ކ. މާލެ
|
18 ޖުލައި 2022 | ހޯމަ 09:25
ރޮނާލްޑޯ
ރޮނާލްޑޯ
ޓްވިޓަރ
ޔުނައިޓެޑު ދޫކޮށްލަން ރޮނާލްޑޯ ބޭނުންވުން
ސްޕޯޓިން ލިސްބަންއަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރޮނާލްޑޯ ދޮގުކޮށްފި
ރޮނާލްޑޮ ބުނެފައިވަނީ ފެތުރެމުން ދަނީ "ފޭކް" ވާހަކަތަކެއް ކަމަށް

މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށް އޭނާގެ ކުރީގެ ކުލަބް ސްޕޯޓިން ލިސްބަންއަށް ބަދަލުވާން އުޅޭކަމަށް ދެކެވޭ ވާހަކަ ކްރިސްޓިއާނޯ ރޮނާލްޑޯ ދޮގުކޮށްފިއެވެ.

ނިމުނު ސީޒަނަށްފަހު ރޮނާލްޑޯ ވަނީ ޔުނައިޓެޑު ދޫކޮށްލަން ބޭނުންވާކަން ކުލަބަށް އަންގާފައެވެ. ޓީމު ދޫކޮށްލަން ބޭނުންވާކަން ހާމަކޮށް، ރޮނާލްޑޯ ވަނީ އަމިއްލަ އާއިލީ ސަބަބަކާ ހެދި ކަމަށް ބުނެ ޔުނައިޓެޑުގެ ޕްރީ ސީޒަންގެ ފަރިތަކުރުތަކަށް ވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ރޮނާލްޑޯ އަންނަނީ އޭނާގެ ކުރީގެ ކުލަބް ލިސްބަންއަށް ބަދަލުވާން މަސައްކަތް ކުރަމުންނެވެ. ޕޯޗުގަލްގެ ޓީވީ ޗެނަލެއް ކަމަށްވާ، ސްޕޯޓްސް ޓީވީގެ އިންސްޓަގްރާމްގައި އެވާހަކަ ރިޕޯޓުކޮށް ވަނީ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯގައި ފެންނަނީ ރޮނާލްޑޯގެ ކާރު ލިސްބަންގެ ރަސްމީ ދަނޑު ކައިރީގައި ޕާކުކޮށްފައި ވަނިކޮށްކަމަށް ބުނެފައިވެއެވެ. އެވާހަކަތައް ދޮގުކޮށް އިންސްޓަގްރާމް ރިޕްލައިއެއްގައި ރޮނާލްޑޯ ބުނީ އެއީ "ފޭކް" ވާހަކައެއް ކަމަށެވެ.

ލިސްބަންއަކީ ރޮނާލްޑޯ އޭނާގެ ސީނިއަރ ކެރިއަރު ފެށި ކުލަބެވެ. ލިސްބަން ދޫކޮށް އޭނާ ބަދަލުވީ ޔުނައިޓެޑަށެވެ. އޭގެ ފަހުން ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑާއި، ޔުވެންޓަސްއަށް ވެސް ކުޅެފައެވެ. ޔުވެންޓަސް ދޫކޮށްލުމަށް ފަހު ރޮނާލްޑޯ އަނެއްކާ ވެސް ބަދަލުވީ ޔުނައިޓެޑަށެވެ. އެ ޓީމަށް ބަދަލުވެ ރޮނާލްޑޯއަށް އެ ޓީމާއެކު އެދެވޭ ކާމިޔާބެއް ހޯދިފައެއް ނުވެއެވެ. ނިމުނު ސީޒަންގެ ޕްރިމިއަރ ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބުމުން، ކުރިއަށް އޮތް ސީޒަނުގައި އެ ޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގުން ޖާގައެއް ނުލިބުނެވެ. އެހެންކަމުން ޔުނައިޓެޑް ކުޅެން ޖެހޭނީ ޔޫރޮޕާ ލީގެވެ. ރިޕޯޓުއް ބުނާ ގޮތުގައި ޔުނައިޓެޑް ދޫކޮށްލަން ރޮނާލްޑޯ ބޭނުންވާ ސަބަބަކީ އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގަ ގެއްލުމެވެ.

ޓީމު ދޫކޮށްލަން ރޮނާލްޑޯ ނިންމުމާއެކު އޭނާގެ އެޖެންޓު ޖޯޖް މެންޑޭސް އަންނަނީ އެކި ކުލަބުތަކަށް އޭނާ ގެންދިޔުމުގެ އޮފާ ކުރަމުންނެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް ކުލަބަކުން މިހާތަނަށް ހުށަހެޅުން ޤަބޫލުނުކުރާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ރޮނާލްޑޯ ގެންދިޔުމާ ގުޅޭ ގޮތުން ބަޔާން މިއުނިކުން ބުނީ، އޭނާގެ ސޮއި ހޯދުމަކީ މިވަގުތު ބަޔާނާއި ބުންޑެސާ ލީގަށް އެންމެ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށެވެ. މީގެ އިތުރުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ޗެލްސީއަށް މިވަގުތު ބޭނުންވަނީ ފޯވާޑެއް ނޫން ކަމަށާއި، ޓީމަށް ބޭނުންވަނީ ޑިފެންސްގައި ކުޅޭނެ ރަނގަޅު ކުޅުންތެރިން ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި މި ދެ ޓީމުގެ އިތުރުން ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ވެސް ވަނީ ރޮނާލްޑޯގެ އެޖެންޓުގެ ހުށަހެޅުން ރިޖެކްޓުކޮށްފައެވެ.

- ކޮމެންޓް