މިއަދު ފެށި ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗު ޓެންޓް ސްޕޯޓްސް ކްލަބުން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ކްލަބް ޕީކޭއާ ވާދަކޮށް ޓެންޓް ސްޕޯޓްސް ކްލަބް ކުރިހޯދީ 4-1ންނެވެ. ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ޓެންޓަށް ލީޑުނަގައިދިނީ އަރަޝް އައްސަދު މުހައްމަދުއެވެ. އޭގެ 10 މިނެޓު ފަހުން ޓެންޓަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު ފައިސަލްއެވެ. ޕީކޭގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އަހުމަދު އަބްދުލް އަޒީޒުއެވެ.
ޓެންޓުގެ ބާކީ ދެލަނޑު އެޓީމުން ޖެހީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފެށުނުތަނާ އެޓީމަށް ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑު ޖެހި އަރަޝްއެވެ. ޓެންޓުގެ ފަހު ލަނޑު މެޗުގެ ފަހު ވަގުތުގައި ކާމިޔާބުކޮށްދިނީ ޔޫޝައު ބިން އަލީ ނަޝީދުއެވެ.
މުބާރާތުގައި މިއަދާއި މާދަމާވެސް ކުރިއަށް ދާނީ ގްރޫޕް އެކެއްގެ މެޗުތަކެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ކެޕިޓަލް ސިޓީ ސްޕޯޓްސް ކްލަބެވެ.