ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެތުލީޓުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިގޮތަށް އެދިވަޑައިގަތީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތުލީޓުންނާއި އޮފިޝަލުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ޤައުމު ތަމްޞީލުކުރަން ފުރުޞަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއްކަމަށާއި، އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފައެވެ. މި ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެތުލީޓުން ބައިނަލްއަޤްވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަޞީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭކަންކަން ސަރުކާރުން ކުރަމުންދާކަމުގައި ވިދާޅުވެފައެވެ. ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއް ނެތި ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ވަނީ " ފޯ ދި އޯޝަންސް" ގެ ނަން ދެވިފައިވާ ޖަރޒީ ކިޓް އެ ވެދުމަަށްއަރުވާފައެވެ. ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ މި ކިޓު ފަރުމާކުރެވިފައިވަނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި، ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.
މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 8 ށް އިނގިރޭސިވިލާތުގެ ބަރމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ ފަރާތުން ތުރުކީގެ ކޮންޔާގައި އޮގަސްޓް 8 ން 9 ށް ބާއްވާ ބާއްވާ ފަސް ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.