ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލިކަމަށް ތުހުމަތުކުރެވޭ ޓެޓްސުޔާ ޔަމަގަމިގެ ސައިކޭޓްރިކް އިވެލުއޭޝަނެއް ހަދަން ނިންމާފައިވާކަމަށް ޖަޕާންގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ޖަޕާންގެ މީޑިއާތަކާ ހަވާލާދީ ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން މިއަހަރުގެ ފަހުކޮޅާ ހަމައަށް ޔަމަގަމިގެ ސައިކޭޓްރިކް އިވެލުއޭޝަންގެ މަސައްކަތްތައް ކުރިއަށްދާނެއެވެ. އެގޮތުން މައްސަލަ ބަލަމުންދާ ނާރާގެ ކޯޓެއްގެ ގާޒީ ވަނީ ޔަމަގަމިގެ ސައިކޭޓްރިކް އިވެލުއޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ހުއްދަ ޕްރޮސެކިއުޓަރަށް ދީފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޔަމަގަމިގެ ސައިކޭޓްރިކް އިވެލުއޭޝަންގެ މަސައްކަތް ނޮވެމްބަރު 29ގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
އަބޭ އަވަހާރަކޮށްލާފައިވަނީ ދެކުނުގެ ސިޓީ އެއްކަމަށްވާ ނާރާގައި ބޭއްވުނު ކެމްޕެއިން ހަރަކާތަކަށް ވަޑައިގެން ހުންނަވަނިކޮށް ޖުލައި 8 ވަނަ ދުވަހުއެވެ.
ހާދިސާ ތަހުގީގުކުރަމުންދާ ފުލުހުން ބުނެފައިވާގޮތުގައި އަބޭއަށް ހަމަލާ ދިން އުމުރުން 41 އަހަރުގެ ޓެސޫޔާ ޔަމަގަމި، އަބޭއަވަހާރަކޮށްލީ އަބޭ އާމެދު އޮތް ހިތްހަމަ ނުޖެހުމެއްގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. އަދި ބަޑިޖެހުމަށްފަހު އޭނާ ފިލަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހަމަލާދިނުމަށް ޔަމަގަމި ބޭނުންކޮށްފައިވަނީ އޭނާ އަމިއްލަޔަށް ހަދާފައިވާ ބަޑިއެއް ކަމަށް ވެއެވެ. ތަހްގީގުގެތެރޭން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލާފާސް ކުރި އިރު ގޮވާތަކެތިވެސް ފެނިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.