ކ. މާލެ
|
23 ޖުލައި 2022 | ހޮނިހިރު 19:56
ރޮނާލްޑޯ
ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ރޮނާލްޑޯގެ ކުރިމަގު
ގޮތް ދޫކޮށް ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރަނީ؟
ރޮނާލްޑޯ ވަނީ ވޯކްއައުޓް ސެޝަންތަކެއްގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފައި

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުލަބުގައި މަޑުކުރަން ނިންމީތޯ ގިނަ ބަޔަކު ސުވާލުކުރަން ފަށައިފިއެވެ.

ރޮނާލްޑޯ ވަނީ ކުލަބް ދޫކޮށްލަން ބޭނުންވާކަން ޔުނައިޓެޑުގެ ސީނިއަރ މެނޭޖުމަންޓަށް އަންގާފައެވެ. އެއާއެކު އޭނާ ބަދަލުވާނެ ކުލަބެއް ހޯދުމުގެ މަސައްކަތް އޭނާގެ އެޖެންޓު ޖޯޖް މެންޑޭސް ވަނީ ފަށާފައެވެ. އެގޮތުން ރޮނާލްޑޯ ގެންދިޔުމުގެ އޮފަރ އޭނާ ވަނީ ޔޫރަޕުގެ ބޮޑެތި ކުލަބުތަކަށް ކޮށްފައެވެ. ނަމަވެސް އެއްވެސް ކުލަބަކުން މިހާތަނަށް އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ޖަރުމަނުގެ ބަޔާން މިއުނިކް އަދި ޕްރިމިއަރ ލީގުގެ ޗެލްސީ ހިމެނެއެވެ.

ކުލަބް ދޫކޮށްލަން ބޭނުންވާކަން ހާމަކުރި ފަހުން ރޮނާލްޓޯ ޔުނައިޓެޑުގެ އެއްވެސް ފަރިތަކުރުންތަކެއްގައި ބައިވެރިވެފައެއް ނުވެއެވެ. ޔުނައިޓެޑުން ބުނީ ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިނުވަނީ އާއިލީ ސަބަބަކާ ހެދިކަމަށެވެ. އެންމެ ފަހުން ގޮތް ދޫކޮށް ރޮނާލްޑޯ ޔުނައިޓެޑުގައި މަޑުކުރަނީތޯ ގިނަ ބަޔަކު ސުވާލުކުރަމުން ދަނީ، ރޮނާލްޑޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކެއްގެ ސަބަބުންނެވެ. ރޮނާލްޑޯ ވަނީ އޭނާ އަމިއްލައަށް ވޯކްއައުޓް ސެޝަންތަކެއް ކުރިއަށް ގެންދާ ދެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

ބޭރުގެ ބައެއް މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯގެ މެސެޖަކީ އޭނާ ޔުނައިޓެޑުގައި މަޑުކުރަން އުޅޭ ކަމުގެ "ހިންޓް"އެއް ކަމަށެވެ. އެގޮތުން ޓީމާއި ދުރުގަ ހުރި ނަމަވެސް، އަމިއްލައަށް ވޯކްއައުޓްތައް ކުރިއަށް ގެންގޮސް ރޮނާލްޑޯ އޭނާގެ ފިޓްނަސް ހިފަހައްޓަން މަސައްކަތް ކުރަނީ، ޓީމުގައި މަޑުކުރަން ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޓީމާއި ދުރުގައި ހުރުމުގެ ސަބަބުން ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގެ ތެރެއިން ޔުނައިޓެޑުން ކުޅުނު އެއްވެސް މެޗެއްގައި ރޮނާލްޑޯ ކުޅެފައެއްނުވެއެވެ. ޔުނައިޓެޑުން މިހާތަނަށް ހަތަރު މެޗެއް ކުޅެފައިވާއިރު، ތިންް މެޗުން ވަނީ މޮޅުވެފައެވެ. އެންމެ ފަހުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމުވަނީ އެއްވަރުވެފައެވެ.

- ކޮމެންޓް