އިޓަލީގެ ބޮޑުވަޒީރު މާރިއޯ ޑްރާގީގެ އިސްތިއުފާ ބަލައިނުގަންނަން އެގައުމުގެ ރައީސް ސަރޖިއޯ މެޓަރެލާ ނިންމަވައިފިއެވެ.
އިޓަލީގެ ސަރުކާރު ހިއްސާވާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އިން، ސަރުކާރުގެ އިތުބާރު އޮތް މިންވަރު ބެލުމަށް މަޖިލީހުގައި ނެގި ވޯޓު ވަނީ ބޮއިކޮޓްކޮށްފައެވެ. ޑްރާގީ ނިސްބަތްވާ ޕާޓީއިން އެ ނިންމުން ނިންމުމާއެކު އޭނާ ވަނީ ބުރާސްފަތި ދުވަހު އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރައްވާފައެވެ.
ޑްރާގީގެ އިސްތިއުފާ ބަލައިނުގަނެ އެގައުމުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ގައުމުގެ ސިޔާސީ ހާލަތު އިތުރަށް ސާފުކުރުމަށް މަޖިލީހުގެ ތެރެއިން މަސައްކަތްކުރުމަށް އަންގާފައެވެ.
މިކަމާއި ގުޅިގެން ޑްރާގީ ދެއްވި ސްޓޭޓްމަންޓް އެއްގައި ވިދާޅުވީ ސަރުކާރު އުފެދުނީއްސުރެ ސަރުކާރަށް ތާއީދުކޮށްފައިވާ ޕާޓީއެއްގެ ތާއީދު މިއަދު ނެތްކަން ހާމަވެފައިވާކަމަށެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި، އިތުބާރުގެ ވޯޓުގައި ސަރުކާރު ކޯލިޝަންގެ ޕާޓީއަކުން ބައިވެރިނުވީ އެ ގައުމުގައި ތަކެތީގެ އަގުތައް މައްޗަށްދިއުން ހުއްޓުވުމަށް ޑްރާގީއަށް އެކަށީގެންވާ މަސައްކަތްޕުޅެއް ނުކުރެއްވޭތީއެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
