ކ. މާލެ
|
14 ޖުލައި 2022 | ބުރާސްފަތި 18:26
ގޮތަބަޔާ ރާޖަޕަކްސަ
ގޮތަބަޔާ ރާޖަޕަކްސަ
-
ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތުން
ގޮތަބަޔާ ވަޑައިގަތީ ހިމާޔަތް ހޯއްދަވައިގެނެއްނޫން: ސިންގަޕޫރު
ގޮތަބަޔާ ސިންގަޕޫރުގެ ހިމާޔަތަށް އެދިވަޑައިގެންފައިނުވާކަމަށް އެ ގައުމުން ބުނޭ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގަތީ ހިމާޔަތް ހޯއްދަވައިގެން ނޫންކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފިއެވެ.

އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ނެރެފައިވާ ބަޔާނެއްގައި ވަނީ، ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށާއި، އެ ހުއްދަ އެމަނިކުފާނަށް އަރުވާފައިވާކަމަށެވެ. އަދި އެމަނިކުފާނު ސިންގަޕޫރުގެ ސަރުކާރުގައި ހިމާޔަތަށް އެދިވަޑައިގެންފައި ނުވާކަމަށާއި އެފަދަ ހިމާޔަތެއް ދީފައި ނުވާނެކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ސިންގަޕޫރަކީ އާއްމުކޮށް މީހުންނަށް ހިމާޔަތް ދޭ ގައުމެއް ނޫންކަމަށްވެސް އެ ގައުމުގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ސިންގަޕޫރު ސަރުކާރުން ނެރުނު ބަޔާން

ގޮތަބަޔާ ފިއްލަވައިގެން އަންގާރަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އެންމެ ފުރަތަމަ ވަޑައިގަތީ ރާއްޖެއަށެވެ. ރާއްޖޭގައި 1 ދުވަސް ހޭދަކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގަތީ ބުރާސްފަތި ދުވަހުގެ ހަވީރު 5:30ހާއިރުއެވެ.

ލަންކާގެ ނޫހެއްކަމަށްވާ ނިއުސް ކަޓާގައި ސިންގަޕޫރުގެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ ގޮތަބަޔާ އެ ގައުމުގައި ދެތިން ދުވަހު މަޑުކުރައްވާނެކަމަށެވެ.

ބޭރުގެ މީޑިއާތައް ރިޕޯޓްކުރާގޮތުގައި ގޮތަބަޔާ ސިންގަޕޫރުގައި މަޑުކުރެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ ސައޫދީ އަރަބިއްޔާއަށެވެ. އެ ގައުމުން އެމަނިކުފާނަށް ހިމާޔަތް އަރުވާފައިވާކަމަށްވެސް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

ގައުމުގެ ރައްޔިތުން ހާލުގައި ޖެއްސުމަށްފަހު ގޮތަބަޔާ ފިއްލަވައިގެން ރާއްޖެވަޑައިގަތުމުން ލަންކާ ރައްޔިތުން ވަނީ ރާއްޖެއާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން، ލަންކާގައި ދިރިއުޅޭ ދިވެހިން ވެސް ވަނީ އެކަން ކުށްވެރިކޮށް މުޒާހަރާކޮށްފައެވެ.

- ކޮމެންޓް