ހެޔޮ ބަހަކީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑި ކަމަށާއި، އެއީ މާތް ﷲގެ ހަޟްރަތަށް އިންސާނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރު ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގެ މައުޟޫއަކީ ހެޔޮބަސް ބުނުމެވެ. މި މައުޟޫއަށް އިއްވި ޚުތުބާގައި ބުނެފައިވަނީ ހެޔޮބަހަކީ ރަނގަޅު ގަހަކުން ނުކުންނަ ފައިދާ ހުރި މޭވާއެއް ކަމަށެވެ. އެއީ ހިނުތުންވުން ގެނެސްދޭ ކަމެއް ކަމަށާއި، ހެޔޮ ބަސް ބުނެ އުޅުމަކީ ވާހަކަ ދައްކާ މީހާގެ ޝަހްސިއްޔަތު އަންގައިދޭ އޭނާގެ ފޭރާން ކަމަށެވެ. އެއީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުދަނޑި ކަމަށާއި، އެއީ މާތް ﷲގެ ހަޟްރަތަށް އޭނާގެ މެސެޖްތައް ގެންގޮސްދޭ ސަފީރު ކަމަށެވެ.
ހެޔޮބަހެއް މެނުވީ މާތްﷲ ގެ ހަޟްރަތަށް ނުފޯރާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މާތް ﷲ ވަހީ ކުރައްވާފައިވަނީ ރަނގަޅު ބަސްތައް އުފުލިގެން ދަނީ، އެކަލާނގެ ހަޟްރަތަށް ކަމަށާއި، އަދި ސާހިލު އަމަލު އެކަލާންގެ ހަޟްރަތަށް އުފުއްލަވާ ކަމަށެވެ.
ޚުތުބާގައި ބުނެފައިވަނީ ހެޔޮ ބަހެއް ބުނުމަކީ ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އޭގައި ހިމެނޭނީ އެ ބަސް ބުނާ މީހާއަށާއި، އަޑު އަހާމީހާއަށް މަންފާ އާއި ލާބަ ކަމަށެވެ. އެ ބަހުގައި ފުރައްސާރަ ކުރުމެއް، ނެތިމޮށުމެއް، ހުތުރު އެއްޗެހި ކިޔުމެއް ނުހިމެނޭ ކަމަށެވެ.
ހެޔޮބަހަކީ، މާތް ﷲ ހަނދުމަކުރުމާއި، ތަހުލީލާއި، ތަހްމީދާއި، ތަސްބީހަ ކިޔުމެވެ. އެއީ ފައިދާކުރަނިވި އިލްމެއް ފެތުރުމާއި، ހެޔޮކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމެވެ. އެއީ މީސްތަކުންނަށް ނަސޭހަތް ދިނުމާއި، ސީދާ މަގަށް މަގު ދެއްކުމެވެ. ހެޔޮ ބަހަކީ ހެޔޮ ގަހެއް ފަދަ އެއްޗެކެވެ. އެ ގަހުގެ ހިޔާ ބޮޑެވެ. އެ ގަހުގެ މަންޒަރު ރީއްޗެވެ. އެ ގަހުގެ ވަސް މީރެވެ. އެ ގަހުގެ މޭވާ ފޮންޏެވެ. އެ ގަހުގެ ފައިދާ ގިނަގުނައެވެ. އެ ގަހުގެ މޫތައް ވަރުގަދައެވެ. އެއީ އަބަދުވެސް މަތިވަރު ރަނގަޅު ގަހެކެވެ. އެއީ އަބަދު ވެސް މޭވާ އަޅައި ފުރިފައިވާ ގަހެކެވެ. އެ ގަހުގެ މޭވާ ދުވަހަކުވެސް ހުހެއްނުވެއެވެ. މިފަދަ ގަސް ހެދުމަށް ރަނގަޅު ބިމަކަށް ބޭނުންވެއެވެ.ހުކުރު ޚުތުބާ
ޚުތުބާގައި ބުނެފައިވަނީ ގަސް ހެއްދުމަށް ރަނގަޅު ބިމަކަށް ބޭނުންވާ އިރު، އެ ރަނގަޅު ބިމަކީ މާތް ﷲ އަށް އަޅުކަން ކުރާ ސާލިހު މުމިނާގެ ނަފްސު ކަމަށެވެ. އަދި އެ ފަދަ ނަފްސެއްގެ ވެރިއަކަށް ވެވޭނީ މާތްﷲގެ ހަލްގުތަކުންނާ އެކު ރިވެތި ގޮތުގައި މުއާމަލާތް ކުރާ މީހަކަށް ކަމަށެވެ. އަޅުގަނޑުމެންގެ ދަރިން މިފަދަ ނަފްސުތަކެއްގެ ވެރި ބަޔަކަށް ހެދޭނީ، އާއިލީ ރަނގަޅު ތަރުބިއްޔަތާއި، ރިވެތި ނަމޫނާ އާއި، މަދްރަސީ ރަނގަޅު ތަރުބިއްޔަތާއި، ސާލިހު ރަނގަޅު ވެއްޓެއް އެ ކުދިންނަށް ހޯދައި ދީގެން ކަމަށެވެ.
އަދި މި ތިން މާހައުލަކީ ގަހެއް ރުކެއް ނުހެދޭ، ދިރުމެއް ނެތް، މަރުވެފައިވާ ބިމެއް ފަދަ މާހައުލަކަށް ވެއްޖެނަމަ، އަޅުގަނޑުމެންގެ ދަރިންގެ ހިތްތަކުގައި ހެޔޮ ބަސް ބުނުމުގެ އާދަ އަށަ ނުގަންނާނެ ކަމަށެވެ. ޚުތުބާގައި ބުނެފައިވަނި އެފަދަ ވެއްޓެއްގައި އުފެދި ބޮޑުވާ ބައެއްގެ ސަބަބުން މުޖްތަމައު އެއްބައިވަންތައެއް ނުކުރެވޭނެ ކަމަށެވެ. އެމީހުންގެ ކިބައިން ގައުމަށް ރަނގަޅު ޚިދުމަތެއް ނުލިބޭނެ ކަމަށެވެ.
މާތް ﷲ ހެޔޮ ބަހާއި ބަދު ބަހުގެ މިސާލު ޖައްސަވައި ކީރިތި ގުރުއާނުގައި ވަހީ ކުރައްވާފައިވަނީ ﷲ ރަނގަޅު ބަހެއްގެ މިސާލު ޖެއްސެވީ ކޮންފަދައަކުންކަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ އެއީ، އެ ގަހެއްހެ މޫތައް (ބިމުގައި) ހަރުލާފައި ހުންނަ، އަދި އެ ގަހެއްގެ ގޮފިތައް (ބިޔަކޮށް ހެދި) މައްޗަށް އުފުލިފައިވާ ގަހެއްޖެ މިސާލެވެ. އެ ގަހުގެ ވެރިރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ ހިނދެއްގައި އެ ގަހުގެ މޭވާ ލިބިދެއެވެ. ﷲ މީސްތަކުންނަށް މިސާލު ޖައްސަވަނީ އެއުރެން ހަނދުމަކުރުމަށްޓަކައެވެ. އަދި ނުބައި ބަހެއްގެ މިސާލަކީ ބިންމަތިން އުފުރާލި (އަދި) އެ ގަހަކަށް އެއްވެސް ސާބިތުކަމެއް ނުވާ، ނުބައި ގަހެއްގެ މިސާލެވެ.ހުކުރު ޚުތުބާ
ޚުތުބާގައި ބުނެފައިވަނީ ނުބައި ބަސްތަކުގައި ހަރުދަނާކަމެއް ނުހުންނާނެ ކަމަށާއި، އޭގެ ސަބަބުން މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެ ކަމަށެވެ. އަދި އެފަދަ ބަސްތަކުގެ ސަބަބުން މީހުންނަށް މަގު އޮޅޭނެ ކަމަށެވެ. އެކަކު އަނެކަކާއި ޖެހި، މޫނު ކެނޑޭނެ ކަމަށާއި، މީހުން މަގުފުރެދި ހައްގުގެ މަގަށް ހުރަސްއެޅޭނެ ކަމަށެވެ. އަޅުގަނޑުމެންގެ މުޖްތަމައުން މިފަދަ ނޭދެވޭ އަމަލުތައް ފެންނަކަމީ ހިތާމަކުރި ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ހަގީގަތާއި ހިލާފު ދޮގު ވާހަކަތައް މީސްތަކުގެން މެދުގައި ފަތުރައި، ފިތުނަ ފަސާދަ އުފައްދަން މަސައްކަތް ކުރުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
އިންސާނާގެ ނަފްސުގެ މައްޗަށް ވެރިވެގަނެ، އޭނާ ހެއްލުންތެރިކުރުމަށް ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނެތެވެ. އޭނާއަށް ހަޑިހުތުރު އަމަލުތައް ޒީނަތްތެރިކޮށްދީ، ވަސްވާސް ދޭނެތެވެ. މިކަމުގެ ސަބަބުން އޭނާ ހަޑިހުތުރު ބަސް ބުނެއެވެ. ދޮގު ވާހަކަ ދައްކައެވެ. ނެތި މޮށެއެވެ. ޣީބަ ބުނެއެވެ. ދޭތެރެ ޖައްސައެވެ. އިންސާނުންނަށް އިސްލާމީ ތަރުބިއްޔަތާއި އަދަބު އަހުލާގަށް ބޭނުންވަނީ މިހެންވެއެވެ. އޭނާ ބުނާ ބަސްތަކާ މެދު އޭނާ ޒިންމާވާން ޖެހޭނެކަން ދަސްކޮށްދީ، އޭނާގެ ދުލުން ހެޔޮ ބަސް ބުނުމަށް އަދާކޮށް ދިނުމަށްޓަކައެވެ. އޭނާ ބުނާ ހެޔޮ ބަހަށް މާތް ﷲ އޭނާއަށް ސަވާބު ދެއްވާނެކަން ހަނދާން ހަނދާންކޮށްދޭން ޖެހެއެވެ.ހުކުރު ޚުތުބާ
ހުކުރު ޚުތުބާގައި ބުނެފައިވަނީ ދެމަފިރިން ވެސް އެކަކު އަނެކަކާ މުއާމަލާތް ކުރަން ޖެހޭނީ ރިވެތި އޯގާތެރި ބަހުން ކަމަށެވެ. އެކަކު އަނެކަކާ ހުތުރު ބަހުން ވާހަކަދައްކައި، އެކަކު އަނެކަކު ހިތުގައި ޖައްސައި، އެ ދެމީހުންގެ ދެމެދުގައި އޮންނަން ޖެހޭ ލޯތްބާއި، ކުލުނު ނެތިދާނެ ގޮތަށް ބަސް ބުނެ އުޅެގެން ނުވާނެ ކަމަށެވެ.
މިއީ މާތްﷲ ކާވެނީގައި ލެއްވި މާތް މަގުސަދު ގެއްލި، ދެމަފިރިން ހަތުރުންނަށްވެ، ވަރިފަށަށް އަރައިދާނެ ކަމެއް ކަމަށެވެ. ޒަވާޖީ ހަތާތަކީ ލޯތްބާއި އޯގާތެވެރިކަމުގެ މަތީގައި ބިނާވެފައި އޮންނަން ޖެގޭ މުޤައްދަސް ގުޅުމެއް ކަމަށެވެ.