ޤާނޫނު އަސާސީގެ އިމުގެ ތެރެއިން، ހުރިހާ ޕާޓީއެއްގެ ޝާމިލުވުން އެކުލެވޭ ސަރުކާރެއް އެކުލަވާލުމަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާއި 6 ވަނަ ދައުރަކަށް ހަވާލުވެވަޑައިގެން ހުންނެވި ސިޔާސީ ތަޖުރިބާކާރު، ރަނިލް ވިކްރަމަސިންގހަ ވިދާޅުވެއްޖެއެވެ.
ޒަރޫރީ ބޭނުންތައް ނުފުދި އިންތިހާ ބިކަ ހާލުގައި ޖެހިފައިވާ ސްރީލަންކާގެ ރައްޔިތުން މަގުތަކަށް ނުކުމެ، ރައީސް އަދި ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ސުންނާފަތި ކޮށްލި ފަހުން ފުރަތަމަ ފަހަރަށް ދެއްވި އާންމު ބަޔާނުގައި ވިކްރަމަސިންގހަ ވަނީ، ހަމަ ތިބެލާފައި އާންމުންނަށް، މަޖިލީހަކަށް ޕްރެޝަރެއް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެމީހުން އައިސް އަހަރެންގެ ގޭގައި ހުޅުޖެހީ. ހަމަ އެކަނި އެޔެއް ނޫން، ރައީސްގެ ގެކޮޅުވެސް ހިފީ. ރައީސް އޮފީސްވެސް. ހުރިހާ ލިޔެކިއުންތަކެއް އެފުށް މިފުށަށް ޖެހީ. ސަރުކާރެއް މަސައްކަތް ކުރަން ޖޭހެނީ ގާނޫނީ އިމުން. އަހަރަމެންވެސް މަސައްކަތް ކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް. ގާނޫނުން ބޭރުން އަހަރަމެންވެސް މަސައްކަތެއް ނުކުރާނަން. ކަންކަން ކުރާށޭ ކިއާ، ގާނޫނުން ބޭރުން މަޖިލީހަށް ޕްރެޝަރެއް ނުކުރެވޭނެ. އަހަރެން މިތާ މި ހުރީ ގާނޫނުގެ ހިމާޔަތުގަ. މީހުންގެ ވާހަކަތައް އަޑު އަހާ ހިނދު، ގާނޫނުވެސް ހިމާޔަތް ކުރަން. އަހަރަމެންނަށް މިއަދު ބޭނުން ވަނީ ހުރިހާ ޕާޓީއެއްގެ ޝާމިލުވުން އެކުލެވޭ ސަރުކާރެއް. އެކަން ހާސިލު ކުރަން އަހަރެންވެސް މަސައްކަތް ކުރާނަންރަނިލް ވިކްރަމަސިންގހަ؛ ސްރީލަންކާގެ ބޮޑުވަޒީރު
ހުރިހާ ޕާޓީއެއްގެ ބައިވެރިވުމާއި ޝާމިލުވުން އެކުލެވޭ ވަގުތީ ސަރުކާރެއް ގާއިމު ކުރުމަށް ފުރުސަތު ފަހި ކުރުމުގެ ގޮތުން، ޚުދު އޭނާވެސް ބޮޑުވަޒީރުކަމުގެ މަގާމު ދޫކޮށްލައްވާނެ ކަމަށް ވިކްރަމަސިންގހަ ވަނީ ވިދާޅުވެފައެވެ. އަދި ގާނޫނު އަސާސީ ހިމާޔަތް ކުރެއްވުމަކީ އަމާޒު ހިއްޕަވައިގެން ހުންނެވި ކަމެއް ކަމަށްވެސް ވިކްރަމަސިންގހަ ވަނީ ފާހަގަކުރައްވާފައެވެ.
ކަން މިހެން އޮތް އިރު އިދިކޮޅު ލީޑަރު، ސަޖީދު ޕްރޭމަދާސަ ވިދާޅުވީ، ސްރީލަންކާގައި މިއަދު އޮތް ސަރުކާރާއި އެ ސަރުކާރުގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނާ މަތިވެފައި އޮތް ރައްޔިތުންގެ މެންޑޭޓޭއް ނޯންނާނެ ކަމަށެވެ. އަދި އޭނާވެސް ހުންނެވީ އާ ސަރުކާރެއް އެކުލަވާލުމަށް ތައްޔާރަށް ކަމަށް ޕްރޭމަދާސަ ވަނީ ވިދާޅުވެފައެވެ.
އަހަރަމެންގެ މި ފުރިހަމަ އުފަން ބިން ސުންނާފަތިކޮށްލަން ރައީސްއާއި ބޮޑުވަޒީރު އެއްބައިވެގެން އައި ހިސާބުން އެ ބޭފުޅުންގެ މައްޗަށް އޮތް ރައްޔިތުންގެ މެންޑޭޓު ނިމިއްޖެ. އަހަރަމެން، އިދިކޮޅުން މި ތިބީ އިސް ނަގަން ތައްޔާރަށް ގައުމަށް ހަމަޖެހުން ގެނެސް، ގައުމީ އިގުތިސާދު އާރާސްތު ކުރަން ތައްޔާރަށް. އަހަރަމެން އެކުލަވާލާނަން ސަރުކާރެއް، ރައީސްއާއި ބޮޑުވަޒީރުގެ ލީޑާޝިޕްގެ ދަށުން ހިނގާނެ ސަރުކާރެއް. ދެން އެހެން ހައްލެއް ނެތް. މަޖިލީހުގައި މި ކަމަށް ދެކޮޅު ހަދައިފި މީހަކާ މެދު އަހަރަމެން ދެކޭނީ އެއީ ޣައްދާރެއްގެ ގޮތުގަ. އަހަރަމެން މިތިބީ މިވަޒަން ހިމާޔަތް ކުރަން ތައްޔާރަށް. އިސް ނަގަން ތައްޔާރަށް. ގައުމުގެ އިގުތިސާދު ކޮޅަށް ޖަހަން ތައްޔާރަށްސަޖީދު ޕްރޭމަދާސަ؛ ލަންކާގެ އިދިކޮޅު ލީޑަރު
ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުދޭނެ ފަދަ ވެސް ނެތި، އިންތިހާ ބިކަ ހާލުގައި ޖެހިފައިވާ ރައްޔިތުންތަކެއް މަގުތަކަށް ނިކުމެ، އެންމެ ފަހުން ރިޔާސީ ގަނޑުވަރު ވަށާލާ، އެ ގަނޑުވަރަށް ދިން ބޮޑެތި ގެއްލުންތަކާއެކު ޕްރެޝަރު ބޮޑުވެ، ޖުލައި 13 ވަނަ ދުވަހު މަގާމުން ފައިބާވަޑައިގަތުމަށް، އަވަށްޓެރި ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަޕަކްސަ ވަނީ ނިންމަވާފައެވެ.
ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެ ގައުމަށް ވަގުތީ ރައީސަކު އައްޔަން ކުރުމާއެކު، ބޮޑުވަޒީރަކުވެސް އައްޔަން ކުރެވޭނެއެވެ. އެއަށްފަހު އާ އިންތިހާބެއް ބާއްވާ، މަޖިލީސް އެކުލަވާލުމަށް ފުރުސަތު ފަހި ކުރެވިގެންދާނެއެވެ.