ޓްވިޓަރ ގަންނާނެ ކަމަށް ބުނެ ސޮއި ކުރި އެއްބަސްވުމާއި ޚިލާފުވެފައިވާތީ ބިލިއަނަރު އިލޯން މަސްކްއާ ދެކޮޅަށް އެ ކުންފުނިން ދައުވާކޮށްފިއެވެ.
އިލޯން މަސްކުގެ މައްޗަށް ދައުވާކޮށް ޓްވިޓަރ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ އެއްބަސްވުމާއި ޚިލާފުވެފައިވަނީ ބޭނުން ކެނޑުމުން ކަމަށެވެ. އަދި މަސްކުގެ ވިސްނުން ހުރީ އެފަދަ އެއްބަސްވުމަކާއި ޚިލާފުވެ ފަސޭހައިން ދެވިދާނެ ކަމަށް ކަމަށާއި ނަމަވެސް އެހެން ވިޔަ ނުދޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މަސްކު ޓިވްޓަރ ގަންނަން ހުށަހެޅީ 44 ބިލިއަން ޑޮލަރަށެވެ. އޭނާގެ އެ ހުށަހަޅުން ބަލައިގަނެ ޓްވިޓަރ އިން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމާއި ޚިލާފުވާނަމަ 1 ބިލިއަން އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން ޖެހެއެވެ.
ޓްވިޓަރ އާއި މަސްކު އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސްކު ބޭނުންވީ ޓްވީޓަރ ބޭނުން ކުރާ ސްޕޭމް އަދި ފޭކު އެކައުންޓުތަކުގެ އަދަދު އޮޅުން ފިލުވުމަށެވެ. މިއީ ޓްވިޓަރ އިން އެ އަދަދު 5 އިންސައްތަ އަށްވުރެ ދަށްވާނެ ކަމަށް ބުނެފައިވާތީ އޭނާ ބޭނުންވި މައުލޫމާތެކެވެ. ނަމަވެސް އެ މައުލޫމާތު ފޯރުކޮށްދިނުމުގައި ޓްވިޓަރ ނުކުޅެދިފައިވާ ކަމަށް ބުނެ، އޭނާ ވަނީ އެ ކުންފުނި ނުގަންނާނެ ކަމަށް ބުނެފައެވެ.
މަސްކު ގަބޫލު ކުރާ ގޮތުގައި ޓްވިޓަރ ބޭނުންކުރާ އެކައުންޓުތަކުގެ 20 އިންސައްތަ އަށްވުރެ ގިނަ އެކައުންޓުތަކަކީ ފޭކު ނުވަތަ ސްޕޭމް އެކައުންޓުތަކެވެ. މި އެކައުންޓުތަކުން ސައްޙަ ނޫން މައުލޫމާތު ފޯރުކޮށްދޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.