ކޮވިޑް-19 އަކީ އަދިވެސް ދުނިޔޭގެ ހެލްތު އިމަޖެންސީއެއް ކަމަށް ދުނިޔޭގެ ސިއްހީ ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
އަންގާރަ ދުވަހު ޑަބްލިއުއެޗްއޯއިން ބޭއްވި ކުއްލި ކޮމިޓީ ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަދިވެސް ދުނިޔޭގެއެކި ޤައުމުތަކުގައި ކޮވިޑުގެ ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އަދި ވޭރިއަންޓުތައް އިތުރުވުމާއި އެކި ޤައުމުތަކުގެ ސިއްހީ ދާއިރާއަށް އޮތް ބުރައަށް ބަލައި އަދިވެސް މިއީ އިމަޖެންސީއެއް ކަމަށެވެ.
ފާއިތުވި 2 ހަފްތާ ތެރޭގައި ޑަބްލިއުއެޗްއޯއަށް ހުށަހަޅާފައިވާ ކޮވިޑު ކޭސްތަކުގެ އަދަދު ވަނީ 30 އިންސައްތަ އިތުރުވެފައެވެ. އެހެންނަމަވެސް ވެކްސިން ޖެހި އާބާދީ އިތުރުވެ މަރުވާ މީހުންގެ އަދަދާއި ހޮސްޕިޓަލުގައި އެޑްމިޓު ކުރަން ޖެހޭ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް އެ ޖަމިއްޔާއިން ރިޕޯޓް ކުރެއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ވިދާޅުވި ގޮތުގައި ކޮވިޑުގެ ހާލަތުން އަރައިގަނެވެން އަދި ކައިރިވެސް ނުވެއެވެ.
އދ. ގެ ހެލްތު އެޖެންސީން ކޮވިޑު-19 އަކީ ހެލްތު އިމަޖެންސީއެއް ގޮތުގައި އިއުލާން ކުރީ 30 ޖެނުއަރީ 2020ގައެވެ. ހެލްތު އިމަޖެންސީގެ ސަބަބުން ދިރާސާތަކާއި ފަންޑާއި ބައިނަލްއަގުވާމީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަވަސްވާނެއެވެ.