ކ. މާލެ
|
13 ޖުލައި 2022 | ބުދަ 11:21
ޕައުލް ޕޮގްބާ
ޕައުލް ޕޮގްބާ
ޓްވީޓަރ
ޕޮގްބާ ޔުނައިޓެޑު ދޫކޮށް ޔުވެންޓަސްއަށް
2016 ވަނަ އަހަރު ޔުނައިޓެޑާ ގުޅެން ނިންމުމަކީ ހެދުނު ގޯހެއްކަމަށް ޕޮގްބާ ޤަބޫލެއް ނުކުރޭ
ޔުނައިޓެޑުގައި ދުވަސްތައް ހޭދަކުރީ ވަރަށް އުފަލުގައި
2016 ވަނަ އަހަރު ޔުނައިޓެޑާ ގުޅެން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ނޫން

އިޓާލިއަން ލީގުގެ ޔުވެންޓަސްގައި ހުރުމަށްފަހު 2016 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން ނިންމުމަކީ ހެދުނު ގޯހެއް ކަމަށް ޤަބޫލު ނުކުރާކަމަށް ޕައުލް ޕޮގްބާ ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ސީނިއަރ ކެރިއަރު ފެށި ޕޮގްބާ އެންމެ ފުރަތަމަ ޔުވެންޓަސްއަށް ބަދަލުވީ ޔުނައިޓެޑަށް ހަތް މެޗު ކުޅެދިނުމަށްފަހުއެވެ. 2012 ވަނަ އަހަރު ޔުވެންޓަސްއަށް ބަދަލުވެ ޕޮގްބާ ވަނީ އެ ޓީމަށް 178 މެޗު ކުޅެދީ 34 ލަނޑު ޖަހައިދީފައެވެ. ޔުވެންޓަސްއާއެކު ޕޮގްބާ ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި އޭނާ ވަނީ އެ ޓީމާއެކު އިޓާލިއަން ލީގު ހަތަރު ފަހަރު އަދި އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް ދެ ފަހަރު ކާމިޔާބުކޮށްފައެވެ. އެއަށްފަހު ޕޮގްބާ ވަނީ 2016 ވަނަ އަހަރު އަނެއްކާ ވެސް ޔުނައިޓެޑަށް ބަދަލުވެފައެވެ. މިފަހަރު ޔުނައިޓެޑާއެކު ހޭދަކުރި ހަތަރު އަހަރުގެ ތެރޭގައި ޕޮގްބާ ވަނީ އެ ޓީމާއެކު ދެ ތަށި ކާމިޔާބުކޮށްފައެވެ. އެއީ 17-2016 ވަނަ އަހަރުގެ ކަރަބޯ ކަޕާއި އެ އަހަރުގެ ޔޫރުޕާ ލީގެވެ. މީގެ އިތުރުން އޭނާ ވަނީ އެ ޓީމާއެކު 21-2020 ގެ ޔޫރޮޕާ ލީގުގެ ރަނަރަޕް ކަން ހޯދާފައެވެ. މި މުއްދަތުގައި ޕޮގްބާ ވަނީ ޔުނައިޓެޑަށް 226 މެޗު ކުޅެދީ 39 ލަނޑު ޖަހާފައެވެެ.

ނިމުނު ސީޒަނަށްފަހު ޕޮގްބާ ވަނީ ޔުނައިޓެޑު ދޫކޮށްލަން ނިންމާފައެވެ. އެ ޓީމު ދޫކޮށް އޭނާގެ ކުރީގެ ކުލަބް ޔުވެންޓަސްއަސް ބަދަލުވުމަށްފަހު ޕޮގްބާ ވަނީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައެވެ. ޕޮގްބާ ބުނީ އޭނާ ޙަޔާތުގައި ކޮންމެ ނިންމުމެއް ވެސް ނިންމަނީ ވަރަށް ވިސްނާފައިކަމަށެވެ. މިހާތަނަށް ނިންމި ހުރިހާ ނިންމުމަކާ މެދު ވެސް ހިތްހަމަޖެހޭކަން ފާހަގަކޮށް ޕޮގްބާ ބުނީ، ބައެއް ފަހަރު ނިންމާ ނިންމުމުގެ ސަބަބުން މީހުން ބޭނުންވާ ނަތީޖާ ނުނިކުމެދާނެކަމަށެވެ. ނަމަވެސް އޭނާ 2016 ވަނަ އަހަރު ޔުނައިޓެޑާ ގުޅެން ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ނޫން ކަމަށާއި، ޔުނައިޓެޑުގައި ދުވަސްތައް ހޭދަކުރީ ވަރަށް އުފަލުގައި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ޔުނައިޓެޑުގައި ހޭދަކުރި ދުވަސްތަކުގައި ވަރަށް ގިނަ ކަންކަން ދަސްވިކަމަށާއި، އޭނާ މީހަކަށްވީ ޔުނައިޓެޑުގައި ހުރި ދުވަސްތަކުގައި ކަމަށް ވެސް ޕޮގްބާ ވަނީ ބުނެފައެވެ.

އިތުރަށް ޕޮގްބާ ބުނީ ޔުނައިޓެޑު ދޫކޮށް، އަނެއްކާ ޔުވެންޓަސްއަށް ބަދަލުވުމަކީ ވެސް އޭނާއަށް ލިބޭ އުފަލެއް ކަމަށެވެ. ޕޮގްބާ ޔުވެންޓަސްއަށް ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. އެ ޓީމުގައި އޭނާ ބޭނުން ކުރާނީ 10 ނަންބަރު ޖަރޒީއެވެ.

- ކޮމެންޓް