ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 18:25
ފުރަތަމަ މެޗު ކާމިޔާބުކުރި ފުނަދޫ ޓީމް
ފުރަތަމަ މެޗު ކާމިޔާބުކުރި ފުނަދޫ ޓީމް
އެމްޓީސީސީ ނޯތު ލީގު/ދެވަނަ ޑިވިޝަން
ށ. ނަރުދޫ ރަމްޒު ސްޕޯރޓްސް ދެވަނަ މެޗުންވެސް ބަލި
ފުނަދޫއާއި ފޯކައިދޫ ވަނީ ފުރަތަމަ މެޗު ކާމިޔާބުކޮށްފައި

އެމްޓީސީސީ ނޯތު ލީގު/ ދެވަނަ ޑިވިޝަންގައި ށ. ނަރުދޫ ރަމްޒު ސްޕޯރޓްސް ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ. ތިން ޓީމް ވާދަކުރާ ށ. އަތޮޅު ގްރޫޕް ބީގައި ރަމްޒު ސްޕޯރޓްސްގެ ދެވަނަ މެޗުގައި ބަލިވީ ފުނަދޫ ޔުނިޓީ ސްޕޯރޓްސް އެކަޑަމީއާ ވާދަކޮށް 5-3ންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ފުނަދޫއިން ފުރަތަމަ ތިން ލަނޑު ޖަހައި ލީޑްނެގިއެވެ. ފުރަތަމަ ތިން ލަނޑު ކާމިޔާބުކޮށްދިނީ މޫސާ އާދަމް, އިބްރާހީމް ސައީދު، އަދި ޕެނަލްޓީއަކުން މުހައްމަދު އަގީލްއެވެ. ހާފް ނިމުމުގެ ކުރިން ރަމްޒް ސްޕޯރޓްސްއިން ދެ ލަނޑު ޖަހައި ފަރަގު ކުޑަކުރިއެވެ. އެޓީމަށް ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހައިދިނީ ހަސަން ފައިރޫޒްއާއި, މުހައްމަދު އަޒުމޫންއެވެ. ފުނަދޫ ޓީމްގެ ހަތަރުވަނަ ލަނޑުވެސް ޕެނަލްޓީއަކުން ޖެހީ އަގީލްއެވެ. ފަސްވަނަ ލަނޑު ޖެހީ މޫސާ އާދަމްއެވެ. ރަމްޒު ސްޕޯރޓްސްގެ ތިންވަނަ ލަނޑު ޖެހީ އަހުމަދު އިނާޒްއެވެ.

މިއީ މުބާރާތުގައި ފުނަދޫގެ ފުރަތަމަ މެޗެވެ. ރަމްޒް ސްޕޯރޓްސް ވަނީ ފުރަތަމަ މެޗުގައި ފޯކައިދޫ އަތުން 6-1ން ބަލިވެފައެވެ. މިގްރޫޕްގައި ދެން ވާދަކުރާނީ ފުރަތަމަ މެޗު ކާމިޔާބުކުރި ދެޓީމްކަމަށްވާ ފޯކައިދޫއާއި ފުނަދޫއެވެ. ނޯތު ލީގު އެއްވަނަ ޑިވިޝަނުން ޖާގަ ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެފަހަރު ވާދަކޮށް ކުރިހޯދާ ދެޓީމަށެވެ.

- ކޮމެންޓް