިއްސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. ނަމަވެސް އަންހެނުންނާއި ކުޑަކުދިންނަށް ވެސް މި ބަލި ޖެހޭ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.

- ކޮމެންޓް