ކ. މާލެ
|
18 ޖުލައި 2022 | ހޯމަ 12:33
ވިނަރެސް ފްލެޓް
ވިނަރެސް ފްލެޓް
ވަން އޮންލައިން
ވިނަރެސް އެޕާޓްމެންޓް
ވިނަރެސް އެޕާޓްމެންޓުތައް ގަތުމަށް ހުޅުވާލައިފި
ފޯމް ހުށަހަޅަންޖެހެނީ އޮންލައިންކޮށް
ސެޕްޓެމްބަރު 15ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ “ވިނަރެސް” ހައުސިންގ މަޝްރޫއުއިން އެޕާޓްމެންޓް ގަތުމަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ވިނަރެސް ފްލެޓުތައް ގަތުމަށް އެދި ފޯމު ހުށަހަޅަން ހުޅުވާލާފައިވަނީ އޮންލައިންކޮށް ކަމަށެވެ. އެއީ މައި ހުޅުމާލެ ޕޯޓަލް މެދުވެރިކޮށެވެ.

އެޗްޑިސީން ބުނީ މި އޮންލައިން ޕްލެޓްފޯމަށް ލޮގިން ކުރެވޭނީ އީ-ފާސް މެދުވެރިކޮށް ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް 15 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ ކުރިން 12:00ގެ ކުރިން ފޯމު ހުށަހެޅޭނެ ކަމަށެވެ.

ވިނަރެސް މަޝްރޫއުގެ ދަށުން ޗައިނާގެ ސީއެމްއީސީއާ ހަވާލުކޮށްގެން 10 ޓަވަރުގެ މަސައްކަތް ކުރިއަށްގެންދެއެވެ. މި 10 ޓަވަރުގައި ޖުމްލަ 1344 ފްލެޓް ހަދާއިރު މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދިޔަ ހައުސިން މަޝްރޫއުތަކުުގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު މަޝްރޫއެވެ. މިހާތަނަށް ހިންގި އެންމެ ބޮޑު މަޝްރޫއަކީ ހިޔާ މަޝްރޫއެވެ.

އެޗްޑީސީން ވަނީ ވިނަރެސް ފްލެޓްތައް ލިބޭނެ މީހުންގެ ޝަރުތުތައް އާންމުކޮށްފައެވެ. ބަލާނެ އާންމު އުސޫލުގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތަކަށްވުމާއި އުމުރުން 18 އަހަރުފުރުމާއި މާލޭގައި ރެޖިސްޓްރީވެފައިވާ ރައްވެއްސަކަށްވުމެވެ. މި އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މާލެސިޓީ އިން ނުވަތަ ޕްރައިވެޓް ރިއަލްއެސްޓޭޓް މާރކެޓްއިން ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް އެއީ 600 އަކަފޫޓަށްވުރެ ބޮޑު ތަނެއް ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައި އޮވެގެންނުވުމަކީވެސް ޝަރުތެކެވެ. މި އެޕްލިކޭޝަންގެ ދަށުން އެވޯޑް ކުރެވޭ ހައުސިންގ ޔުނިޓް ލިބޭފަރާތަކުން މާލެ ސިޓީގައި ޕްރައިވެޓް ރިއަލްއެސްޓޭޓް ހައުސިންގ ޑިވެލޮޕްމަންޓަކަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަންފަށާނަމަ، މި މަޝްރޫއުގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަން ދަޢުލަތަށް އަނބުރާ ނެގޭނެއެވެ. މީގެއިތުރުން މައި އެޕްލިކަންޓް ގޮތުގައި ހިމެނޭ ފަރާތް ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި، މާލެސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ އެއްވެސް ތަނެއް އެއީ 600 އަކަފޫޓު ނުވަތަ އެއަށްވުރެ ބޮޑު ތަނެއް ވިއްކާފައި އޮވެގެން ނުވާނެއެވެ.

މި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓް އަދި ކޯއެޕްލިކަންޓްއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ. މަހަކަށްޖެހޭ ޖުމްލަ އާމްދަނީ 61000ރ (ފަސްދޮޅަސް އެއްހާށް) އަށްވުރެ އިތުރަށް ލިބޭ ފަތާތްތަކަށް މި ސްކީމްގައި ބައިވެރިއެއް ނުވެވޭނެއެވެ. މައި އެޕްލިނަންޓްއަކީ މާލެސިޓީއިން ފުރަތަމަ ފަހަރަށް އެޕާޓްމަންޓެއް ގަންނަ ފަރާތަކަށް ވާންޖެހޭއިރު ފުރަތަމަ ފަހަރަށް އެޕާޓްމަންޓް ގަންނަ ފަރާތަކީ ފްލެޓެއް، އެޕާޓްމެންޓެއް ނުވަތަ މާލެ ސިޓީގައި 600 އަކަފޫޓަށް ވުރެއް ބޮޑު ބިމެއް ނެތް ފަރާތްތައްކަމަށް ވާންވާނެއެވެ.

ވިނަރެސް ފްލެޓްތަކުގައި ހަތަރު ބާވަތެއްގެ އެޕާޓްމެންޓު ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމެންޓުތަކެވެ. އޭގެ ތެރެއިން ސްޓޭންޑާޑް ވިއު އެޕާޓްމެންޓުގައި ހުންނާނީ 883 އަކަފޫޓެވެ. ނަމަވެސް ބާކީ ތިން ބާވަތުގެ އެޕާޓްމެންޓުގައި 902 އަކަފޫޓު ހުންނާނެއެވެ.

އޭގެ ތެރެއިން ކޮންމެ އެޕާޓްމެންޓެއްގެ އަގު ވެސް 2.5 މިލިއަން ރުފިޔާއިން މަތީގައި އުޅޭ އިރު އެންމެ އަގު ބޮޑީ މެރީނާ ސައިޑް އެޕާޓްމެންޓްތަކެއްގައެވެ. އެ އެޕާޓްމެންޓްތަކުގެ އަގު ތިން މިލިއަން ރުފިޔާއަށް އަރައެވެ.

މި ފްލެޓުތަކަށް ކުލިދެއްކުމަށް ދެ ގޮތެއް އެޗްޑީސީން ވަނީ ކަނޑައަޅާފައެވެ. ފުރަތަމަ ގޮތަކީ އެޕާޓްމަންޓްގެ އަގުގެ 15 ޕަސެންޓާއި 19 ޕަސެންޓާ ދެމެދުގެ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމެވެ. އެއަށްފަހު ބާކީ އަދަދު 20 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

ދެވަނަ ގޮތަކީ އެޕާޓްމެންޓްގެ އަގުގެ 20 ޕަސެންޓް ނުވަތަ އެއަށްވުރެއް މަތީ އަދަދެއް ޑައުންޕޭމެންޓްގެ ގޮތުގައި ދެއްކުމަށް ފަހު ބާކީ އަދަދު 25 އަހަރަށް ބަހާލައިގެން ދެއްކުމެވެ.

އެޗްޑީސީން ބުނީ އެ ދެ ގޮތަށްވެސް އެޕާޓްމަންޓްގެ ޑައުންޕޭމެންޓް އެއްފަހަރާ ނުވަތަ މަޝްރޫއު ނިމޭ ތާރީޚާއި ހަމައަށް ބަހާލައިގެން ދެއްކޭނެ ކަމަށެވެ. އެޕާޓްމެންޓްގެ މަހު ކުލި ދައްކަންޖެހޭނީ އެޗްޑީސީން ނިންމާފައިވާ ގޮތުގެ މަތިން މަޝްރޫއު ނިމި އެޕާޓްމަންޓާއި ހަވާލުވާން ފަށާ ތާރީޚުން ފެށިގެންނެވެ.

- ކޮމެންޓް