އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އަދި ކޮންޒަވޭޓިވް ޕާޓިގެ ލީޑަރުގެ މަގާމް އަށް ވާދަ ކުރައްވާ 8 ބޭފުޅުންގެ ތެރެއިން 2 ބޭފުޅުން ރޭހުން ބޭރުވެއްޖެއެވެ.
ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި ބުދަ ދުވަހު ވަނީ ވޯޓުލުން ކުރިއަށްގެންގޮސްފައެވެ. އެގޮތުން މަޖިލިސް މެމްބަރުންގެ މެދުގައި ނެގި ވޯޓުން އެންމެ މަދު ވޯޓު ލިބުމުގެ ސަބަބުން ރޭހުން ބޭރުވެފައިވަނީ ޗާންސެލަރ ނަދީމް ޒަހާވީ އާއި މަޖިލިސް މެމްބަރު ޖެރެމީ ހަންޓްއެވެ.
ފުރަތަމަ ބުރުގެ ވޯޓުގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ތެރެއިން ބޮޑުވަޒީރުގެ ރޭހުން ބޭރުވަނީ 30 ވޯޓު ކާމިޔާބު ނުކުރެވޭ ބޭފުޅުންނަށެވެ. އެގޮތުން، ނަދީމް އަށް 18 ވޯޓު ލިބުނުއިރު ޖެރެމީ އަށް ލިބުނީ 25 ވޯޓެވެ.
އިނގިރޭސިވިލާތުގެ ބޯދުވަޒީރުކަމަށް ކޮންޒަވޭޓިވް ޕާޓިގެ 8 ބޭފުޅަކު ވާދަ ކުރެއްވިއިރު މިހާރު ރޭހުގައި ބާކީ ތިބީ 6 ބޭފުޅުންނެވެ. އެއީ އެ ޤައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް އާއި ފޮރިން ސެކްރެޓަރީ، މިނިސްޓަރ ފޯރ ވުމަން އެންޑް އިކުއަލިޓީ، ލިޒް ޓްރޫސް އާއި މަޖިލިސް މެމްބަރު ޓޮމް ޓަގެންދަޓް އާއި މަޖިލިސް މެމްބަރު ކެމީ ބެޑެނޮކް އާއި ސްޓޭޓް މިނިސްޓަރ ޕެނީ މޯރޑޮންޓް އަދި އެޓަރނީ ޖެނެރަލް ސުއެލާ ބްރެވަމަން އެވެ.
ކޮންޒަވޭޓިވް ޕާޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި އެންމެ ކުރީގައި އުޅުއްވަނީ ރިޝީ ސުނާކް އެވެ. އޭނާއަށް 88 ވޯޓު ވަނީ ލިބިފައެވެ.
ސުނާކް އަކީ މިފަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާނެ 2 ބޭފުޅުންގެ ތެރޭގައި ހިމެނޭނެ އެކަކު ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ މަޖިލީހުގައި އޭނާއަށް އޮތް ތާއީދަށް ބަލާފައެވެ. ބޮޑުވަޒީރުކަމަށް ނަން ހުށައެޅުއްވި ބައެއް މެމްބަރުން ވެސް ވަނީ ސުނާކް އަށް ތާއީދުކުރައްވާ އަނބުރާ ނަން ނަންގަވާފައެވެ.
ބޮޑުވަޒީރުކަމަށް ވާދަ ކުރައްވާނެ 2 ބޭފުޅުން ލިބެންދެން ނޮކްއައުޓް އުސޫލުން ވޯޓުލުން ކުރިއަށްދާނެއެވެ. މި ވޯޓުލުން ކުރިއަށްދާނީ ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައެވެ. އެއަށްފަހު ހޮވޭ 2 ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރު އަދި ޕާޓީގެ ލީޑަރު ހޮވަން ޕާޓީގެ ހުރިހާ މެމްބަރުން ވޯޓުލާނެއެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.