Advertisement
ކ. މާލެ
|
17 ޖުލައި 2022 | އާދީއްތަ 16:10
އޭޖީ އޮފީސް
އޭޖީ އޮފީސް
އޭޖީ އޮފީސް
އޭޖީ އޮފީހުގެ މަސައްކަތް
ދައުލަތާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކުގެ އަދަދު 93ށް އަރާ
އޮފީހުން ދައުވާ ކުރި މައްސަލަތަކުގެ އަދަދަކީ 90
ދައުލަތަށް ރައްދުވާ ދައުވާތަކުގެ އަދަދަކީ 93
ދައުލަތަށް ރައްދުވާ ދައުވާތައް އެންމެ ގިނައިން ހުށައެޅިފައިވަނީ ސިވިލް ކޯޓަށް

ދައުލަތާ ދެކޮޅަށް މިއަހަރު އުފުލާފައިވާ ދައުވާތަކުގެ އަދަދު 93ށް އަރާކަމަށް އެޓަރނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުން ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

އޭޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޭޖީ އޮފީހުން ދައުވާ ކުރި މައްސަލަތަކުގެ އަދަދަކީ 90 އެވެ. ދައުލަތަށް ރައްދުވާ ދައުވާތަކުގެ އަދަދަކީ 93 އެވެ.

ދައުލަތުން ދައުވާ ކުރި 90 މައްސަލަ ބެހިފައިވާ ގޮތަށް ބަލާއިރު، ފެމިލީ ކޯޓުގައި 38 މައްސަލަ، ސިވިލް ކޯޓުގައި 33 މައްސަލަ، ހައިކޯޓުގައި 9 މައްސަލަ، މެޖިސްޓްރޭޓު ކޯޓުތަކުގައި 8 މައްސަލަ، އަދި ސުޕްރީމް ކޯޓުގައި 2 މައްސަލަ ހިމެނެއެވެ.

ދައުލަތަށް ރައްދުވާ ދައުވާތައް އެންމެ ގިނައިން ހުށައެޅިފައިވަނީ ސިވިލް ކޯޓަށެވެ. އެއީ 48 މައްސަލައެވެ.

Advertisement

އޭގެ އިތުރުން، މެޖިސްޓްރޭޓު ކޯޓުތަކުގައި 22 މައްސަލަ، ހައިކޯޓުގައި 13 މައްސަލަ، ސުޕްރީމް ކޯޓުގައި 8 މައްސަލައެއް ހިމެނެއެވެ.

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއާއި، އަރބިޓްރޭޝަން ސެންޓަރުގައިވެސް ދައުލަތާ ދެކޮޅަށް ހުށައެޅިފައިވާ މައްސަލައެއް ހިމެނެއެވެ.

މި އަހަރުގެ ޖެނުއަރީ 1ން ފެށިގެން ޖޫން މަހުގެ 30 ގެ ނިޔަލަށް 428 މައްސަލައެއްގެ ގާނޫނީ ލަފާ އެޓާނީ ޖެނެރަލްގެ އޮފީހުން ދީފައިވެއެވެ. އެ އޮފީހުން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ދައުލަތުގެ މުއައްސަސާތަކުން ލަފާ ހޯދުމަށްޓަކައި ޖުމްލަ 471 މައްސަލައެއް ހުށަހަޅާފައިވާއިރު 428 ކަމަކާ ގުޅޭ ގޮތުން ލަފާ ދީފައިވެއެވެ.

އޭގެތެރެއިން ބިލް ތަސްދީގު ކުރުމާ ގުޅޭ ގޮތުން 7 ލަފާދީފައި ވާއިރު އެއްބަސްވުންތަކުގައި ސޮއިކުރުމާއި ގުޅޭ ގޮތުން 122 ލަފާ ވަނީ ދީފައެވެ. ގަވާއިދުތަކާ ގުޅޭ ގޮތުން 81 ލަފާ ދީފައިވާއިރު އުސޫލުތަކާ ގުޅޭ ގޮތުން 26 ލަފާ ވަނީ ދީފައެވެ. އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން 187 ލަފާ ވަނީ ދީފައެވެ.

އެޖީ އޮފީހުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ކުރީ ސަރުކާރުން ވަޒީފާތަކުން ވަކިކުރި 19 މައްސަލައެއްގައި, ދައުލަތުން ބަދަލުގެ ގޮތުގައި 6 މިލިޔަން ރުފިޔާ އެފަރާތްތަކަށް ދީފައިވާކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިފްއަތު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް