ކ. މާލެ
|
14 ޖުލައި 2022 | ބުރާސްފަތި 20:43
ބިސްބުރާއި ޖޭޖޭ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
ބިސްބުރާއި ޖޭޖޭ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދެވަނަ ޑިވިޝަން
ފަހަތުން އަރައި ޖޭޖޭ ސްޕޯޓްސް މޮޅުވެއްޖެ
މި މެޗު ޖޭޖޭ ސްޕޯޓްސްއިން ކާމިޔާބުކުރީ 4-3ން

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުގައި ފަހަތުން އަރައި ޖޭޖޭ ސްޕޯޓްސް ކްލަބް މެޗު ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު ގްރޫޕު އެކެއްގެ ތިންވަނަ މެޗު ޖޭޖޭ ސްޕޯޓްސްއިން ކާމިޔާބުކުރީ 4-3ންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޖޭޖޭ ސްޕޯޓްސްއިންނެވެ. އެޓީމަށް ލީޑު ނަގައިދިނީ ހުސައިން ނިޔާޒު މުހައްމަދުއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ބިސްބުރުގެ ބިދޭސީ ކުޅުންތެރިޔާ އާމިރު މެމަރީ މަނޭޝްވަނީ ތިން ލަނޑުޖަހައި އެޓީމަށް ރަނގަޅު ލީޑެއް ނަގައިދީފައެވެ.

ޖޭޖޭ ސްޕޯޓްސް ކްލަބު މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ތިން ލަނޑު ޖަހައި، ފަހަތުން އަރައި ބިސްބުރުގެ މައްޗަށް ކުރިހޯދައިގެންނެވެ. ދެވަނަ ހާފުގައި ޖޭޖޭ ސްޕޯޓްސްއަށް އުންމީދު އައުކޮށްދިނީ ފުރަތަމަ ލަނޑު ޖެހި ނިޔާޒުއެވެ. އޭގެ ފަހުން މެޗުގެ ފަހު 10 މިނެޓުގައި އެޓީމަށް ދެލަނޑު ޖަހައިދިނީ އިސާމް މުހައްމަދާއި މުއާޒް އަލީއެވެ.

މުބާރާތުގައި ރޭ ބައްދަލުކުރަން އޮތީ ދިވެހި ސިފައިންގެ ކްލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބެވެ. ނަމަވެސް ކެޕިޓަލް ސިޓީގެ އެއްވެސް އޮފިޝަލަކު ދަނޑަށް ހާޒިރުނުވުމުން ސިފައިންނަށް ވަނީ ތިން ޕޮއިންޓާއި ފައިދާ ދެގޯލާއެކު މެޗު ލިބިފައެވެ.

މުބާރާތުގައި މިރޭ ބައްދަލުކުރާނީ ގްރޫޕް އެކެއްގެ ކުޑަ ހެންވޭރު ޔުނައިޓެޑާއި ބުރު ސްޕޯޓްސް ކްލަބެވެ. ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އޮންނާނީ ދެވަނަ ގްރޫޕުގެ މެޗުތަކެވެ.

- ކޮމެންޓް