މިއަހަރުގެ މިހާތަނަށް 888،000 އަށްވުރެ ގިނަ ފަތުުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
މި ހިނގާ ޖުލައި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބުތައް ޓޫރިޒަމް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ މެއި މަހުގެ 17 ވަނަ ދުވަހާ ހަމައަށް މިމަހު ރާއްޖެ އައިސްފައިވަނީ 75،509 ފަތުރުވެރިންނެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 70،624 ފަތުރުވެރިންނަށްވުރެ 6.9 އިންސައްތަ އިތުރު އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ. 2021 ވަނަ އަހަރާ އަޅާ ބަލާއިރު، މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދު 53.8 އިންސައްތަ އިތުރުވެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީން ބުނީ މިމަހު އެވަރޭޖްކޮށް 4،442 ފަތުރުވެރިން ދުވާލަކު އަންނަ ކަމަށެވެ. އަދި އެމީހުން 8 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށް ރެކޯޑްކޮށްފައިވެއެވެ. މިމަހު އެއް ދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައީ 9 ވަނަ ދުވަހުއެވެ. އެދުވަހު 5،200 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އަހަރުގެ މިހާތަނަށް 888،720 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ރެކޯޑުކޮށްފައިވާއިރު، މިއީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 4.8 އިންސައްތަ ދަށް އަދަދެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކުރެއެވެ. 2019 ވަނަ އަހަރުގެ މި މުއްދަތުގައި 933،213 ފަތުރުވެރިން ރާއްޖެ އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ހާމަކުރެއެވެ. އެހެންނަމަވެސް 2021 ވަނަ އަހަރާ އަޅާ ބަލާއިރު މިއީ 58.8 އިންސައްތައިގެ ކުރިއެރުމެކެވެ. 2021 ވަނަ އަހަަރުގެ މި މުއްދަތުގައި ރާއްޖެ އައީ 559،638 ފަތުރުވެރިންނެވެ.
މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ މާކެޓުންނެވެ. ދެވަނައަށް އެންމެ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އަދި ތިންވަނައިގައި އޮތީ ރަޝިއާ މާކެޓެވެ. މީގެ އިތުރުން ޖަރުމަނާއި، އިޓަލީއާއި، އެމެރިކާ، ފްރާންސް، ސައުދީ އަރަބިއާ އަދި ސްވިޒަރލޭންޑުގެ އިތުރުން ސްޕެއިންއަކީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުތަކެވެ.
މިއަހަރު ނިމުމުގެ ކުރިން 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި މި އަމާޒު ހާސިލްކުރުމަށް އެމްއެމްޕީއާރުސީއާ ސަރުކާރު ގުޅިގެން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.