ކ. މާލެ
|
12 ޖުލައި 2022 | އަންގާރަ 16:52
ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ
ބަންގްލާދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ
ޑީޑަބްލިޔު.ކޮމް
ބަންގްލާދޭޝްގެ ހާލަތު
ބަންގްލާދޭޝްވެސް ސްރީލަންކާ ދިޔަ މަގުން ދަނީތަ؟
 
ބޭރުގެ ލޯނު އަދާކުރުމަށް ބަންގްލާދޭޝްއިން 2024 ވަނަ އަހަރުން ފެށިގެން އަހަރަކު ޖުމްލަ 4 ބިލިއަން ޑޮލަރު ދައްކަންޖެހޭނެ

ސްރީލަންކާއަށް ކުރިމަތިވި އިގުތިސާދީ ކާރިސާއަށްފަހު އާންމު ގިނަ ރައްޔިތުން ދަތިހާލުގައި އުޅެމުން ގެންދާތާ އެތައް މަހެއް ވަނީ ވެފައެވެ. އެންމެ ޒަރޫރީ ތަކެތި ކަމަށްވާ ކާބޯތަކެއްޗާއި ބޭހުގެ އިތުރުން، ކައްކާ ގޭހާއި ވެހިކަލްތަކަށް އަޅާނެ ފިއުލްވެސް ވަނީ ހުސްވުމަކާގާތްވެފައެވެ. ބެލަންސް އޮފް ޕޭމަންޓް ރަނގަޅަށް ކުރިޔަށް ނުގެންދެވުމުގެ ސަބަބުން މިތަކެތި ގަތުމަށް ބޭނުންވާ ބޭރުފައިސާ ގައުމުގައި ނެތެވެ. ނަތީޖާއަކަށްވީ ހިތްހަމަނުޖެހުން އިންތިހާއަށްގޮސްފައިވާ އާންމު ރައްޔިތުން މަގުމައްޗަށް ނުކުތުމެވެ. އަދި ސަރުކާރުގެ އިސްތިއުފާއަށް ގޮވައި އަޑުއުފުލަން ފެށުމެވެ. އެއާއެކު އޭރު ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސައާއި އޭނާގެ ކެބިނެޓް އިސްތިއުފާދެއްވިއެވެ. އަދި އައު ޕްރައިމިނިސްޓަރަކު އައްޔަންކުރެވުނެވެ. ދެންވެސް ގައުމުގެ ހާލަތު ރަނގަޅުނުވުމުން އަނެއްކާވެސް މުޒާހަރާތައް ވަރުގަދަކޮށް، ރައްޔިތުން ވަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި އައު ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަވެސް މަގާމުން އިސްތިއުފާދެއްވާނެކަން ޔަގީންކޮށްފައެވެ.

އަވަށްޓެރި ބަންގްލާދޭޝްގެ ރައްޔިތުންވެސް މިވަގުތު ތިބީ އެގައުމަށްވެސް ލަންކާއަށް ދިމާވިފަދަ ގޮތެއް މެދުވެރިވެދާނެތީ ބިރުންނެވެ. ޓްރޭޑް ޑެފިސިޓް އިތުރުވެ ބޭރުގެ ދަރަނީގެ ބުރަ ނުއުފުލޭ ވަރަށް ބޮޑުވެގެން ހިނގައިދާނެތީއެވެ. ލަންކާއަށް ދިމާވި ގޮތުން އިބްރަތެއް ހާސިލްކުރަން އެބަޖެހޭކަމަށް މާހިރުން ދަނީ ބުނަމުންނެވެ.

ފައިދާއެއް ނުލިބޭ ޕްރޮޖެކްޓްތަކަށް ބޮޑެތި ލޯނުތައް ނެގުން

ލަންކާއެކޭ އެއްގޮތަށް ބަންގްލާދޭޝްއިން ވެސް އައީ، އެކަމަކުން މާލީ ފައިދާ ނުލިބޭ އަގުބޮޑު ޕްރޮޖެކްޓްތަކަށް ބޭރުން ބޮޑެތި ލޯނުތައް ނަގަމުންނެވެ. މިފަދަ ލޯނުތަކުގެ ބުރަ ޖެހެނީ ލޯނު އަނބުރާ ދެއްކުމުގެ ވަގުތު އައުމުންނެވެ.

ބަންގްލާދޭޝްގެ އިކޮނޮމިސްޓް އަދި ޗިޓަގޮންގ ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމަށްވާ މުއީނުލް އިސްލާމް ފާހަގަކުރެއްވިގޮތުގައި، ބަންގްލާދޭޝްއިން ނިއުކްލިއަރ އިންޖީނުގެއެއް އެޅުމަށްޓަކައި ރަޝިޔާއިން 12 ބިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވެއެވެ. މިތަނުގެ ކެޕޭސިޓީއަކީ އެންމެ 2400 މެގަވޮޓެވެ. ލޯނު 20 އަހަރުން ދައްކާގޮތަށް އޮތްނަމަވެސް އިންސްޓޯލްމަންޓަށް ބަހާލައިގެން 2025ވަނަ އަހަރުން ފެށިގެން އަހަރަކު 565 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ.

އިސްލާމް އަންދާޒާކުރެއްވިގޮތުގައި ބަންގްލާދޭޝްއިން ބޭރުގެ ލޯނު އަދާކުރުމަށް 2024 ވަނަ އަހަރުން ފެށިގެން އަހަރަކު ޖުމްލަ 4 ބިލިއަން ޑޮލަރު ދައްކަންޖެހޭނެއެވެ. އަދި ލޯނުތައް ނަގައިގެން ހެދި ގިނަ ތަންތަނުން އާމްދަނީ ލިބެމުން ނުދިއުމާއެކު މިވަރުގެ އަދަދެއް ބަންގަލާދޭޝްއަށް ނުދެއްކޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫއެންޑީޕީގެ ޑާކާ އޮފީހުގައި މަސައްކަތްކުރައްވާ އިކޮނޮމިސްޓް ނާޒްނީން އަހުމަދު މިމައްސަލައިގައި ވިދާޅުވި ގޮތުގައި، މިފަދަ "ބޭކާރު" ޕްރޮޖެކްޓްތަކަށް ދެން އިތުރަށް ޚަރަދުނުކޮށް އަވަހަށް ޕްރޮޖެކްޓްތައް ނިންމޭނެކަން ސަރުކާރުން ޔަގީންކުރަންޖެހެއެވެ. މިފަދަ ބިޔަ ޕްރޮޖެކްޓްތައް ކުރިޔަށްގެންދިއުމުގައި ފަރުވާކުޑަނުކޮށް، އަދި ކޮރަޕްޝަނަށްވެސް ޖާގަނުދީ، ކަނޑައެޅުނު ބަޖެޓުގެ ތެރެއިން އަވަހަށް ނިންމައިގެން މެނުވީ ލޯނުތައް ނުދެއްކޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ތަކެތީގެ އަގު އުފުލެމުންދާދިއުމުގެ އަސަރު އެންމެ ބޮޑަށް ކުރަނީ ފަގީރުންނަށް

ބަންގްލާދޭޝްގެ މާރުކޭޓެއް

ބޭރުގެ ދަރަނި އަދި ޑެފިސިޓްގެ މައްސަލައިގެ އިތުރުން ޒަރޫރީ ތަކެތީގެ އަގުތައް ދަނީ އިންތިހާއަށް އުފުލެމުންނެވެ. ފެބްރުއަރީމަހުގެ ފަހުކޮޅު ފެށުނު ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އިންފްލޭޝަން މައްޗަށް އަރައިގެންދިޔައެވެ. ބަންގްލާދޭޝްއަކީވެސް ފިއުލްގެ އިތުރުން ކައްކާ ތެލާއި ގޮދަނާއި އެހެންވެސް ކާބޯތަކެތީގެ ބޮޑުބައެއް ބޭރުން އިމްޕޯޓްކުރާ ގައުމަކަށްވާއިރު، ދުނިޔެއަށް އަންނަ މިފަދަ ލޮޅުންތަކުގެ އަސަރު އެގައުމަށް ކުރާލެއްބޮޑެވެ. ތަކެތި އަގުބޮޑު ވުމުން ފަގީރުންނަށް ކުރިމަތިވާ ދަތި ފޫބެއްދުމަށްޓަކައި ސަރުކާރުން ވިޔަފާރިތަކަށް ސަބްސިޑީ ދޭންޖެހެއެވެ. އަދި ސޯޝަލް ސެކިއުރިޓީ ނިޒާމްގެ ތެރެއިންވެސް ސަރުކާރުން ފަގީރުންނަށް ޚަރަދުތަކެއްކުރެއެވެ. މިއީވެސް މާލީ ބުރައެކެވެ.

ޔޫކްރެއިން ހަނގުރާމައާއި އަދި ސްރީލަންކާއަށް ދިމާވި ގޮތުގެ އިބްރަތަށްފަހުވެސް، ކޮވިޑް-19ގެ ހާލަތު ރަނގަޅުވުމުން ދުނިޔޭގެ އިގުތިސާދު ރަނގަޅުވެއްޖެނަމަ މި ދަތިތަކުން އަރައިގަނެވޭނެކަމަށް އިގުތިސާދީ މާހިރުން އަންދާޒާކުރެއެވެ. ޚާއްސަކޮށް ދެން ކޮވިޑް-19 ފަދަ ބޮޑުކަމެއް ކުރިމަތިނުވެއްޖެނަމަ ދުނިޔޭގެ އިގްތިސާދު ރަނގަޅުވާނެކަމުގެ އުންމީދު ކުރެވެއެވެ.

ބޮޑުވަޒީރު ޝެއިޚް ހަސީނާ ވަނީ އާންމުން ޚަރަދުކުޑަކުރުމަށް ގޮވާލައްވާފައި

ބޭރުފައިސާގެ ރިޒަރވް ހިފަހައްޓައި، ޚަރަދުކުޑަކުރުމަށް ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރުން ވަނީ ފިވަޔަޅުތަކެއް އަޅަން ފަށާފައެވެ. މިގޮތުން ސަރުކާރު އޮފިޝަލުންގެ ބޭރު ދަތުރުތައް މަޑުޖައްސާލައި، އަދި ބޭރުން ތަކެތި އެތެރެކޮށްގެން ނިންމަންޖެހޭ ޕްރޮޖެކްތްތައް ވަނީ ފަސްކޮށްފައެވެ. މީގެ އިތުރުން އާންމު ރައްޔިތުންގެ ފެންވަރުގައިވެސް ޚަރަދުތައް ކުޑަކުރުމަށް ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.

އިގުތިސާދީ މާހިރުން ވިދާޅުވާގޮތުގައި، އިގުތިސާދު މެނޭޖްކުރުމުގައި ވަރަށް ވިސްނުންތެރިކަމާއެކު ކަންތައްނުކޮށްފިނަމަ ސަރުކާރު ދެމިއޮތުމަށް ވަރަށް ބޮޑަށް ހުރަސްއެޅިގެންދާނެއެވެ. އާންމުން މަގުމައްޗަށް ނުކުންނާނެއެވެ. އެންމެ ފަހުން ބޭއްވުނު އިންތިޚާބާމެދުވެސް ގިނަބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ. ކުރިޔަށް އޮތް ދެ ހައަހަރެއްހާ ދުވަހުގެތެރޭގައި އަލުން އިންތިޚާބު ބާއްވަންޖެހޭއިރު، ތަކެތި އަގުބޮޑުވާތީ ގިނަބަޔަކު ހިތްހަމަ ނުޖެހިފައި ތިބި މިދަނޑިވަޅުގައި އިންތިޚާބެއްގެ ކަންތަކާ އުޅުމަކީވެސް އެހާބުއްދިވެރިކަމެއްނޫނެވެ.

މިވަގުތުން މިވަގުތަށް އިގުތިސާދީ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެކަމުގެ އިޝާރާތްތައް އިގުތިސާދީ މާހިރުންނަށް އަދި ފެންނަން ނެތްނަމަވެސް، ލަންކާ ދިޔަ މަގުން ބަންގްލާދޭޝް ދިޔަނުދިނުމަށްޓަކައި ހިންގުން ރަގަޅުކޮށް، މާލިއްޔަތު ރަނގަޅަށް މެނޭޖްކުރުން ވަރަށްވެސް މުހިންމެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
14%
57%
29%
0%
0%
0%
ކޮމެންޓް
12 ޖުލައި 2022 | އަންގާރަ 19:56
ނަސީދު
ދެން ރާއްޖެ މިދާ މަގުގެ ތަފްސީލުވެސް ލިޔެލި ނަމަ، ތިމީހުނަށްތާ އެންމެ ރަނގަޅަށް އެގޭނީ މިހާރު މިދާ މިސްރާބު،،