ކ. މާލެ
|
14 ޖޫން 2017 | ބުދަ 16:59
ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ލައިގެން
ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ލައިގެން
ރޮއިޓަރސް
ގަތަރުގެ މައްސަލަ
ކޮރެއާ ދެކޮޅަށް ކުޅުނު މެޗުގައި ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ބޭނުންކޮށްފި
ގަތަރުން ވަނީ ކޮރެއާގެ މައްޗަށް 2-3 ގެ ނަތީޖާއިން ކުރިހޯދާފައި
ލަނޑު ޖެހުމަށްފަހުވެސް ގަތަރު ކުޅުންތެރިން ޓީޝާޓް ބޭނުންކުރި

ވޯލްޑްކަޕް ކޮލިފައިންގައި ދެކުނު ކޮރެއާއާ ދެކޮޅަށް ގަތަރު ކުޅުނު މެޗުގައި ގަތަރުގެ ކުޅުންތެރިން އެގައުމުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދް އަލް ތާނީއަށް ތާއީދުކޮށް ޓީޝާޓް ބޭނުންކޮށްފި އެވެ.

ގަލްފްގެ ގިނަ ގައުމުތަކުން ގަތަރާ ޒަމާނުއްސުރެ އޮންނަ ގުޅުން ކަނޑާލާފައިވާ އިރު، ދިވެހި ރާއްޖެވެސް ވަނީ އެގައުމާ ގުޅުން ކަނޑާލާފައެވެ. ގަތަރާ އެކި ގައުމުތަކުން ގުޅުން ކަނޑާލަމުން އަންނަނީ އެ ގައުމުން އިރާނާ ގާތް ގުޅުމެއް ބާއްވާ ޓެރެރިސްޓް ޖަމާއަތްތަކަށް ހަރަދުކުރާކަމަށް ބުނެއެވެ.

އެހެންނަމަވެސް މި ތުހުމަތުތައް ގަތަރުން ވަނީ ދޮގުކޮށްފައެވެ. އެގޮތުން ގަތަރަށް ތާއީދުކޮށް އެގައުމުގެ ކުޅުންތެރިން ވަނީ އަމީރުގެ ފޮޓޯ ޖަހާފައިވާ ޓީޝާޓް ލައިގެން ވޯމްއަޕްވެސް ކޮށްފައެވެ. މީގެއިތުރުން މެޗުގެ 25 ވަނަ މިނެޓުގައި ގަތަރަށް ލިބުނު ހިލޭޖެހުން މިޑްފިލްޑަރު ހަސަން އަލް ހައިޑޮސް ކާމިޔާބުކޮށްފައިވާއިރު، އޭނާ ވަނީ އުފާފާޅުކުރުމުގެ ގޮތުން އަމީރުގެ ފޮޓޯ ޖަހާފައި އޮތް ޓީޝާޓް ވިހުރުވާލާފައެވެ.

ގަތަރު ކުޅުންތެރިންގެ މި އަމަލާއެކު އެގައުމުގެ ފުޓުބޯޅަ ޓީމަށް ފިޔަވަޅު އަޅާނެކަމަށް ބެލެވެއެވެ. ފީފާގެ ގަވައިދުތައް ބުނާގޮތުން ދަނޑުމަތީގައި ސިޔާސީ، ދީނީ އަދި އިސްތިހާރުކުރުމަށް އެއްވެސް އެއްޗެއް ބޭނުންކުރުމަކީ މަނާކަމެކެވެ.

އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ގަތަރު ތައްޔާރުވަމުން އަންނައިރު، އެޓީމު ވަނީ ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗު 2-3 ގެ ނަތީޖާއިން ކާމިޔާބުކޮށްފައެވެ.

ގަތަރު ހިމެނޭ ގްރޫޕަށް ބަލާއިރު، އެޓީމު އޮތީ 8 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ގްރޫޕްގެ ފަސްވަނައިގަ އެވެ. މި ގްރޫޕުން ދެ ޓީމު ވޯލްޑްކަޕަށް ކޮލިފައިވާއިރު، ތިންވަނަ އަށް ދާ ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. އެގޮތުން މި ގްރޫޕްގައި ހިމެނޭ އިރާން ވަނީ 20 ޕޮއިންޓް ހަމަކޮށް މިހާރު ވޯލްޑްކަޕުން ޖާގަ ހޯދާފައެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް