މިހާރު ކުރިއަށްދާ އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު ގްރޫޕު އެކެއްގެ ހަތަރުވަނަ މެޗު ބުރު ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ ކުޑަ ހެންވޭރު ޔުނައިޓެޑާއި ވާދަކޮށްގެންނެވެ. މި މެޗު ބުރުން ކާމިޔާބުކުރީ 3-2ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބުރުން ދެލަނޑުގެ ލީޑެއް ނެގިއެވެ. ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި ބުރަށް ލީޑު ނަގައިދިނީ ސަރބިއާގެ ސްޓްރައިކަރު ސްޓެފަން ޑުރިކްއެވެ. އޭގެ 10 މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ތަސްނީމްއެވެ.
ނަމަވެސް ކުޑަ ހެންވޭރުން ވަނީ ދެވަނަ ހާފުގައި ލަނޑެއްޖަހާ އުންމީދު އައުކޮށްފައެވެ. ކުޑަ ހެންވޭރުގެ ފުރަތަމަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖަހައިދިނީ ބިދޭސީ ކުޅުންތެރިޔާ އިސްމާއިލް ފިކްރީއެވެ. އޭގެ އެއް މިނެޓު ފަހުން ބުރުގެ އަހްމަދު ރަޝީދު އެޓީމަށް ލީޑު ފުޅާކޮށްދިން ނަމަވެސް މެޗު ނިމުމުގެ ކުރިން ކުޑަ ހެންވޭރުގެ އަކްމަލް މުހައްމަދު ވަނީ އިތުރު ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ.
މުބާރާތުގައި ހުކުރު އަދި ހޮނިހިރު ދުވަހު އޮންނާނީ ދެވަނަ ގްރޫޕުގެ މެޗުތަކެވެ. ހުކުރު ދުވަހުގެރޭ ބައްދަލުކުރާނީ ބީޖީ ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ.