އާދިއްތަ ދުވަހަކީ މުޅި ރާއްޖެއަށްވެސް މޫސުން ގޯސް ދުވަހެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުނެވެ. މާލެއަށްވެސް ވަރަށް ބޯކޮށް ވާރޭ ވެހުނެވެ. ހަވީރު އޮފީސް ނިންމާލާފައި ގެއަށް ދިޔަ ގަޑީގައި މަދުމަދުން މަގުތައް މަތީގައި މީހުން އުޅޭތަން ފެނެއެވެ. އޭރުވެސް ބޯކޮށް ވާރޭވެހެއެވެ. އޭގެ ތެރެއިން ބައެއް މީހުން ލޮލުގައި އަޅައިގަތެވެ. އެއީ އެމީހުންގެ ހައިސިއްޔަތު މަތިވެގެންނެއް ނޫނެވެ. އެ ބޯ ވިއްސާރައިގެ ތެރޭގައި އެމީހުން ކުރަމުންދިޔަ މަސައްކަތުންނެވެ.
އެވަގުތު ވެމްކޯގެ ހީވާގި މުވައްޒަފުން ދިޔައީ އެމީހުންގެ ކޮންމެ ދުވަހެއްގެވެސް މަސްއޫލިއްޔަތު އަދާކުރަމުންނެވެ. ވިއްސާރަ ކޯޓެއް ލައިގެން ގޭގެއިން ކުނި ނަގަމުންނެވެ. ވިއްސާރައެއް ކަމަކު އެމީހުންގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ. ގައިމު ބޯކޮށް ވާރޭ ވެހޭ ދުވަހަކު އެމީހުންގެ ގޭގަ މަޑުކޮށްލާ ހިތްހަމަޖައްސާލަން ބޭނުންވާނެ ނޫންހެއްޔެވެ. އެކަަމަކު އެމީހުން ނިކުމެ ތިބީ ގައުމަށް ޚިދުމަތް ކޮށްދޭށެވެ. އަހަރުމެންނަށް ޚިދުމަތް ކޮށްދޭށެވެ. އެމީހުން އެކަން ނުކޮށްފިނަމަ މާލޭގެ ހަނި މަގުތަކުގައާއި، ދުވާރުތައް މަތީގައި ހިނގާބިނގާވެ އުޅެން އުނދަގޫވާނެ ވަރު ވިސްނާލެވެއެވެ. ދޭހާ އަތްވެއްގައި، ވެހޭހާ ވާރޭއެއްގައި އެމީހުން އެ ކުރަމުންދާ މަސައްކަތަށް އަހަރުމެން އެންމެން ޝުކުރުވެރިވާންޖެހެއެވެ.
ހަމައެކަނި ވެމްކޯގެ މުވައްޒަފުންނެއް ނޫނެވެ. ބޯކޮށް ވާރޭ ވެހިއްޖެނަމަ ހިނގަން އުނދަގޫވާ ވަރަށް މާލޭގެ މަގުތަކުގައި ފެން ބޮޑުވެއެވެ. ފެން ބޮޑުވާ ކޮންމެ ފަހަރަކު މަގުތަކުން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްގެ މުވައްޒަފުން ނިކުމެއެވެ. އާންމުން ނިކުމެއެވެ. އާދިއްތަ ދުވަހު ކުރި ވިއްސާރައިގައިވެސް މާލޭގެ މަގުތަކުގައި ވަރަށް ބޮޑަށް ފެން ހެދުނެވެ. ބޯ ވިއްސާރަގަނޑު ތެރޭގައި އެމްއެންޑީއެފްގެ ބޭފުޅުން ދިޔައީ ފެން ޕަމްޕު ޖަހައިގެން މަގުތަކުން ފެން ހިންދަމުންނެވެ. ނުހަނު ބުރަ މަސައްކަތެކެވެ. ބޯ ވާރޭގެ ތެރޭގައި އެބޭފުޅުން ކުރަމުންދިޔަ މަސައްކަތަށް ގިނަ ބަޔަކު ދިޔައީ ތައުރީފު ކުރަމުންނެވެ.
މާލޭގެ ޓްރެފިކަކީ ވާރޭ ވެހުނަސް ނުވެހުނަސް، ބާރުބޮޑުކަމުން ކޮންޓްރޯލްކުރަންވެސް އުނދަގޫ ކަމެކެވެ. ވަކިން ޚާއްސަކޮށް ބޯކޮށް ވާރޭ ވެހޭނަމަ ޓްރެފިކް ކޮންޓްރޯލްކުރަން އުނދަގުލެވެ. މާލެއިން ހުޅުމާލެއަށް ދާ ބްރިޖަށް އަރާ ޕޮއިންޓުގައި ޓްރެފިކް ކޮންޓްރޯލްކުރަމުންދަނީ ލައިޓު ބަހައްޓައިގެންނެވެ. ބައެއް ފަހަރު އެތަނުގައި ފުލުހުންވެސް ތިބެއެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނު ވަގުތު އެތަނުގައި ޓްރެފިކް ކޮންޓްރޯލް ކުރަން ފުލުހެއް ނެތީ ކަމަށް ވެދާނެއެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަނީ ޓްރެފިކް ލައިޓް ވަކިނުވާ ވަރަށް ބޯކޮށް ވާރޭ ވެހޭ މަންޒަރެވެ. އެވަގުތު އެތަނުން ދުއްވާފަ ދިޔަ ފުލުހެއް އޭނާގެ ސައިކަލު ޕާކުކުރުމަށްފަހު މެދުގައި ހުއްޓިހުރެ ދިޔައީ އަތުގެ ނިޝާނުން ޓްރެފިކް ކޮންޓްރޯލް ކުރަމުންނެވެ.
މީގެ އިތުރުން ރެސްޓޯރެންޓުތަކުގައި މަސައްކަތްކުރާ ޑެލިވަރީ ބޯއީއިންނަކީވެސް ވާރޭ ވެހުނަސް ޑެލިވަރ ކުރުމުގައި އަވަދިނެތި އުޅޭ ބައެކެވެ. ވާރޭ ވެހުނަސް އެމީހުންގެ މަސައްކަތަކަށްވެސް ހުއްޓުމެއް ނާދެއެވެ. މިއީ ހައްތަހާވެސް އަހަރުމެން ޝުކުރުވެރި ވާންޖެހޭ ކަންކަމެވެ. މޫސުން ގޮސްވިޔަސް ލިބެންޖެހޭ ޚިދުމަތްތައް ލިބެނީ ބައެއްގެ މިންނެތް މަސައްކަތުންކަން ބަލައިގަންނަން ޖެހެއެވެ.