އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނުގެ ހުޅަނގު ސަރަހައްދެއްގައި ހުންނަ އެޕާޓްމަންޓު ބްލޮކެއްގައި ބުދަ ދުވަހުގެ ރޭ އަލިފާން ރޯވުމުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެ ކަމަށް އޮފިޝަލުން ބުނެފިއެެވެ.
އަލިފާން ނިއްވުމުގެ މަސައްކަތުގައި 200 އަލިފާން ނިއްވާ މީހުން އުޅޭ އިރު 40 ފަޔާ އިންޖީނު ހަރަކާތްތެރިވެއެވެ.
ލަންޑަނުގެ ނޯތް ކެންސިންޓަންގެ ގްރެންފެލް ޓަވަރުގައި ރޯވި އަލިފާންގަނޑު ނިއްވުމަށް އަލިފާން ނިއްވާ މީހުން އަދިވެސް މަސައްކަތް ކުރަމުންދާއިރު، މަންޒަރުދުށް މީހުން ބުނާގޮތުން އަދިވެސް އިމާރާތުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތާށިވެފައި އެބަތިއްބެވެ. އަދި އެމީހުން އެހީއަށް އެދި ގޮވަމުންދާ ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެއެވެ. ލަންޑަން އެމްބިއުލާން ސާވިސް އިން ބުނާގޮތުން ހޮސްޕިޓަލުގައި 50 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ރިޕޯޓުތައް ބުނާގޮތުން އަލިފާން ރޯވި 24 ބުރީގެ އިމާރާތް ބިމާ ހަމަވެދާނެ ކަމުގެ ބިރުވެސްް މިހާރު އެބައޮތެވެ.
ލަންޑަނުގެ ފަޔާ ކޮމިޝަނަރު ޑެނީ ކޮޓަން ވިިދާޅުވީ ވަރަށް ބޮޑު ހާދިސާއެއް ކަމަށާއި މިފަދަ ކަމެއް އަދި އޭނާ ނުދެކޭ ކަމަށެވެ.
އަލިފާން ރޯވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުނެއެވެ. ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހާދިސާ ރިޕޯޓްކުރުމަށް ފުލުހުންނަށް ގުޅާފައިވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 1:16ގައި ކަމަށެވެ.
އަލިފާން ރޯވި ގްރެންފެލް ޓަވަރަކީ 1974 ގައި އިމާރާތް ކޮށްފައިވާ 120 ފްލެޓް ހިމެނޭ ޓަވަރެކެވެ.