އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ރާއްޖޭގައި ހޯސްޓު ކުރުމުގެ އެންމެ ބޮޑު މަޤްސަދަކީ ދިވެހި އެތުލީޓުންނަށް އެމީހުންގެ ހުނަރު އަމިއްލަ ޤައުމުގައި ދައްކާލުމުގެ ފުރުސަތު ހޯދައިދުނުމަށް ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިހެން ވިދާޅުވީ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް ފެށުމުގެ ގޮތުން ކ.މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަޚްލޫފް ވިދާޅުވީ ބޮޑީ ބިލްޑިންގ މުބާރާތަކީ މިއަހަރު ރާއްޖޭގައި ބޭއްވޭ ބައިނަލްއަޤުވާމީ ތިން ވަނަ މުބާރާތް ކަމަށެވެ. ބައިނަލްއަޤުވާމީ އިތުރު މުބާރާތްތަކެއް ރާއްޖޭގައި ބާއްވާނެކަން ފާހަގަކޮށް މަޚްލޫފް ވިދާޅުވީ، ބޮޑީ ބޯޑިން، ވޮލީބޯޅަ، ބީޗް ވޮލީބޯޅައިގެ އިތުރުން ބާސްކެޓު މުބާރާތެއް ރާއްޖެއިން ހޯސްޓު ކުރާނެ ކަމަށެވެ.
ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ބޮޑީ ބިލްޑިންގ އިން ވަނީ ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައި. ނަމަވެސް ދިވެހި އެތުލީޓުންނަށް ނުލިބޭ ފުރުސަތަކީ އެ މީހުންގެ ހުނަރުތައް އަމިއްލަ ޤައުމުގައި ދައްކާލުމުގެ ފުރުސަތު. އަޅުގަނޑުމެން މި މުބާރާތް ހޯސްޓު ކުރުމުގެ މައިގަނޑު މަޤްސަދަކީ ދިވެހި އެތުލީޓުންނަށް އެ ފުރުސަތު ހޯދައިދިނުން. އަދި އަޅުގަނޑުމެން މިތިބީ ދުނިޔޭގެ ފެންވަރުގެ ޓްރެއިންރަކާއެކު މުބާރާތަށް ފުރިހަމައަށް ތައްޔާރުވެގެން. އަޅުގަނޑު އުންމީދުކުރަނީ ދިވެހި ޓީމުގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނެރެދޭނެ ކަމަށް.އަޙްމަދު މަޚްލޫފް / ޔޫތު މިނިސްްޓަރު
ހުރިހާ ކުޅިވަރަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކުރީ އެއްވެސް ސަރުކާރަކުން ކޮށްނުދޭ މިންވަރަށް އަދުގެ ސަރުކާރުން ބޮޑީ ބިލްޑިންގ އަށް ކަންކަން ކޮށްދެމުންދާ ކަމަށް މިނިސްޓަރު މަޚްލޫފް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން، އެތުލީޓުންނަށް ދުނިޔޭގެ ފެންވަރުގެ ފުރުސަތު ހޯދައި ދިނުމަށް ޔޫތު މިނިސްޓްރީން އަބަދު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ކުޅިވަރު އާއިލާއަށް އަރުވާފައެވެ. އެކަންކަމާއެކު ކުޅިވަރަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަން ވެސް މަޚްލޫފް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު މަޚްލޫފް ވަނީ ބޮޑީ ބިލްޑިންގ މުބާރާތާއެކު ރާއްޖޭގެ ޓުއަރިޒަމަށް އޭގެ ފައިދާ ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. މަޚްލޫފް ވިދާޅުވީ އަހަރުގެ ކުރީކޮޅު ބޭއްވުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއާއެކު ރާއްޖޭގެ ޓުވަރިޒަމަށް ފައިދާތަކެއް ކުރި ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމާއި، ހުނަރުވެރި އެތުލީޓުން އުފެއްދުމަށް ކުރައްވާ މަސައްކަތް ފާހަގަކޮށް މަޚްލޫފް ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ޝުކުރު އަދާކުރައްވާފައެވެ.