ކ. މާލެ
|
14 ޖޫން 2017 | ބުދަ 19:51
ފަލަސްތިން އަދި އޮމާން ބައްްދަލުކުރި މެޗުގެ ތެރެއިން
ފަލަސްތިން އަދި އޮމާން ބައްްދަލުކުރި މެޗުގެ ތެރެއިން
ފޭސްބުކް
އޭޝިއަންކަޕް
އޭޝިއަންކަޕް ކޮލިފައިން: އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި
އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދީ 1-2 ގެ ނަތީޖާއަކުން
އަފްއާނިސްތާންގެ މައްޗަށް ކެމްބޯޑިއާ ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

އޭޝިއަންކަޕް ކޮލިފައިންގައި އޮމާންގެ މައްޗަށް ފަލަސްތީން ކުރިހޯދިއިރު، ކެމްބޯޑިއާ އިން އަފްއާނިސްތާން ބަލިކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗުން އޮމާންއާ ވާދަކޮށް ފަލަސްތީން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

ފަލަސްތީނުގައި ކުޅުނު މި މެޗު ފެށިގެން 14 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކަންޓިލަނާ އެވެ. މި ލަނޑަށްފަހުވެސް ފަލަސްތީނުން ދިޔައީ އޮމާންގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެގޮތުން 21 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޔާސިރު އިސްލާމް އެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމެން ދަނިކޮށް އޮމާނުން މެޗުގެ ނަތީޖާ ހަމަހަމަކުރީ 45 ވަނަ މިނެޓުގައެވެ. އެގޮތުން ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން އޮމާންގެ މައްޗަށް ފަލަސްތީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތު ވަނީ ލިބިފައެވެ. ދެވަނަ ހާފްގައި ފަލަސްތީންގެ ފަރާތުން ފެނުނީ ޑިފެންސިވް ކުޅުމެކެވެ.

މި ނަތީޖާއާއެކު ފަލަސްތީން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށް އެޓީމު ހިމެނޭ ގްރޫޕް ޑީގެ އެއްވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި އޮމާން އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ދެވަނައިގަ އެވެ.

އަފްއާނިސްތާންގެ މައްޗަށް ކެމްބޯޑިއާ ކުރިހޯދީ 0-1 ގެ ނަތީޖާއަކުންނެވެ.

ކެމްބޯޑިއާގައި ކުޅުނު މި މެޗުގައި އަފްއާނިސްތާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެޓީމަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތް ވަނީ ނުވެފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 60 ވަނަ މިނެޓުގައި ކެމްބޯޑިއާއަށް ކާމިޔާބުކޮށްދިނީ ޕަރަކް މޮނީ އުޑޮމް އެވެ.

މި ނަތީޖާއާއެކު ކެމްބޯޑިއާ ވަނީ ތިން ޕޮއިންޓް ހޯދާ ގްރޫޕްގެ ދެވަނައަށް ޖެހިލާފައެވެ. އަފްއާނިސްތާން އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ފުލުގައެވެ. އަފްއާނިސްތާން ވަނީ މި މެޗު ކުޅުމުގެ ކުރިން މި މަހުގެ ހަ ވަނަ ދުވަހު ރަހްމަތްތެރިކަމުގެ މެޗެއްގައި ރާއްޖެއާ ދެކޮޅަށް ކުޅެފައެވެ. ދުބާއީގައި ކުޅުނު އެ މެޗުން އަފްއާނިސްތާން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް