ވޯލްޑް ޗެމްޕިއަންޝިޕް އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރު ނިމި، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިިޔާ ހަސަން ސާއިދު ފުރަތަމަ ބުރުގައި ވާދަކޮށްފިއެވެ.
ސާއިދުއަށް ފުރަތަމަ ބުރު ފަހަނައަޅައި ދެވޭ ގޮތް ނުވީ ހީޓުގެ އެންމެ ފަހަތުން ނިންމަން ޖެހުމުންނެވެ. 100 މީޓަރުގެ ޕްރިލިމިނަރީ ބުރުގައި ސާއިދުއަށް ލިބުނީ ފަސް ވަނައެވެ. އޭނާ ޕްރިލިމިނަރީ ބުރު ނިންމާފައިވަނީ 10.77 ސިކުންތުންނެވެ. ސާއިދު ފުރަތަމަ ބުރު ނިންމީ، 10.83 ސިކުންތުންނެވެ.
ޕްރިލިމިނަރީ ބުރުގައި ސާއިދު ހިމެނުނު ހީޓުގެ ގަދަ ހަތަރެއްގައި ނިންމި އެތުލީޓުންނަކީ އެއް ވަނައިގައި ނިންމި ޕެރަގުއޭގެ ސެޒާ އަލްމިރޯން، ދެ ވަނައިގައި ނިންމި ތަޖިކިސްތާންގެ އިލްދާރު އަހްމަދިއޭފް، ތިން ވަނަ އަށް ދިޔަ ލެބަނަންގެ ނޫރައްދީން ހަދީދް އަދި ހަތަރުވަނަޔަށް ނިންމި ބެލީޒްގެ ޝޯން ގިލްއެވެ. ޝޯން ގިލް ހީޓު ނިންމާފައިވަނީ ސައިދަށްވުރެ މިލި ސިކުންތެއް އަވަހަށް، 10.76 ންނެވެ.
ފުރަތަމަ ބުރުގައި ސާއިދު ވާދަކުރި ހީޓުގެ އެއް ވަނަ މަގާމު ހޯދީ އެމެރިކާގެ ފްރެޑް ކާލީއެެވެ. ދެ ވަނަ އިނގިރޭސި ދުވުންތެރިޔާ ޒާނެލް ހިއުސް ހޯދިއިރު، ތިން ވަނަ ހޯދީ ލައިބީރިއާގެ އެމަނުއަލް މަޓާޑީއެވެ. މި ހީޓުގެ ހަތަރު ވަނަ ނައިޖީރިއާގެ ފޭވޯ އޮޖީނީ ހޯދިއިރު، ފަސް ވަނަ ހޯދީ ޗައިނާގެ ބިންޝިއާން ސޫއެވެ. ފަސް ވަނަ ހޯދި ބިންޝިއާން ސޫ ވަނީ ދެ ވަނަ ބުރުގެ ފަހު ޖާގައެއް ހޯދާފައެވެ. މި ހީޓުގެ ފުލުގައި އޮތީ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޖެރަޑް އެލްކޮކް އާއި ގުޔާނާގެ އެމަނުއަލް އޯޗިބޯލްޑްގެ އިތުރުން ސާއިދުއެވެ.
ސާއިދު އަށް މިއަހަރު ދެން އޮތް ދެ ގޭމްސްއަކީ ޖުލައި މަހުގެ ފަހުކޮޅު އިނގިރޭސި ވިލާތުގައި އޮންނަ ކޮމަންވެލްތު ގޭމްސް އާއި އަންނަ މަހު ތުރުކީގައި އޮންނަ އިސްލާމިކް ސޮލިޑަރިޓީ ގޭމްސްއެވެ.