ކ. މާލެ
|
18 ޖުލައި 2022 | ހޯމަ 13:09
ލެވަންޑޯސްކީ
ލެވަންޑޯސްކީ
ބާސެލޯނާ
ލެވަންޑޯސްކީ ބާސާއަށް ބަދަލުވުން
ބާސާގެ ކުޅުންތެރިންނާ ބައްދަލުވެ، ލެވަންޑޯސްކީ ހުރީ ތަށި ކާމިޔާބުކުރުމުގެ އަޒުމުގައި
އުންމީދަކީ ސީޒަން ފެށިގެން ގޮސް ނިމެންދެން ތަށި ކާމިޔާބުކުރުން

ބަޔާން މިއުނިކް ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވި ޕޮލޭންޑުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީ ފުރަތަމަ ފަހަރަށް ބާސާގެ ކުޅުންތެރިންނާ ބައްދަލުކޮށްފިއެވެ.

ލެވަންޑޯސްކީ ޓީމުގެ ކުޅުންތެރިންނާ ބައްދަލުކުރީ އެމެރިކާގެ ފްލޮރިޑާގައެވެ. ޕްރީ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމުގެ ކުޅުންތެރިން މިހާރު ތިބީ ފްލޮރިޑާގައެވެ. ފްލޮރިޑާއަށް ގޮސް ލެވަންޑޯސްކީ ވަނީ ބާސާގެ ކުޅުންތެރިންގެ އިތުރުން އެ ކުލަބުގެ ރައީސް ޖޯން ލަޕޯޓާއާ ވެސް ބައްދަލުކޮށްފައެވެ.

ޓީމާ ގުޅުމަށްފަހު ލެވަންޑޯސްކީ ބުނީ ގިނަ ދުވަސްތަކެއްގެ މަސައްކަތަށް ފަހު ޓީމާ ގުޅުމުން އޭނާ ވަރަށް ހިތްހަމަ ޖެހޭކަމަށެވެ. ފާއިތުވި ދުވަސްތަކަކީ ދިގު ދުވަސްތަކެއްކަން ފާހަގަކުރަމުން އޭނާ ބުނީ އެންމެ ފަހުން ޑީލް ކާމިޔާބުކުރެވިއްޖެ ކަމަށާއި، މިހާރު އޭނާގެ ފޯކަސް ހުރީ ކެރިއަރުގެ އައު ޗެޕްޓާއަށް ކަމަށެވެ. އޭނާ އަކީ އަބަދުވެސް ޓީމަށް ތަށި ހޯދައިދޭން ބޭނުންވާ ކުޅުންތެރިޔެއްކަން ފާހަގަކުރަމުން ލެވަންޑޯސްކީ ބުނީ، ކުރިއަށް އޮތް ސީޒަން ފެށިގެން ގޮސް ނިމެންދެން ތަށި ކާމިޔާބުކުރުމަކީ އުންމީދެއް ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ އަބަދުވެސް ލަލީގާގައި ކުޅުމަކީ އޭނާ ބޭނުންވާ ކަމެއް ކަމަށާއި، ބޮޑެތި ކުލަބުތަކަށް ކުޅެން ބޭނުންވާކަމަށެވެ. ބާސާ މިހާރު އޮތް އުނދަގޫ ހާލަތުން އަރައިގަނެ، ޓީމު އެންމެ އުހަށް ގެންދިޔުމަަށް އޭނާ މަސައްކަތް ކުރާނެ ކަން ފާހަގަކޮށް، ލެވަންޑޯސްކީ ބުނީ ބާސާއާއެކު ކާމިޔާބުކުރެވެން ހުރި ހުރިހާ ތައްޓެއް ކާމިޔބުކުރަން ބޭނުންވާކަމަށެވެ.

ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒްއާ ގުޅޭ ގޮތުން ލެވަންޑޯސްކީ ބުނީ، ޒަވީގެ ވިސްނުމަކީ ރަނގަޅު ވިސްނުމެއް ކަމަށާއި، އޭނާ ބާސާއަށް އައުމަށް އެންމެ ބޮޑަށް ފަސޭހަވީ އެކަމުގެ ސަބަބުން ކަމަށެވެ. ޒަވީއަކީ ބާސާއަށް ކުރިން ކުޅެދީފައި ހުރި ވަރުގަދަ ކުޅުންތެރިޔަކަށްވުމުން، ބާސާއަށް ކޯޗުކަން ކޮށްދޭންވީ ގޮތް ޒަވީއަށް އެނގޭނެކަމަށް ލެވަންޑޯސްކީ ބުންޏެވެ. ބަސާގައި ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިން ހިމެނޭކަން ފާހަގަކޮށް އޭނާ ބުނީ، އެ ކުޅުންތެރިންނާއެކު ކުރިއަށް އޮތް ސީޒަނުގައި ގިނަ ކަންތައްތަކެއް ކާމިޔާބުކުރެވޭނެ ކަމަށެވެ.

ބަޔާނާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ޓީމު ދޫކޮށްލަން ނިންމުމާ ގުޅޭ ގޮތުން ލެވަންޑޯސްކީ ބުނީ އެއީ އޭނާ ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. ޓީމު ދޫކޮށްލަން ލެވަންޑޯސްކީ ނިންމި ނަމަވެސް، ބަޔާނުން ފުރަތަމަ ވަނީ އޭނާ ދުނުކުރާނެ ކަމަށް ބުނެފައެވެ. ނަމަވެސް ފަހު ވަގުތު އެންމެ ރަނގަޅު ގޮތަކީ ލެވަންޑޯސްކީ ބޭނުންވާ ގޮތަށް އޭނާ ދޫކޮށްލުން ކަމަށް ބުނެ ބަޔާނުން ވަނީ ލެވަންޑޯސްކީ ބާސާއަށް ދިޔުމަށް އެއްބަސްވެފައެވެ.

- ކޮމެންޓް